15 Feb 2011, 15:52
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރެކޯޑިން އާއި ލިޔެކިޔުންތައް އެ ކޮމިޝަނުގެ ގާނޫނާ ހިލާފަށް އާންމު ކުރާ ފަރާތްތަކާ މެދު އަމަލު ކުރެވިދާނެ ގޮތަކާ މެދު މަޝްވަރާ ކުރުމަށް އެ ކޮމިޝަނުން ބޭއްވި ޖަލްސާ ފެއްޓިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ޖަލްސާގެ ކޯރަމް ގެއްލިގެން ހުއްޓާލައިފި އެވެ.
އެ ޖަލްސާގެ ކޯރަމް ގެއްލުނީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ މެންބަރު އައިޝަތު ވެލެޒިނީ ޖަލްސާ ފެއްޓިތާ ފަސް މިނެޓުގެ ތެރޭގައި ނުކުމެވަޑައިގަތުމުންނެވެ. އެ ޖަލްސާ އަށް ވަޑައިގަތީ ކޮމިޝަނުގެ 10 މެންބަރުންގެ ތެރެއިން ހަ މެންބަރުން ކަމުން ވެލެޒިނީގެ މައްސަލައެއް ވެސް ބެލުމަށް ހަމަޖެހިފައިވާ އެ ޖަލްސާ ދޫކޮށް އޭނާ ވަޑައިގަތުމުން ކޯރަމް ހަމަނުވެގެން އިތުރަށް ޖަލްސާ ކުރިއަށް ގެންދެވޭ ގޮތް ނުވީ އެވެ.
ވެލެޒިނީ މިއަދު ވިދާޅުވީ އޭނާ ޖަލްސާ އިން ނުކުންނެވީ ކޯޓަށް ވަޑައިގެންނެވުމަށް ކަމަށެވެ.
އިއްޔެގެ ޖަލްސާގެ އެޖެންޑާގެ ކޮޕީއެއް ސަން އޮންލައިނަށް ވަނީ ލިބިފަ އެވެ. އެޖެންޑާގެ އެއް ނަންބަރުގައި ބުނެފައި ވަނީ ކޮމިޝަނުގެ ރެކޯޑިން އާއި ލިޔެކިޔުންތައް ގާނޫނާ ހިލާފަށް އާންމު ކުރާ ފަރާތްތަކާ މެދު އަމަލު ކުރާނެ ގޮތަކާ މެދު މަޝްވަރާ ކުރުމެވެ. ދެ ވަނަ އަށް އޮތީ ވެލެޒިނީ އޭނާގެ އަމިއްލަ ފައިލްގައިވާ ލިޔެކިޔުންތައް ގެންދަވާ މައްސަލައިގައި މަޝްވަރާކޮށް ގޮތެއް ނިންމުމެވެ.
ކޮމިޝަނުގެ ރެކޯޑިން އާންމު ކުރާ ފަރާތްތަކާ މެދު އަމަލު ކުރާނެ ގޮތަކާ މެދު މަޝްވަރާ ކުރުމަށް ޖޭއެސްސީން ނިންމާފައި މި ވަނީ ކޮމިޝަނުގެ މެންބަރު ޑރ. އަފްރާޝީމް އަލީ އާއި ބައެއް އެހެން މެންބަރުން ކަމަށް ބެލެވޭ ބަޔަކު ދައްކާފައިވާ ވާހަކަތަކެއްގެ އޯޑިއޯ ލީކުވުމުންނެވެ. އެ އޯޑިއޯ އިން ދޭހަވާ ގޮތުގައި ޑރ. އަފްރާޝީމް ސުޕްރީމް ކޯޓަށް ކޮމިޝަންގެ ދިފާއުގައި ވަޑައިގެންފައި ވަނީ ޖަލްސާއެއް ނުބާއްވައި ނިންމި ނިންމުމެއްގެ މައްޗަށެވެ.