ރޯމް : ޒުވާން އަންހެން ކުއްޖަކާއެކު ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ ކުށުގައި އިޓަލީގެ ބޮޑުވަޒީރު ސިލްވިޔޯ ބަލުސްކޯނީގެ މައްޗަށް ޝަރީޢަތްކޮށް އަވަސް ނިޔާއެއް އިއްވުމަށް އިޓަލީގެ ފަނޑިޔާރަކު އަމުރު ކުރައްވައިފިއެވެ.

ފަނޑިޔާރު މިގޮތަށް އަމުރެއް ނެރުއްވީ ޢަރަބި ޤައުމެއް ކަމަށްވާ މަޣްރިބްގެ ޒުވާން އަންހެންކުއްޖެއް ކަމަށްވާ ކަރީމާއަލްމަޙްރޫޤީ އަށް 18 އަހަރު ނުފުރެނީސް ބަލުސްކޯނީ އޭނާއަށް ފައިސާދެއްވައިގެން އޭނާއާއެކު ބަދުއަޚްލާޤީ ޢަމަލުތަކެއް ހިންގެވިކަމަށް ބުނެވޭ މައްސަލަ އިޓަލީގެ ފުލުހުން ކުރި ތަޙްޤީޤްތަކަށް ފަހުގައެވެ. މިކަން ބަލުސްކޯނީގެ މައްޗަށް ސާބިތުވާ ކަމުގެ ހެކިތައް ހުރުމުން ފުލުހުންވަނީ މިމައްސަލަ މިލާނޯގެ އެޓަރނީ ޖެނެރަލްއަށް ފޮނުވާފައެވެ.

އުމުރުފުޅުން 74 އަހަރުގެ ބަލުސްކޯނީއާއި ކަރީމާއަލްމަޙްރޫޤީ ވެސްވަނީ މިކުށަށް އިންކާރު ކޮށްފައެވެ. އިޓަލީގެ ޤާނޫނު ބުނާގޮތުން އުމުރުން 18 އަހަރު ނުފުރޭ ކުދިންނާއެކު ޖިންސީ ގުޅުންތައް ހިންގުމަކީ އަދަބުލިބޭ ޖަރީމާއެކެވެ. މިމައްސަލާގައި ބަލުސްކޯނީ ޙާޒިރު ކުރުމަށް ހަމަޖެހިފައިވަނީ އަންހެން ތިން ފަނޑިޔާރުން ހިމެނޭ ޝަރީޢަތުގެ މަޖިލީހަކަށް ކަމަށާ މިމައްސަލައިގެ ފުރަތަމަ އަޑުއެހުން އޮންނާނީ އަންނަ އެޕްރީލް މަހުގެ 6 ވަނަ ދުވަހު ކަމަށް ޚަބަރުލިބެއެވެ.

މިގެއިތުރުން ބޮޑުވަޒީރު ކަމުގައި ހުންނަވައިގެން މަޤާމުގެ ބަރާއި ނުފޫޒު ނަހަމަގޮތުގައި ބޭނުން ކުރެއްވުމުގެ ތުހުމަތުވެސް ބަލުސްކޯނީގެ މައްޗަށް ވަނީ ކުރެވިފައެވެ. ޢަރަބި މިއަންހެން ކުއްޖާ ވައްކަމުގެ ތުހުމަތެއްގައި ފުލުހުން ހައްޔަރުކޮށްފައި ވަނިކޮށް ބަލުސްކޯނީ ނުފޫޒު ބޭނުން ކުރައްވައިގެން މިއަންހެން ކުއްޖާވަނީ ޤަވާޢިދާ ޚިލާފަށް މިނިވަން ކޮށްފައި ކަމަށް ޚަބަރުލިބެއެވެ.

ބަލުސްކޯނީއާ ދެކޮޅަށް އިޓަލީގެ 60 ރަށެއްގައި އަންހެނުންގެ އެތަށް ހާސްބަޔަކުވަނީ މުޒާހަރާކޮށް އެނާއާ ދެކޮޅަށް އަޑުއުފުލާފައެވެ. -- ބީބީސީ