28 Feb 2015, 19:37
ރާއްޖޭގެ ޓޭބަލް ޓެނިސް އެސޯސިއޭޝަނުން މިއަހަރު އެ އެސޯސިއޭޝަންގެ ބަޖެޓުގެ ގޮތުގައި ދެ މިލިއަން ރުފިޔާ ކަނޑައަޅައިފި އެވެ.
ޓީޓީ އެސޯސިއޭޝަންގެ އަހަރީ ބަޖެޓު ކަނޑައަޅާފައި ވަނީ މި މަހުގެ 25 ވަނަ ދުވަހުގެ ރޭ ބޭއްވި އެ އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގައެވެ. ޓީޓީ އެސޯސިއޭޝަނުން ބުނީ އޭޖީއެމްގައި ފާސްކުރި ދެ މިލިއަން ރުފިޔާގެ ބަޖެޓު އެ އެސޯސިއޭޝަނުން ހަރަދުކުރަން ނިންމާފައި ވަނީ މިއަހަރު ބާއްވަން ހަމަޖައްސާފައިވާ މުބާރާތްތަކަށާއި، އެ އެސޯސިއޭޝަންގެ ވައިޑީޕީ ޕްރޮގްރާމަށް ކަމަށެވެ.
ޓީޓީ އެސޯސިއޭޝަނުން ބާއްވަން ރާވާފައިވާ ލޯކަލް މުބާރާތްތަކާއި ބައިވެރިވާ ބައިނަލްއަގްވާމީ މުބާރާތްތަކުގެ އިތުރުން، މި އަހަރު ރާއްޖެތެރޭ ރަށްތަކުގައި ޓީޓީ އިތުރަށް ތަރައްގީކޮށް ކުރިއެރުވުމަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށްވެސް ޓީޓީ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.
އަހަރީ ބަޖެޓު ފާސްކުރުމުގެ އިތުރުން، އޭޖީއެމްގައި ޓީޓީ އެސޯސިއޭޝަނުން ވަނީ އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ ހުސްވެފައިވާ މަގާމަކަށް މެންބަރަކު އައްޔަނު ކޮށްފައެވެ. ޓީޓީ އެސޯސިއޭޝަންގެ އޭޖީއެމްގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން އެ މަގާމަށް އައްޔަނު ކޮށްފައި ވަނީ ބީޖީ ސްޕޯޓްސްގެ ރެޕްރެޒެންޓޭޓިވް އަބްދުﷲ ޝަރީފް އެވެ.
ޓީޓީ އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގައި 2014 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި ފައިނޭންޝަލް ރިޕޯޓު ވަނީ އިއްވާފައެވެ. އަދި ޓީޓީ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީން އާންމު ގަވައިދަށް ގެނައި ބައެއް ބަދަލުތައް އެ ޖަލްސާގައި އެސޯސިއޭޝަންގެ މެންބަރުންނާ ވަނީ ހިއްސާ ކޮށްފައެވެ.
ޓީޓީ އެސޯސިއޭޝަންގެ އޭޖީއެމްގައި އެ އެސޯސިއޭޝަންގެ ހުރިހާ މެންބަރުންގެ އިތުރުން ކްލަބް ތަކުގެ ރެޕްރެޒެންޓޭޓިވްސް ވެސް ވަނީ ބައިވެރިވެފައެވެ. އަދި އޭޖީއެމް ކުރިއަށް ގެންގޮސްފައި ވަނީ ޓީޓީ އެސޯސިއޭޝަންގެ ނައިބު ރައީސް އަލީ ރަޝީދުގެ ޗެއާޕާސަން ކަމުގެ ދަށުންނެވެ.