27 Feb 2015, 21:25
ރާއްޖޭގެ ސުވިމިންގް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން މިއަހަރު ކުރިއަށް ގެންދަން ތާވަލްކުރި ފުރަތަމަ ފެތުމުގެ މުބާރާތް ކަމަށްވާ ހަތް ވަނަ 100 ޕްލަސް އެސްޑީޕީ ސްވިމިންގް ކޮމްޕެޓިޝަން ފަސްކުރަން ސްވިމިންގް އެސޯސިއޭޝަނުން ނިންމައިފި އެވެ.
އަންނަ މާޗް މަހުގެ 13 އަދި 14 ވަނަ ދުވަހު ބާއްވަން ތާވަލްކުރި 100 ޕްލަސް އެސްޑީޕީ ސްވިމިންގް ކޮމްޕެޓިޝަން ފަސްކުރަން ނިންމާފައި ވަނީ ސްވިމިންގް އެސޯސިއޭޝަނުން މާލޭގައި ގާއިމްކުރަން މަސައްކަތް ކުރަމުންދާ ފްލޯޓިންގް ޕްލެޓްފޯމްގެ މަސައްކަތް ނިންމުމަށް ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.
އެކަމާ ގުޅޭ ގޮތުން މިއަދު ސުވިމިންގް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ މުބާރާތް ފަސްކުރަން އެ އެސޯސިއޭޝަނުން ނިންމީ ފްލޯޓިންގް ޕްލެޓްފޯމްގެ މަސައްކަތް ވީހާވެސް އަވަސް ސްޕީޑެއްގައި ކުރިއަށް ގެންގޮސް، އަންނަ މާޗް މަހުގެ ތެރޭގައި އެ ޕްލެޓްފޯމްގެ މަސައްކަތް ނިންމާލެވޭތޯ ކަމަށެވެ. އަދި ސްވިމިންގް އެސޯސިއޭޝަނުން މިހާރު މަސައްކަތް ކުރަމުން ދަނީ އަހަރުގެ ފުރަތަމަ ފެތުމުގެ މުބާރާތް އަލަށް ގާއިމްކުރެވޭ ޕްލެޓްފޯމްގައި ބޭއްވުމަށް ކަމަށް ވެސް ސްވިމިންގް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.
އެސްޑީޕީ ސްވިމިންގް ކޮންޕެޓިޝަން އަކީ ސުވިމިންގް އެސޯސިއޭޝަނުން ހިންގާ ސުވިމަސް ޑިވަލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ފެތުމުގެ ހަރަކާތްތައް ރާއްޖޭގައި ކުރިއަރުވައި، އާ ފެތުންތެރިން އުފެއްދުމަށް ކުރިއަށް ގެންދާ މުބާރާތެކެވެ. އެ މުބާރާތް މީގެ ކުރިން ހަ ފަހަރު ބާއްވާފައި ޥާއިރު، އެ މުބާރާތުގެ ނަން 100 ޕްލަސް އެސްޑީޕީ ސްވިމިންގް ކޮންޕެޓިޝަންއަށް ބަދަލުކޮށްފައި ވަނީ 2011 ވަނަ އަހަރު މާކެޓިއަރސް ޕ.ލ. އިން ޑިސްޓްރިބިއުޓް ކުރާ 100ޕްލަސް އައިސޮޓޮނިކް ޑްރިންކްގެ ސްޕޮންސާޝިޕްގެ ދަށުންނެވެ.