28 Feb 2015, 14:05
އެމްޑީޕީ-ޖޭޕީން ގުޅިގެން މާލޭގައި އިއްޔެ ބޭއްވި ބޮޑު މުޒާހަރާގައި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު ހުސައިން އަރީފް ބައިވެރިވެވަޑައިގެންފި އެވެ.
ނޮޅިވަރަމް ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އަރީފު ބޮޑު މުޒާހަރާގައި ބައިވެރި މަންޒަރު ފެންނަ ފޮޓޯ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް އިއްޔެ ވަނީ ޓްވީޓު ކުރައްވާފަ އެވެ.
Nolhivaram Dhaairaage PPM Majlis member miadhuge sulhaveri hingaalumuga baiverivadaigannavaneepic.twitter.com/SULvF8rrZS
— Ahmed Mahloof (@AhmedMahloof)February 27, 2015
އެމްޑީޕީ ޖޭޕީން އިއްޔެ ބޭއްވި މުޒާހަރާގައި ސަރުކާރާ ދެކޮޅަށް އަރީފް ވަނީ އަޑުއުފުލާފަ އެވެ. އަދި އެ މުޒާހަރާގައި އޭނާ ބައިވެރިވެވަޑައިގެންނެވީ ހައްޔަރުކޮށްފައިވާ މެދު ހެންވޭރު ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ އާޒިމް މިނިވަން ކުރަން ގޮވާލާފައިވާ ޕޯސްޓަރެއް ހިފައިގެންނެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި އިއްޔެގެ މުޒާހަރާ ނިމެންދެއް އަރީފް ވަނީ އެ މުޒާހަރާގައި ބައިވެވަޑައިގެންފަ އެވެ.
އަރީފުގެ ބަހެއް ހޯދުމަށް އޭނާގެ ފޯނަށް ގުޅާލުމުން، ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.
އަރީފަކީ ޖޭޕީގެ ޓިކެޓުގައި ނޮޅިވަރަމް ދާއިރާއަށް އިންތިހާބުވެވަޑައިގަތުމަށްފަހު ޕީޕީއެމާ ގުޅިވަޑައިގެންނެވި މެމްބަރެކެވެ. އަދި އޭނާ ޕީޕީއެމާ ގުޅިވަޑައިގެންނެވީ އޭނާ ތަމްސީލް ކުރައްވާ ދާއިރާގެ ތަރައްގީގެ މަސައްކަތްތައް ބާރު ސްޕީޑެއްގައި ކުރިއަށް ގެންދިއުމަށް ބާރު އެޅުއްވުމަށެވެ.