28 Feb 2015, 12:54
ތިލަފުށީގައި އަލަށް ގާއިމް ކުރާ ޕޯޓަކީ 260000 ކޮންޓެއިނަރުގެ ޖާގައިގެ ޕޯޓެއް ކަމަށާއި އެ ޕޯޓް ހެދުމަށް ދެ ފަރާތަކުން ޕްރޮޕޯސަލް ހުށައަޅާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ސަން އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ މިވަގުތު ބޭނުންކުރަމުންދާ ޕޯޓްގައި 60000 ކޮންޓައިނަރު ޖެހޭ ޖާގައެއް ހުންނަ އިރު އަލަށް ގާއިމު ކުރާ ޕޯޓަކީ 260000 ކޮންޓެއިނާގެ ޖާގައިގެ ޕޯޓެއް ކަމަށެވެ. އަމިއްލަ ހަރަދުގައި އެ ޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކުން ޕްރޮޕޯސަލް ހުށައަޅާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެދެ ޕްރޮޕޯސަލްގައި ބުނެފައިވާ ގޮތުން ތިން އަހަރު ތެރޭ ޕޯޓްގެ މަސައްކަތް ނިންމާލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ވޮލިއުމަކީ މިހާރު 60،000 ކޮންޓެއިނަރު ބެހެއްޓޭ ޖާގަ ކަމަށްވަންޔާ 260،000 ކޮންޓެއިނަރު ބެހެއްޓޭނެ ޖާގަ ކޮންޓެއިނާ ޕޯޓެއް ހެދުން. ކެރޭނު އާމްތަކާއެއްކޮށް، އިންޓަނޭޝަނަލީ ޑިވެލޮޕްވެފައިވާ ޕޯޓެއްގެ ސްޓޭންޑަޑުގައި،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
އެ ދެ ކުންފުނިން ވެސް ޕްރޮޕޯސަލް ހިމަނާފައި ވަނީ ސަރުކާރާ ގުޅިގެން އެ ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ކަމަށާއި ވަކި ކުންފުންޏެއް ހަމަޖެއްސުމަށް ލަފާ ދިނުމަށް ވޯލްޑް ބޭންކުގެ އެކްސްޕާޓުން ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ވޯލްޑް ބޭންކުގެ ލަފާގެ މަތިން މޭ މަހުގެ ތެރޭގައި ބަޔަކު ހަމަޖައްސާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެފަދަ ޕޯޓެއް ގާއިމު ކުރުމުގެ ސަބަބުން ތަކެތީގެ އަގުތައް ހެޔޮވެ ރާއްޖެ އާއި ބޭރު ގައުމުތަކާ ދޭތެރޭ ދަތުރުކުރާ ބޯޓްތަކަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ.
"މުސްތަގުބަލުގައި ބަނދަރު ކައިރިއަށް ކައިރިކޮށްލީމާ މުދާ ހިފައިގެން އައިސް ތިން ދުވަހު ބޭރުގައި އޮންނާކަށް ނުޖެހޭނެ. ކޮންޓެއިނަރުތައް ބާލާފައި ބޯޓަށް ފުރައިގެން ދެވޭނެ. އޭރުން ޝިޕްސްތަކަށް ބަނދަރުގައި އޮތީމަ ކޮންމެ ދުވަހަކު އަރާ ޗާޖް ކުޑަވީ ނޫންތޯ." މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
މާލޭގެ ޕޯޓްގެ ޖާގައިގެ ދަތިކަމުގެ ސަބަބުން އެތައް ދައްޗެއް ދަނީ ކުރިމަތިވަމުން ކަމަށް ތަކުރާރުކޮށް ބޯޓްތަކުގައި މަސައްކަތް ކުރާ ފަރާތްތަކާއި ވިޔަފާރިވެރިން ވެސް އަންނަނީ ބުނަމުންނެވެ.