މެލޭޝިއާގެ ކްލަބެއް ކަމަށްވާ ޕޮލިސް ޑި ރާޖާ (ޕީޑީއާރްއެމް) އަށް ކުޅެމުން އަންނަ ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ހޯދަދިން ލީޑާ އެކު، މިއަދު ކުޅުނު މެޗު ކާމިޔާބުކޮށް، ޕީޑީއާރްއެމް މެލޭޝިއަން އެފްއޭ ކަޕްގެ ދެވަނަ ބުރަށް ދަތުރު ކޮށްފި އެވެ.

މެލޭޝިއަން އެފްއޭ ކަޕްގެ ފުރަތަމަ ބުރުގައި މިއަދު ޕީޑީއާރްއެމްއާ ދެކޮޅަށް ވާދަކޮށްފައި ވަނީ އެ ގައުމުގެ ދެވަނަ ޑިވިޝަންގައި ވާދަކުރާ ޓީމެއް ކަމަށްވާ ސަބާހު އެވެ. ޕީޑީއާރްއެމް އެ މެޗު ކާމިޔާބު ކުރީ 3-0ގެ ނަތީޖާއަކުން ނެވެ. އެ ކާމިޔާބީއަކީ މި ސީޒަންގެ ހުރިހާ މުބާރާތެއްގައި ޕީޑީއާރްއެމް ޖެހިޖެހިގެން ހޯދި ތިން ވަނަ ކާމިޔާބީ އެވެ.

މެޗުގެ 27 ވަނަ މިނެޓުގައި ޕީޑީއާރްއެމްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް، އެ ޓީމަށް ލީޑު ހޯދަދިނީ ދަގަނޑޭ އެވެ. އަދި މެޗުގެ 40 ވަނަ މިނެޓުގައި އެ ޓީމްގެ މާލީ ފޯވާޑް ޓްރައުރޭ ޕީޑީއާރްއެމްގެ ދެވަނަ ލަނޑު ކާމިޔާބު ކުރި އިރު، ފުރަތަމަ ހާފްގެ އެންމެ ފަހު މިނެޓުގައި އެ ޓީމްގެ ތިންވަނަ ލަނޑުވެސް ކާމިޔާބު ކުރީ ޓްރައުރޭ އެވެ.

މެލޭޝިއާގެ ސުޕާ ލީގުގައި ވެސް ވާދަކުރަމުންދާ ޕީޑީއާރްއެމްއަށް މި ސީޒަންގައި ދަގަނޑޭ އޭނާގެ ފުރަތަމަ ދެ ލަނޑު ކާމިޔާބު ކޮށްފައި ވަނީ މި މަހުގެ 21 ވަނަ ދުވަހު ސުޕާ ލީގުގައި ކެލަޓަންއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އަދި މިރޭގެ ލަނޑާ އެކު މި ސީޒަންގައި ދަގަނޑޭ ވަނީ މިހާތަނަށް ޕީޑީއާރްއެމްއަށް ތިން ލަނޑު ކާމިޔާބު ކޮށްދީފަ އެވެ.

ރާއްޖޭގައި ބޭއްވި ފުރަތަމަ މުބާރާތް ކަމަށްވާ ޕީޕަލްސް ކަޕްގެ ޗެންޕިއަންކަން ވެސް ޕީޑީއާރްއެމް ހޯދި އިރު، އެ މުބާރާތުގެ ފައިނަލް މެޗުގައި މާޒިޔާއާ ވާދަކޮށް، ޕީޑީއާރްއެމް މެޗު ކާމިޔާބު ކުރި 4-5ގެ ނަތީޖާއަކުންނެވެ. އަދި އެ މެޗުގައި ދަގަނޑޭ ވަނީ ޕީޑީއާރްއެމްއަށް ހެޓްރިކެއް ހަދައިދީފަ އެވެ.

ނޮކްއައުޓް އުސޫލުން ކުރިއަށް ގެންދާ މެލޭޝިއަން އެފްއޭ ކަޕްގެ ދެވަނަ ބުރަށް ޕީޑީއާރްއެމް މިހާރު ދަތުރު ކޮށްފައިވާ އިރު، ދެވަނަ ބުރުގައި އެ ޓީމާ ދެކޮޅަށް ވާދަކުރާނީ މިދިޔަ ސީޒަން މެލޭޝިއާގެ ސުޕާ ލީގުގެ ފަސްވަނައިގައި އޮވެ ނިންމާލި ސިމޭ ޑާބީ އެފްއޭއާ ދެކޮޅަށެވެ.