ހއ. އުލިގަމުގައި ސިޓީ ހޮޓަލެއް އެޅުމަށް ހަވާލުކޮށްފައިވާ އެމްޓީޑީސީ އަށް މިހާތަނަށް ނިންމިފައި ވަނީ އެ ޕްރޮޖެކްޓުގެ 39 ޕަސެންޓް މަސައްކަތް ކަމަށާއި އަދި މިހާރު އެ ޕްރޮޖެކްޓް ކުރިއަށް ގެންދިއުމުގެ ވިސްނުން އެކުންފުނިން ނުގެންގުޅޭކަން ހާމަވެއްޖެ އެވެ.

އުލިގަމު ސިޓީ ހޮޓަލާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލް ޒިޔަތު ސޮއިކުރައްވައި މިދިިޔަ ބުރާސްފަތު ދުވަހު ނެރެފައިވާ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ 2007 ވަނަ އަހަރު އެމްޓީޑީސީއާ ހަވާލު ކޮށްފައިވާ އެ ޕްރޮޖެކްޓަށް ހަތް އަހަރާއި 10 މަސް ވެފައިވާ އިރު އަދި ނިމިފައި ވަނީ ޕްރޮޖެކްޓުގެ 39 ޕަސެންޓްގެ މަސައްކަތް ކަމަށެވެ.

އެ ޕްރޮޖެކްޓުގެ މަސައްކަތް ނިންމުމަށް އަންނަ އަހަރުގެ ޖޫން މަހު 16ގެ ނިޔަލަށް އިތުރު ފުރުސަތު ދީފައިވީ ނަމަވެސް އެ ހޮޓާ ތަރައްގީކޮށް ނިންމުމުގެ ތަސައްވުރެއް އެމްޓީޑީސީން ގެންގުޅެމުން ނުދާކަމަށާއި އެތަނުގެ އެއްވެސް މަސައްކަތެއް ކުރަމުން ނުދާކަން އެމްޓީޑީސީ އިން އޮޑިޓާ ޖެނެރަލް އޮފީހާއި ހިއްސާކޮށްފައިވާ މައުލޫމާތުންނާއި ބެލިބެލުމުން އެނގޭކަމަށް އެއޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.

"ސިޓީ ހޮޓާ ތަރައްގީކުރުމަށް ޓަކައި ސައިޓްގައި ކުރަމުންދިޔަ އަމަލީ މަސައްކަތް ހުއްޓަލުން ފިޔަވައި އެހެން އެއްވެސް އިތުރު ފިޔަވަޅެއް މިއިން އެއްވެސް ނިންމުމަކާއި ގުޅިގެން އަޅާފައި ނުވާކަމާއި އުލިގަމު ސިޓީ ހޮޓާ ތަރައްގީކޮށް ހިންގުމުގެ ވިސްނުން މިހާރު އެމްޓީޑީސީން ނުގެންގުޅޭކަން ފާހަގަކުރެވޭ" އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.

ހަމައެހެންމެ ސިޓީހޮޓާ އެޅުމަށް ނަގާފައިވާ ބިމަށް ދައްކަން ޖެހޭ ކުއްޔަށް ލުއި ގޮތްތަކެއް ހަމަޖައްސައިދިން ނަމަވެސް އެމްޓީޑީސީ އިން އެކަމަށް ވަކި ޖަވާބެއް ނުދޭއިރު އެ ޕްރޮޖެކްޓު ކުރިއަށް ވެސް ނުގެންދާ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. ހަމައެހެންމެ އެމަސައްކަތް ހުއްޓާލުމަށް އެކި ފަހަރު މަތިން އެމްޓީޑީސީ އިން ނިންމާފައިވާކަމަށް ވެސް ބުނެފައިވެ އެވެ.

އެ ޕްރޮޖެކްޓުގެ މަސައްކަތް 2008 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާއިރު އެމަސައްކަތް ހުއްޓުމެއް އައިސްފައިވާ އިރު މިހާތަނަށް އެ ޕްރޮޖެކްޓްތައް 63.8 މިލިއަން ރުފިޔާ ވަނީ ހަރަދުވެފައި ކަމަށާއި އަދި ބައެއް އިމާރާތްތައް ނިމިފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.

އެ ޕްރޮޖެކްޓް ހުއްޓުމަކަށް އައިސްފައިވާ އިރު މިސްކިތަކާއި ވަޑާންކުރާ ގެއެއްގެ އިތުރުން ޓްރޭނިން ބުލޮކަކާއި ސީނިއާ މުއައްޒިފުންގެ ތިން އެކޮމެޑޭޝަން ރޫމް ހަދާ ވަނީ ނިންމާފަ އެވެ. ހަމަ އެހެންމެ މަސައްކަތް ހުއްޓިފައިވާ އިރު 50 ލޭންޑް ވިލާއާއި ދެ ހައުސް ކީޕިން ހަޓްގެ ބައެއް މަސައްކަތްތައް ނިމިފައިވާ ކަމަށް ރިޕޯޓުގައި ބުނެ އެވެ. ހަމައެހެންމެ ޓޫރިސްޓުނަނަށް ހިދުމަތްދޭ ތަންތަން މަސައްކަތް ކުރުމަށްޓަކައި ފަރުމާކޮށް ނިމިފައިވާކަމަށް ވެސް ބުނެފައިވެ އެވެ.

އުލިގަމު ސިޓީ ހޮޓާ އަޅަން ދޫކޮށްފައިވާ ސަރަހައްދު ވީރާނަ ވަނީ ---
އެ ޕްރޮޖެކްޓްތައް 16.9 މިލިއަން ޑޮލަރު ހަރަދު ކުރުމަށް ނިންމާފައިވާ އިރު މިހާރު ކުރެވުނު ހަރަދުގެ އިތުރުން ޕުރޮޖެކްޓްހިންގުމަށް ފައިސާ ހަމަޖެހިފައި ނެތްކަން ވެސް އެރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. ހަމައެހެންމެ އެސިޓީ ހޮޓަލުގެ ކުއްޔާއި އިންޓުރެސްޓަށް ދައްކަން ޖެހޭ 6.1 މިލިއަން ޑޮލަރުގެ ދެއްކުން ލަސްކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ސިޓީ ހޮޓާއަޅަން ދޫކުރި ބިމުގެ އިތުރުން 12 ހެކްޓަރުގެ ބިން ފަހުން ދޫކޮށްފައިވާ އިރު އެބިމުގެ ބަދަލުގައި އެމްޓީޑީސީ އިން އުލިގަމުގައި ހިންގުމަށް އެއްބަސްވި މަޝްރޫތައް ހިންގާފައިނުވާކަން ވެސް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. ޝަރުތުކޮށްފައި ވަނީ މަސް މާރުކޭޓަކާއި ނަރުދަމާ ނިޒާމެއް ގާއިމް ކުރުމަށެވެ.

އެމަޝްރޫގެ ދަށުން ގަނެފައިވާ އިކްއިޕްމެންޓަށް 23.8 މިލިއަން ރުފިޔާ ހަރަދުވެފައިވާ އިރު އޭގެ ތެރެއިން ގިނަ ތަކެތި ބޭނުންނުކޮށް ވީރާނާ ވެފައިވާކަން ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި 2000 ކޮތަޅު ސިމެންތި ގަނޑުވުމާއި 2334 ފްލައިވުޑް ފިލާގައި ކަތުރުފަނި އަޅާފައިވާކަމަށް ބުނެފައިވެ އެވެ.

އެ ޕްރޮޖެކްޓާއި ގުޅިގެން އަޅާނެ އިސްލާހީ ފިޔަވަޅުތަކުގެ ތެރޭގައި ފާހަގަކޮށްފައި ވަނީ އެފަދަ ބޮޑެތި މަޝްރޫތައް ފެށުމުގެ ކުރިން ފީޒިބަލް ސުޓަޑީ ހެދުމާއި ފައިސާ ލިބޭނެކަން ޔަގީން ކުރުމަށް ފަހު މަސައްކަތް ފެށުމަށެވެ. އަދި އެ ޕްރޮޖެކްޓް އެމްޑީޓީޑީއަށް އިތުރަށް ކުރިއަށް ނުގެންދެވޭ ނަމަ އެ ކުންފުނިން އެތަނަށް ކޮށްފައިވާ އިންވެސްޓްމަންޓް އެ ކުންފުންޏަށް އެންމެ މަންފާ ހުރިގޮތަކަށް ވިއްކާލުމަށް ނުވަތަ ކުއްޔަށް ދޫކޮށްލުމަށް ލަފާދީފައިވެ އެވެ. ހަމައެހެންމެ އެގެއްލުންތަކަށް ޒިންމާވާ ޖެހޭ ފަރާތްތަކުން ޖަވާބްދާރީވުމަށް ވެސް އަންގާފައިވެ އެވެ.

އުލިގަމުން އަލަށް ދޫކުރި 12 ހެކްޓަރުގެ ބިމުގެ ބަދަލުގައި އުލިގަމުގައި ތަރައްގީ ކުރަން ޖެހޭ މަސްމާރުކޭޓާއި ނަރުދަނާ ނިޒާމް ގާއިމް ކުރުން ނުވަތަ އެވަރުގެ ބަދަލެއް ދިނުން ނުވަތަ ބިން އަނބުރާ ހަވާލުކުރުމަށް އޮޑިޓާ ޖެނެރަލް ވަނީ ލަފާ އަރުވާފަ އެވެ.