28 Feb 2015, 16:18
އިއްޔެ އެއްވުން މަޣުރިބް ނަމާދަށް ނިންމާލީ ގައުމު ހަލަބޮލި ކުރަން ބޭނުން ނުވާތީ ކަމަށާއި އެއްވުން ދިޔައީ ދެ ޕާޓީ އިން ވެސް އެއްބަސްވެފައިވާ ގޮތަށް ކަމަށް އިދިކޮޅު އެމްޑީޕީއާ ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން މިއަދު ބުނެފި އެވެ.
އެމްޑީޕީގެ އޮފީހުގައި މިއަދު އެމްޑީޕީ-ޖޭޕީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވީ އިއްޔެގެ އެއްވުން މައުރިބު ނަމާދަށްފަހު ވެސް ކުރިއަށް ގެންދަން ގިނަ މެމްބަރުން ބޭނުންވެފައި ހުރި ކަމަށެވެ. ނަމަވެސް އިއްޔެ އެމްޑީޕީ-ޖޭޕީ އިން ދައްކުވައިދިނީ ސޮއިކުރެވޭ އެއްބަސްވުންތަކަށް މުސްތަގުބަލުގައި އިހުތިރާމް ކުރެވިގެންދާނެ ކަން ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
"ކިތަންމެ ބޮޑު ޕްރެޝަރެއްގައި ވިއަސް އަޅުގަނޑުމެންގެ ޕާޓީތައް ހިންގުން ހަރުދަނާކޮށް ހިންގާ އެކުވެރިންނާއެކު މަސައްކަތް ކުރެވޭނެކަން އެމްޑީޕީއާ ޖޭޕީ ދައްކުވާދެވިއްޖެ އިއްޔެ. ދެން އިއްޔެ އަޅުގަނޑުމެން ދެ ޕާޓީގެ ފަރާތުން އެކުލަވާލާފައިވާ ޖޮއިންޓު ކޮމިޝަނުން ނިންމި ނިންމުން ތަންފީޒުކޮށްފައި އެ ވަނީ. ނަމަވެސް އަޅުގަނޑުމެންގެ ފަރާތުން ފަށާފައިވާ އިހުތިޖާޖުތައް ނުނިންމާނަން. އެކަންތައް ހަމަ ކުރިއަށްދާނެ،" އަލީ ވަހީދު ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ އިއްޔެ ސަރުކާރަށް ކުރި 13 ޑިމާންޑުތައް ސަރުކާރަށް އަޑުއިވިފައިވާ ކަމަށް ބައެއް ވަޒީރުން ވިދާޅުވެފައިވާ ކަމަށާއި އުއްމީދު ކުރަނީ ސަރުކާރުން އެ ޑިމާންޑުތަކަށް ވިސްނުމަށްފަހު ގޮތެއް ނިންމަވާނެ ކަމަށެވެ.
އެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް މިއަދު ވިދާޅުވީ އެމްޑީޕީ ޖޭޕީގެ ފަރާތުން އެކުލަވާލާފައިވާ ޖޮއިންޓު ޕާޓީ ކޮމިޝަނުން ވަކި ހާއްސަ މެންޑޭޓުތަކެއް ކަނޑައަޅާފައިވާ ކަމަށާއި އިއްޔެގެ އެއްވުން ވެސް ކުރިއަށް ގެންދިޔައީ އެ މެންޑޭޓުތަކުގެ ތެރެއިން ކަމަށެވެ.
"ސިޔާސީ ހަރަކާތްތައް ހިންގުމުގައި އަޅުގަނޑުމެން ދެބައި މީހުންނަށް އެއްބަސްވެވޭ ރަނގަޅު މެކޭނިޒަމެއް ގާއިމް ކުރަންޖެހޭނެކަން އަޅުގަނޑުމެން ދެ ޕާޓީ އިން ވަނީ އެއްބަސްވެވިފައި. އެހެންވެ ދެ ޕާޓީ އިން ވެސް ނިންމާފައި ވަނީ އިއްޔެގެ އެއްވުން މަޣުރިބް ނަމާދާއި ހަމައަށް ކުރިއަށް ގެންދަން،" އަމީން ވިދާޅުވި އެވެ.
އަމީން ވިދާޅުވީ އިއްޔެ ބޭއްވިގެން ދިޔަ ހަރަކާތުން އެދެވިގެންވާ ނަތީޖާއެއް ނުފެންނަ ކަމަށް ވަނީނަމަ އިތުރު ހަރަކާތްތައް ވެސް ކުރިއަށް ގެންދާނެ ކަމަށެވެ.
އެމްޑީޕީގެ ޕީޖީ ގުރޫޕޫގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވީ ހުރިހާ މެމްބަރުން ބޭނުންވާ ކަންކަން ބޭނުންވާ ގޮތަށް ހިނގައިގެން ނުދާނެ ކަމަށެވެ. ނަމަވެސް އަދިވެސް ގިނަ ހަރަކާތްތަކެއް ކުރިއަށް ރޭވިފައިވާ އެބަހުރި ކަމަށާއި ކޮންމެ ކަމަކަށް ވެސް ވަގުތަކީ މުހިއްމު އެއްޗެއް ކަމަށް އޭނާ ވިދާޅުވި އެވެ.