މާލެ އަންނަ އެއްވެސް އުޅަނދަކަށް ހުރަހެއް ނާޅާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ މާލޭ އަންނަ އުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ފުރިހަމަކޮށް ސަލާމަތީ ސެޓްފިކެޓްގައިވާ މިންގަނޑަށް ކަންކަން ހުރިތޯ ބެލުމަށް މެރިން ޕޮލިސް ހަރަކާތްތެރިވަމުންދާނެ ކަމަށެވެ. އެހެންނަމަވެސް އެއްވެސް އުޅަނދެއް މާލެ އައުމަށް ހުރަސްއަޅާފައެއް ނުވާނެ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މިހެން ބުނެފައިވާ އިރު އެމްޑީޕީ-ޖޭޕީ އިން މިއަދު ކުރިއަށް ގެންދާ ބޮޑު މުޒާހަރާގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ހިސާބުތަކުން މީހުން ދަނީ އަންނަމުން ނެވެ.

ފުލުހުންނާއި އެމްއެންޑީއެފް އާ ރޭ ނޫސްވެރިންނާ ބައްދަލުކުރައްވާ އިއްވި ބަޔާނެއްގައި ބުނެފައި ވަނީ މާލޭގައި ބާއްވާ މުޒާހަރާތަކަށް އަތޮޅު ތެރެއިން މާލެ އަންނަ މީހުން ހަމަނުޖެހުން ހިންގާ ނަމަ، ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށާއި މުޒާހަރާތައް ރޫޅާލާނީ ސުލްހަވެރިކަމުގެ ސިފަ ގެއްލިއްޖެ ކަމަށް ފުލުހުންނަށް ގަބޫލު ކުރެވުމުން ކަމަށެވެ.

އަތޮޅު ތެރެއިން މާލެއަށް މީހުން އައިސް، މާލޭގެ އަމާންކަން ނަގާލައި ދައުލަތާއި ރައްޔިތުންގެ މުދަލަށް ގެއްލުން ލިބޭ އެއްވެސް ކަމެއް ކުރަން އުޅޭނަމަ އެ ފުރުސަތު ނުދޭނެ ކަމަށް ސަލާމަތީ ބާރުތަކުން އިއްވި ބަޔާނުގައިވެ އެވެ.