ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓާ ގުޅިގެން ހުށަހަޅާފައިވާ ޝަކުވާ ތަކުގެ ތެރެއިން އިންސާނީ ހައްގުތަކާ ގުޅުން ހުރި މައްސަލަ ތައް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބަލަން ފަށައިފި އެވެ.

އެޗްއާރްސީއެމުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓުގެ ކަންތައްތައް އެ ކޮމިޝަނުން ބެލިއިރު ޝަކުވާ ތަކުގެ ތެރޭގައި ވޯޓުލާން ފެށުން ލަސްވުމާއި، ވޯޓުލުން ކުރިއަށް ދިޔުން ލަސްވުމާއި، އެހެން މީހެއްގެ އެހީއާ އެކު ވޯޓުލުމާ ގުޅޭ ގޮތުން ދިމާވި މައްސަލަތައް ހިމެނޭ ކަމަށެވެ. އަދި މާބަނޑު މީހުންނާއި އުމުރުން ދުވަސްވީ މީހުން ގިނަ ވަގުތު ކިޔުގައި ތިބެންޖެހުމާއި، ވޯޓުލުން ކުރިއަށް ދިޔައިރު ކެމްޕޭން ކުރުމާއި ކެންޑިޑެސީ ބާތިލުކޮށްފައިވާ ފަރާތްތަކުގެ ނަންތައް ވޯޓު ކަރުދާހުގައި އޮތުމުގެ އިތުރުން ކެންޑިޑޭޓުންގެ ބައެއް މަންދޫބުން ގަވާއިދާ ޚިލާފުވުން ހިމެނޭ ކަމަށެވެ.

މީގެ އިތުރުން ވެސް އިލެކްޝަންސްގެ އޮފިޝަލުންނަށް ވޯޓުލުމުގެ އިދާރީ އިންތިޒާމުތަކާ ގުޅޭ މަޢުލޫމާތު ލިބިފައި ނެތުމުގެ އިތުރުން ވޯޓުލާ ބުތޫތައް މަދުވުމާއި ވޯޓުލާން ހޭދަވާނެ ވަގުތު ރަނގަޅަށް އަންދާޒާ ކޮށްފައި ނެތުމުން ދިމާވި މައްސަލަތައް ވެސް ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.

ވޯޓުލުމުގެ ކަންކަމާ ގުޅޭ ގޮތުން އާންމު ފަރާތްތަކުން ޝަކުވާ ތަކެއް އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް ކޮމިޝަނުން ބުނެފައިވާއިރު އޭގެތެރޭގައި ހުރި އިންސާނީ ހައްގުތަކާ ގުޅުން ހުރި މައްސަލަތައް ތަހުގީގު ކުރަން ފަށައިވާ ކަމަށް ވެސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އެޗްއާރުސީއެމުން ބުނީ ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރި އަދި ފުރަތަމަ ފަހަރަށް ބޭއްވި ލޯކަލް ކައުންސިލަތަކުގެ އިންތިޚާބުގައި ތަފާތު މައްސަލަ ތަކެއް ދިމާވެ ބައެއް ރަށްރަށުގައި ހަމަނުޖެހުންތައް އުފެދި، ތަހުގީގުކޮށް ބަލަން ޖެހޭ ކަންތައްތަކެއް ހުރި ނަމަވެސް ޖުމްލަ ގޮތެއްގައި އިންތިޚާބާމެދު ހިތްހަމަޖެހޭ ކަމަށެވެ.