27 Feb 2015, 15:14
އިސްލާމިކް ސްޓޭޓް ( އައިއެސް)ގެ ބާރުގެ ދަށުގައިވާ މޫސަލްގެ ދާރުލް އާސާރުގައި ހުރި ވަރަށް ޒަމާންވީ ބުދުތަކެއް ތަޅާލައިފި އެވެ.
އައިއެސް އިން އާއްމުކޮށްފައިވާ ވީޑިއޯ އަކުން ފެންނަނީ މޫސަލްގެ މިއުޒިއަމްގައިވާ ބުދުތަކެއް މަރުތޭލައާއި ޖެކްހެމާ ބޭނުންކޮށްގެން ތަޅައިލާ މަންޒަރެވެ. ދުނިޔޭގެ ބައެއް މީޑިއާތަކުން ބުނެފައި ވަނީ އެ ބުދުތަކަކީ އިރާގުގެ ސަރަހައްދުގައި މީގެ އެތައް ހާސް އަހަރެއްގެ ކުރިން ވެރިކަން ކުރި އަސޭރިއަން އެމްޕަޔަރާއި އަކާޑިއަން އެމްޕަޔަރްގެ ދުވަސްވަރުގެ ތަކެތި ކަމަށެވެ. އެހެންވީމާ އެތަކެއްޗަށް ގާތްގަނޑަކަށް 3000 އަހަރު ވެފައިވާނެ ކަމަށް ބެލެވޭ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އައިއެސް އިން ސޯޝަލް މީޑިއާ ގައި އާއްމުކުރި ވީޑިއޯގައި ބުނެފައި ވަނީ އަސޭރިއަނުންގެ އަސަރުތައް ފޮހެލާނެ ކަމަށެވެ.
ބުދުތައް ތަޅައިލާ މަންޒަރު ފެންނަ ވީޑިއޯ އާއްމު ކުރުމާ އެކު މޫސަލްގެ ލައިބްރަރީ ވެސް އައި އެސް އިން އަންދާލާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ވަނީ ހަބަރުފަތުރާފަ އެވެ. ނަމަވެސް އެހަބަރު ފެތުރުމަށް ބޭނުންކޮށްފައިވާ ފޮޓޯއަކީ 2003 ވަނަ އަހަރު އެމެރިކާ ސިފައިން އިރާގު ހިފި އިރު، ބަޣުދާދުގައި ހުރި ލައިބްރަރީއަކަށް ހަމަލާ ދިނުމުން އެތަނަށް ލިބުނު ގެއްލުންތައް ދައްކުވައިދޭ ފޮޓޯއެއް ކަން ފަހުން ވަނީ ހާމަވެފަ އެވެ.