27 Feb 2015, 15:41
ސަރުކާރު އޮތީ އެމްޑީޕީ އަދި ޖުމްހޫރީ ޕާޓީއާ ކުރިމަތިލައި ގައުމު ދިފާއުކުރަން ތައްޔާރަށް ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީއާ ޖުމްހޫރީ ޕާޓީ ގުޅިގެން މިއަދު ހަވީރު ބާއްވާ ބޮޑު މުޒާހަރާއަށް އިޝާރަތް ކުރައްވައި އަދީބް މިއަދު ކުރެއްވި ޓުވީޓެއްގައި އެމްޑީޕީ އާއި ޖޭޕީން ކަމެއް ކުރަން ބޭނުންވާ ނަމަ އެވާހަކައެއް ނުދައްކާ އެކަމެއް ކުރަން ކެރިގެން ނުކުތުމަށް ވަނީ ގޮވާލައްވައިފަ އެވެ.
"އެމްޑީޕީ އާއި ޖޭޕީން ކަމެއް ކުރަން ބޭނުންވާ ނަމަ، އެކަމެއް ކުރާނަމޭ ނުކިޔާ ހަމަ ކުރަންވީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިތިބީ ކުރިމަތިލައި ގައުމު ދިފާއުކުރަން ތައްޔާރަށް،" އަދީބް ވިދާޅުވެފައިވެ އެވެ.
If u really want to do something, Just Do It, don't talk, Bring it on JP/MDP, Inshah Allah we are ready to face u all & protect this Nation!
— Ahmed Adeeb (@Ahmed_Adeeb)February 27, 2015
ގާނޫނު އަސާސީ ދިފާއުކުރުމުގެ ނަމުގައި އެމްޑީޕީ އާއި ޖޭޕީން މިއަދު ބާއްވާ މުޒާހަރާއަކީ ސުލްހަވެރި މުޒާހަރާއެއް ކަމަށާއި ދިވެހި އެއްވެސް ރައްޔިތަކަށް އަނިޔާއެއް ވިޔަނުދޭނެ ކަމަށް އެމްޑީޕީއާ ޖޭޕީ ކޯލިޝަނުން ވަނީ ބުނެފަ އެވެ.
މިއަދުގެ މުޒާހަރާގައި އެ ޕާޓީތަކުން ބޭނުންވާ ގޮތް ސަރުކާރަށް އަޑުއިއްވާނެ ކަމަށް ވެސް ބުނެފަ އެވެ.
ނަމަވެސް މާލޭގައި މިއަދު ބާއްވާ އެ މުޒާހަރާއަށް އަތޮޅު ތެރެއިން މާލެ އަންނަ މީހުން ހަމަނުޖެހުން ހިންގާ ނަމަ، ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށާއި މުޒާހަރާތައް ރޫޅާލާނީ ސުލްހަވެރިކަމުގެ ސިފަ ގެއްލިއްޖެ ކަމަށް ފުލުހުންނަށް ގަބޫލު ކުރެވުމުން ކަމަށް އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ރޭ ނެރުނު ނޫސްބަޔާނެއްގައި ވަނީ ބުނެފަ އެވެ.