ސަންޢާ : ޔަމަންގެ ރައީސް ޢަލީ ޢަބްދުﷲ ސާލިޙް މަޤާމުން ދުރުކުރުމަށް ގޮވާލައި އެޤައުމުގެ ރައްޔިތުންގެ އެތަށް ހާސްބަޔަކު ވެރިރަށް ސަންޢާގައި މިއަދުވެސް މުޒާހަރާކުރަން ފަށައިފިއެވެ.
މުޒާހަރާކުރާ މީހުންވަނީ ރައްޔިތުން، ސާލިޙްގެ ވެރިކަން ބޭނުންނުވާ ކަމުގެ ޢިބާރާތްތައް ލިޔެފައިވާ ބޯޑުތަކާއި ފޮތިތައް އުފުލައި އޭނާއާ އިދިކޮޅު ޝިޢާރުތައް އުފުލާފައެވެ. ޔަމަންގެ އެތަށް ހާސްބަޔަކު އިއްޔެވެސް މިގޮތަށް މުޒާހަރާކުރިއެވެ. ނަމަވެސް ސަލާމަތީ ބާރުތަކުންވަނީ ބާރުގެ ބޭނުންކޮށްގެން މުޒާހަރާ ރޫޅާލައި ބައެއްމީހުން ހައްޔަރުކޮށްފައެވެ. ސާލިޙްގެ ވެރިކަން ނިމުމަކަށް ގެނައުމަށް ގޮވާލައި އެކިދުވަސްމަތިން ޔަމަންގެ ރައްޔިތުންގެ ބަޔަކު މުޒާހަރާކޮށް އިޙްތިޖާޖް ކުރަމުން ގެންދާތާ މިހާރުވަނީ މަހެއްހާ ދުވަސް ވެފައެވެ.

މިއަދުގެ މުޒާހަރާއާ ދެކޮޅަށް ސާލިޙަށް ތާއީދުކުރާ ފަރާތްތައް ނުކުތުމުން ދެފަރާތުގެ ދެމެދުގައި ކުރިމަތިލުންތަކެއް ހިނގައި ބައެއް މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބުނު ކަމަށް ޚަބަރުތައް ބުނެއެވެ. މީގެ އަހަރުތަކެއް ކުރިން ސާލިޙްގެ ވެރިކަމާދެކޮޅަށް ރައްޔިތުން ތެދުވުމުން އޭނާވަނީ ދިމުޤްރާތީ ބައެއް އިސްލާޙްތައް ޤައުމަށް ގެންނަވާފައެވެ.

މިއިސްލާޙްތަކަށްފަހު ބޭއްވި އިންތިޚާބުވެސް ސާލިޙް ކާމިޔާބު ކުރެއްވުމުން އިންތިޚާބަށް ބާރާއި ނުފޫޒު ހިންގިކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވިފައިވެއެވެ. ރައްޔިތުންގެ ދެކޮޅު ހެދުންތަކާ ގުޅިގެން ސާލިޙް ދާދިފަހުންވަނީ ރިޔާސީ އިތުރު ދައުރަކަށް ކުރިމަތި ނުލައްވާނެކަން އިޢްލާން ކުރައްވާފައެވެ. ސާލިޙް މިހާރު ވޭތުކުރައްވާ ރިޔާސީ ދައުރު ނިމޭނީ 2013 ވަނަ އަހަރުއެވެ. -- އަލްޖަޒީރާ