28 Feb 2015, 14:56
އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ ގުޅިގެން އިއްޔެ ބޭއްވި ބޮޑު އެއްވުމުގައި ކަންތައްތަކަށް ޑިމާންޑު ކުރީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށްގެން ނޫން ކަމަށް ސަރުކާރުން ބުނެފި އެވެ.
ހަތިޔާރު ގެންގުޅުއްވިކަމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމާއި ޓެރަރިޒަމްގެ ދައުވާ އުފުލައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިހާރުން މިހާރަށް މިނިވަން ކުރުމަށް ގޮވާލައި އިއްޔެ ބޭއްވި ބޮޑު އެއްވުމުގައި 13 ޑިމާންޑެއް ސަރުކާރަށް ވަނީ އިއްވާފަ އެވެ.
އެމްޑީޕީ-ޖޭޕީ ގުޅިގެން ބޭއްވި ބޮޑު އެއްވުމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު މިއަދު ސަން ވިދާޅުވީ އޭގެ ތެރެއިން މައިގަނޑު ޑިމާންޑުތަކަކީ ސަރުކާރަށް ކޮށްދެވޭނެ ކަންކައްތަކެއް ނޫން ކަމަށާއި އެއީ އަސާސެއްގެ މައްޗަށް ބިނާކޮށް ކުރި ޑިމާންޑުތަކެއް ނޫން ކަމަށެވެ.
މުއާޒު ވިދާޅުވީ އިއްޔެ ކުރި ޑިމާންޑުތަކުގެ ތެރޭގައި ޝަރުއީ ދާއިރާ އާއި މަޖިލީހުގެ ތެރެއިން ކުރެވޭނެ ކަންކަން، ހިމެނޭ ކަމަށެވެ. ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި އެ ޑިމާންޑުތަކަށް ސަރުކާރަށް ކުރެވޭނެ ކަމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ބައެއް ޑިމާންޑުތަކަކީ ސަރުކަރުން މިހާރު ފުއްދާފައިވާ ވައުދުތައް ކަމަށެވެ.
"ސަރުކާރާއި ގުޅުމެއްނެތް. ރަނގަޅަށް އެބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ މިއީކީ އެއް ސަރުކާރާ ގުޅުން ހުރި ކަންތަކެއް ނޫންކަން. އެފަދަ ބައެއް ކަންކަން ހިމެނޭ. ޑިމާންޑުގެ ތެރޭގައި،" މުއާޒު ވިދާޅުވި އެވެ.
މުއާޒު ވިދާޅުވީ ބައެއް ވައުދުތައް ފުއްދުމަށް ޑިމާންޑުކުރާއިރު މި ސަރުކާރުން ވައުދުވެފައި ވަނީ ފަސް އަހަރު ތެރޭގައި ވައުދުތައް ފުއްދުމަށް ކަމަށެވެ.
އިއްޔެގެ އެއްވުމުގައި ޑިމާންޑުކުރި ކަންތައްތަކުގެ ތެރޭގައި އަސާސީ ހައްގުތަކާއި މިނިވަންކަން ބޭނުންކުރުމުގެ ފުރުސަތު ދިއުމަށާއި އަސާސީ ހައްގުތަކާއި މިނިވަންކަން ހަނި ނުކުރުމަށެވެ. ރައީސް ނަޝީދާއި ނާޒިމުގެ އިތުރުން މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިނިވަން ކުރުމަށް ވެސް އިއްޔެގެ މުޒާހަރާގައި ވަނީ ޑިމާންޑުކޮށްފަ އެވެ.