27 Feb 2015, 14:51
ކާބުލް (ފެބްރުއަރީ 27): އަފްޣާނިސްތާނުގެ ފަރުބަދަތަކުން ގަނޑުފެން ފޭބުމުގެ ސަބަބުން 187 މީހުން މަރުވެ 129 މީހުން ޒަޚަމްވެއްޖެ އެވެ.
އަފްޣާން ސަރުކާރު ބުނާ ގޮތުން މީގެ ތެރެއިން ގިނަ މީހުންމަރުވެފައި ވަނީ ވެރިރަށް ކާބުލްގައި ހިނގި ޙާދިސާތަކުގަ އެވެ. މިޙާދިސާތަކުގައި ޒަޚަމްވި މީހުން ހޮސްޕިޓަލްތަކަށް ގެންގޮސްފައި ވަނީ ސަލާމަތީ ބާރުތަކުގެ އެހީގައި ކަމަށް އަފްޣާން ސަރުކާރުން ބުނެ އެވެ.
ކޮންމެއަހަރެއްގެ ވެސް ފިނި މޫސުމުގައި އަފްޣާނިސްތާނުގައި ހިނގާ މިފަދަ ޙާދިސާތަކުގައި އެތައް ބަޔަކު މަރުވަމުންދެ އެވެ. ނަމަވެސް މި އަހަރުގެ ފިނި މޫސުމުގައި ވެރިރަށް ކާބުލްއަށާއި އަފްޣާނިސްތާނުގެ އެކި ސަރަހައްދުތަކަށް ގަނޑުފެން ފާބާފައި ވަނީ އާދަޔާ ޚިލާފަށް ކަމަށާ ގަނޑުފެނުގެ ބޮޑެތި ބައިތައް ކަނޑައިގެންގޮސް އުސްތަންތަނުންނާއި ފަރުބަދަތަކުން އެތަންތަން ވެއްޓުމުގެ ސަބަބުން މިދިޔަ ޖަނަވަރީ މަހު ވެސް ސަތޭކައަށް ވުރެ ގިނަ މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެފައިވެ އެވެ.
މިއަހަރުގެ ފިނި މޫސުމުގައި އަފްޣާނިސްތާނަށް ވަރަށް ގިނައިން ސްނޯފާބައި ފިނިހޫނުމިން އާދަޔާ ޚިލާފަށް ދަށަށް ގޮސްފައިވެ އެވެ. (ރޮއިޓާސް)