އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ހެދިފައިވާ ގާނޫނުތައް ސަލާމަތީ ބާރުތަކުން ތަންފީޒުކުރަން ޖެހޭނެ ކަމަށް އެމްޑީއޭގެ ސްޕޯކްސް ޕާސަން އަދި ޑެޕިއުޓީ ލީޑަރު އަހުމަދު އާމިރު ވިދާޅުވެއްޖެ އެވެ.

އާމިރު މިއަދު ސަން އަށް ވިދާޅުވީ، ގާނޫނު އަސާސީގެ ދެވަނަ ބާބުގައި ގިނައިން ލިޔެފައި ވަނީ އާންމު ރައްޔިތުންގެ ހައްގުތަކުގެ ވާހަކަ ކަމަށެވެ. ގާނޫނު އަސާސީން އާންމު ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ހައްގުތަކާއި އެ ހައްގު ތަކާ ގުޅިގެން ހެދިފައިވާ ގާނޫނުތައް ތަންފީޒުކުރުމަކީ ސަލާމަތީ ބާރުތަކަށް ލާޒިމުވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެކަން އެއްވެސް ޖެހިލުންވުމެއް ނެތި ސަލާމަތީ ބާރުތަކުން ކުރައްވާން ޖެހޭނެ ކަމަށް އާމިރު ވިދާޅުވި އެވެ.

"އިދިކޮޅު ފަރާތްތަކުން ހިންގަމުންދާ ހަރަކާތަކީ ގާނޫނު އަސާސީގެ 32 ވަނަ މާއްދާ އާއި ބައިނަލް އަގުވާމީ މުއާހަދާ ތަކާ ހަވާލާދީ ހެދިފައިވާ ގާނޫނުތަކަށް ބަލާ އިރު ވެސް ޣައިރު ގާނޫނީ ހަރަކާތެއް. އެއީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމާ ބެހޭ ގާނޫނާއި އާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފު އަމަލު ހުއްޓުވުމުގެ ގާނޫނާއި ސިޔާސީ ޕާޓީ ތަކާ ބެހޭ ގާނޫނުގެ އިމުގެ ބޭރުން ހިންގޭ ހަރަކާތެއް. އެފަދަ ކަންކަމަށް އެއްގޮތަކަށް ވެސް ފުރުސަތު ދެވިގެން ނުވާނެ،" ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫގެ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ އާމިރު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ދިވެހި ރާއްޖޭގައި އަމާން ވެއްޓެއް ގާއިމުކުރުމަށް އަދުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް އެމްޑީއޭ ބަލައިގަންނަ ކަމަށެވެ. ގާނޫނު އަސާސީގައި ސިޔާސީ މަގުސަދު ހާސިލުކުރުމަށް ޓަކައި ދީފައިވާ ހައްގަށް ވުރެ، ގިނަ ހައްގުތަކެއް ރައްޔިތުންގެ ސަލާމަތާއި ރައްކާތާތެރިކަމަށް ދީފައިވާ ކަމަށް ވެސް އާމިރު ވިދާޅުވި އެވެ. އެ ގޮތުން ގާނޫނު އަސާސީގެ 16 ވަނަ މާއްދާއިން ފެށިގެން 69 ވަނަ މާއްދާ އާއި ދެމެދުގެ މާއްދާ ތަކުން އެކަން އެނގޭ ކަމަށާއި އެ މާއްދާ ތަކުގެ ދަށުން ހެދިފައިވާ ގާނޫނުތަކުން އެ ހައްގުތައް ކަށަވަރުކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގާނޫނީ ގޮތުން އުފެދިފައި އޮތް ވެރިކަމެއް މަގުމައްޗަށް ނިކުމެ ވައްޓައިލާނެ ކަމަށް ގޮވައިލުމަކީ މި ދެންނެވުނު ހަމަތަކާ ޚިލާފަށް ކުރެވޭ ޣައިރު ގާނޫނީ ކަމަކަށް ނޫނީ ނުވާނެ،" އާމިރު ވިދާޅުވި އެވެ.

އާމިރު ވިދާޅުވީ، ގައުމުގެ ރައްޔިތުންނަށް އަމާންކަން ކަށަވަރުކޮށްދިނުމަކީ ރައީސުލްޖުމުހޫރިއްޔާގެ މަގާމުގަ ހުންނަވާ ބޭފުޅަކަށް ކޮންމެހެން ލާޒިމު ކަމެއް ކަމަށެވެ. އެހެން ކަމުން، ގާނޫނީ އިމުގެ ތެރެއިން ރައީސުލްޖުމުހޫރިއްޔާގެ ސިޔާސަތުތައް ތަންފީޒުކުރާން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމަށް ކޯލިޝަންގެ ބައިވެރިއެއްގެ ގޮތުން އެމްޑީއޭ އަބަދުވެސް އެޮންނާނީ ތައްޔާރަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މި ސަރުކާރަކީ އެމްޑީއޭގެ ފުރިހަމަ ބައިވެރިވުމާ އެކު ގާއިމުކުރެވިފައިވާ ސަރުކާރަކަށް ވެފައި، ރައްޔިތުންނަށް ތަރައްގީ އާއި ކުރިއެރުން ހޯދައިދިނުމަށް ސަރުކާރުން ކުރިޔަށް ގެންދަވާ ފަސް އަހަރުގެ ދުވަހުގެ މެނިފެސްޓޯ އަކީ ވަރަށް ފުރިހަމަ މެނިފެސްޓޯއެއް ކަމަށް އާމިރު ވިދާޅުވި އެވެ. ކޯލިޝަން ގައި ބައިވެރިވި އެންމެހާ ޕާޓީ ތަކުން ވެސް އެ މެނިފެސްޓޯ ފުރިހަމަ ކުރުމަށް ސަރުކާރަށް އިންތިޚާބީ މުއްދަތު ކަށަވަރުކޮށްދޭން ޖެހޭނެ ކަމަށް އެމްޑީއޭ އިން ދެކޭ ކަމަށް ވެސް އާމިރު ވިދާޅުވި އެވެ.