27 Feb 2015, 16:31
އެމްޑީޕީ އާއި ޖޭޕީ އިން ގުޅިގެން މާލޭގައި މިއަދު ބާއްވާ މުޒާހަރާގެ ހަރަކާތްތައް ކުރިއަށް ދާނީ ހަމައެކަނި ރާޅުގަނޑު ސަރަހައްދުގައި ކަމަށާއި އެނޫން އެއްވެސް ސަރަހައްދެއްގައި އެ ހަރަކާތް ކުރިއަށް ނުގެންދާނެ ކަމަށް ޖުމްހޫރީ ޕާޓީ އިން ބުނެފި އެވެ.
ޖުމްހޫރީ ޕާޓީ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މިއަދު ހަވީރު އެ ޕާޓީ އާއި އެމްޑީޕީ އިން ބާއްވާ ބޮޑު އެއްވުމާ ދިމާކޮށް، ހަމަނުޖެހުން ހިންގުމަށާއި މިއީ ސަރުކާރު ވައްޓާލަން ހިންގާ އުދުވާނީ ހަރަކާތެއްގެ ސިފަ ޖެއްސުމަށް އެކި ފަރާތްތަކުން ތަފާތު އެކި ރޭވުންތައް ރާވަމުންދާ ކަމަށެވެ. ނަމަވެސް އެމްޑީޕީ، ޖޭޕީގެ ހަރަކާތް ކުރިއަށް ދާނީ މިއަދު ހަވީރު 4:00 އިން 6:00 އަށް ހަމައެކަނި ރާޅުގަނޑު ސަރަހައްދުގައި ކަމަށެވެ.
ޖޭޕީ އިން ބުނީ އެއްވުން ކުރިއަށް ގެންދާނީ މިއަދު ހަވީރު ހައެއް ޖަހަންދެއް ކަމަށާއި އޭގެ ފަހުން ބަޔަކު ހިންގާ ނުވަތަ ހިންގައިފާނެ އެއްވެސް ހަރަކާތަކީ، ޖުމްހޫރީޕާޓީ އާއި އެމްޑީޕީގެ އެއްވުމާ ގުޅުން ހުރި އަމަލެއް ނޫން ކަމަށާއި އޭގެ ފަހުން ހިންގާ އެއްވެސް ކަމެއްގެ ޒިންމާ ޖުމްހޫރީ ޕާޓީ އަދި އެމްޑީޕީން ނުނަގާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އެއްވުން މަޣްރިބް ނަމާދު ވަގުތު ޖެހުމުގެ ކުރީން ނިންމާލައި އެއްވުމުގެ ބައިވެރީން ރާޅުގަނޑު ސަރަހައްދު ދޫކޮށް ގޭގެއަށް ދާނެ ކަމަށް ވެސް އެ ޕާޓީ އިން ބުންޏެވެ. އަދި އެ އެއްވުމުގެ ވަގުތުގައި އަދި ގާނޫނާ ހިލާފު އެއްވެސް ހަރަކާތެއް، އަދި ސަރުކާރު ވައްޓައިލުމުގެ ނިޔަތް އޮތް އެއްވެސް ހަރަކާތެއް އެއްވުމުގެ އެއްވެސް ބައިވެރިއަކު ނުހިންގާނެ ކަމުގެ ޔަގީން ކަން ޖޭޕީ އިން ވަނީ ދީފަ އެވެ.
މީގެ އިތުރުން އެއްވުމާ ގުޅިގެން ހަރަކާތުގެ ކުރިއަކުން ވެސް އަދި ފަހަކުން ވެސް ގާނޫނާހިލާފު އެއްވެސް އަމަލެއް ޖުމްހޫރީ ޕާޓީ އަކުން ވެސް އަދި އެމްޑީޕީއަކުން ވެސް ނުހިންގާނެ ކަމަށް ޖޭޕީން ވަނީ ބުނެފަ އެވެ.
"ޖުމްހޫރީ ޕާޓީގެ އެދުމަކީ، ސުލްޙަވެރިކަމާ އެކު ގާނޫނުގެ އިމުގެ ތެރޭގައި 27 ފެބްރުއަރީގެ ބޮޑު އެއްވުން ދިވެހި އެންމެހައި ރައްޔިތުން ކުރިއަށް ގެންގޮސްދެއްވުމެވެ. ސަރުކާރުގެ ފަރާތުން ވެސް ސުލްހަވެރި މި ހަރަކާތަށް އެއްބާރުލުން ދެއްވުމެވެ. އަދި ގާނޫނާ ގަވާއިދާ ހިލާފު އެއްވެސް އަމަލަކަށް މި ފަސްގަނޑުން ޖާގަ ނުދެއްވުމެވެ. ޞުލްޙަވެރިކަމާ އެކު ގައުމު ކުރިއަށް ގެންދިއުމުގެ ރޫޙުގައި ސަރުކާރާ އަދި ވާދަވެރި ފަރާތްތަކުން ވެސް ޒިންމާދާރުކަމާ އެކު ކުރިއަށް ވަޑައިގަތުމެވެ،" އެ ނޫސްބަޔާނުގައިވެ އެވެ.
މާލޭގައި މިއަދު ބާއްވާ އެ މުޒާހަރާއަށް އަތޮޅު ތެރެއިން މާލެ އަންނަ މީހުން ހަމަނުޖެހުން ހިންގާ ނަމަ، ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށާއި މުޒާހަރާތައް ރޫޅާލާނީ ސުލްހަވެރިކަމުގެ ސިފަ ގެއްލިއްޖެ ކަމަށް ފުލުހުންނަށް ގަބޫލު ކުރެވުމުން ކަމަށް އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ރޭ ނެރުނު ނޫސްބަޔާނެއްގައި ވަނީ ބުނެފަ އެވެ.