އެމްޑީޕީއާއި ޖުމްހޫރީ ޕާޓީ ގުޅިގެން މިއަދު ބޭއްވުމަށް ނިންމާފައިވާ ސިޔާސީ ހަރަކާތުގައި ގާނޫނާ ހިލާފް ކަމެއް ކުރާ މީހަކު އެ ޒިންމާ ނަގަންޖެހޭނީ އަމިއްލެއަށް ކަމަށާއި އެ ޒިންމާ އެ ޕާޓީތަކުން ނުނަގާނެ ކަމަށް އެ ދެ ޕާޓީ އިން ބުނެފި އެވެ.

މިއަދުގެ އެއްވުމާ ގުޅޭ މައުލޫމާތު އެ ދެ ޕާޓީ އިން ފުލުހުންނާ ހިއްސާކުރުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޖުމްހޫރީ ފާޓީގެ ނައިބް ލީޑަރު އަމީން އިބްރާހިމް ވިދާޅުވީ މިއަދު ބާއްވާ އެއްވުމަކީ ގާނޫނު އަސާސީ އިން ލިބޭ ހައްގެއް ބޭނުން ކުރުން ކަމަށާއި އޭގެ ތެރެއިން ގާނޫނާ ހިލާފްކަމެއް ނުކުރާނެ ކަމަށެވެ. ގާނޫނާ ހިލާފަކަމެއް ކުރާ ފަރާތެއްގެ ޒިންމާ ނަގަން ޖެހޭނީ އެފަރާތަކުން އަމިއްލައަށް ކަމަށް ވެސް އަމީން ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ފަރާތުން މިކަމުގައި ބައިވެރިވާ އެއްވެސް މީހަކު، ދެ ޕާޓީ އިންކުރެ އެއް ޕާޓީއަކަށް ވެސް ނިސްބަތްވާ އެއްވެސް މެމްބަރަކު މިއަދުގެ މިބައްދަލުވުމުގައި ނުވަތަ މިހަރަކާތުގައި ގާނޫނީ އިމުން ބޭރަކަށް ނުދާނެ. އެހެންވީމާ އެޔަގީންކަން އަޅުގަނޑުމެން އަރުވަން ބޭނުންވަނީ. އެއްވެސް ބޭފުޅަކަށް އެބައުންޑުރީ ކުރޮސްކުރެވިއްޖެއްޔާ ނުވަތަ ގާނޫނީ އިމުން ބޭރަށް ދެވިއްޖެ ކަމަށްވަންޔާ އަޅުގަނޑު ދަންނަވާނީ އެބޭފުޅަކު އަމިއްލެ ފުޅަށް އެޒިންމާ ނަންގަވާށޭ. ޕާޓީތަކުން އެޒިންމާ ނަގާކަށް ނުޖެހޭނެ." އަމީން ވިދާޅުވި އެވެ.

މިއަދުގެ ހަރަކާތްތައް ކުރިއަށްދާނީ ކިހިނެއްތޯ ސަން އިން ކުރި ސުވާލަކަށް ޖަވާބް ދެއްވަމުން އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު އެސުވާލަށް ސީދާ ޖަވާބެއް ނުދެއްވައި ވިދާޅުވީ "އަޅުގަނޑުމެން ވާނީ ފުލުހުންނާއި ހިއްސާކޮށްފައި އެބޭފުޅުން ބޭނުންވާ މައުލޫމާތުތައް" ކަމަށެވެ. މިއަދުގެ އެއްވުން ސަރުކާރުން ސިފަކުރާގޮތުން އެއްވުމުގެ މަގުސަދު މިހާރު ވެސް ކާމިޔާބު ވެއްޖެ ކަމަށާއި ބޭނުމަކީ ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވުން ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

އެ އެއްވުމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފެނިގެންދާނެތޯ ސުވާލުކުރުމުން އަމީން ވިދާޅުވީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އިން ގުޅިގެން ލަންކާގައި ބާއްވަމުން އަންނަ ބައްދަލުވުންތައް އަދި ނުނިމޭ ކަމަށާއި އެކަން ނިމުނުހާ އަވަހަށް ލަންކާގައި ތިބި ފަރާތްތަކުން ރާއްޖެ އަންނާނެ ކަމަށެވެ. ނަމަވެސް އަދި ވަކި ވަގުތެއް ދަންނަވަން ނޭނގޭ ކަމަށް ވިދާޅުވި އެވެ.

ސިފައިންނާއި ފުލުހުން ގުޅިގެން ރޭ އިއްވި ބަޔާނުގައި ބުނެފައި ވަނީ މިއަދުގެ އެއްވުމުގައި ހިނގާ ހަމަނުޖެހުމެއްގެ ޒިންމާ ނަގަން ޖެހޭނީ އެއްވުމެއް އިންތިޒާމް ކުރާ ފަރާތަކުން ކަމަށެވެ. އަދި ފިޔަވަޅު އެޅުމުގައި ވަކި ފަރާތެއް އިސްތިސްނާ ނުކުރާނެ ކަމަށް ވެސް އެ ބަޔާނުގައި ވަނީ އިންޒާރު ދީފަ އެވެ.