ޓްރިޕޮލީ (ފެބްރުއަރީ 27) : ލީބިޔާގެ އަރާރުންތައް ސުލްޙަވެރިކަމާއެކު ޙައްލު ކުރުމަށް މަގުފަހި ކުރުމުގެގޮތުން ސުލްޙައިގެ ވާހަކަތަކަށް ފުރްސަތު ދިނުމަށްޓަކައި ޙަމަލާތައް ބަދަލުކުރުން ހުއްޓާލިކަން ޓްރިޕޮލީގައި ގާއިމްކޮށްފައިވާ ސަރުކާރުން އިޢްލާންކޮށްފި އެވެ. ޓްރިޕޮލީގައި ގާއިމްކޮށްފައިވާ ސަރުކާރުގެ ސިފައިންގެ ޗީފް އޮފް ސްޓާފް ގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ލީބިޔާގެ އަނެއް ސަރުކާރު ކަމަށްވާ ތުބްރުގްގައި އުފައްދާފައިވާ ސަރުކާރުގެ މަސްއޫލުވެރިންނާ އެކު ސުލްޙައިގެ ވާހަކަތައް ކުރިޔަށް ގެންދިޔުމަށްޓަކައި ހަމަލާތައް މުޅިން ހުއްޓާލުމަށް ސިފައިންގެ ކޮމާންޑަރުންނަށާއި ހަނގުރާމައިގެ ޔުނިޓްތަކަށް އަމުރުކޮށްފައިވާ ކަމުގަ އެވެ. މިދިޔަ އަހަރު ލީބިޔާގައި ބޭއްވި އާންމު އިންތިޚާބުގައި އައު ޕާލަމެންޓެއް އިންތިޚާބު ކުރުމަށް ފަހު ލީބިޔާގައި ވަނީ ދެސަރުކާރެއް އުފެދިގެން ގޮސްފަ އެވެ. އެއްސަރުކާރަކީ އާންމު އިންތިޚާބުގެ ކުރިން ލީބިޔާގައި އޮތް ސަރުކާރެވެ. މިސަރުކާރުގެ މަރުކަޒު ހުންނަނީ ވެރިރަށް ޓްރިޕޮލީގައެވެ. އަނެއް ސަރުކާރަކީ އާންމު އިންތިޚާބަށް ފަހު އެކުލަވާލި ޕާލަމެންޓުން އުފެއްދި ސަރުކާރެވެ. އެސަރުކާރުގެ މަރުކަޒަކީ ލީބިޔާގެ އިރުމަތީ އައްސޭރިފަށުގެ ރަށެއްކަމަށްވާ ތުބްރުގްއެވެ. ލީބިޔާގެ ސްޕްރީމް ކޯޓުން މިދިޔަ އަހަރުވަނީ މީގެ ތެރެއިން ތުބްރުގް ގައިވާ ސަރުކާރަކީ ޣައިރު ގާނޫނީ ސަރުކާރެއް ކަމަށް ޙުކުމް ކޮށްފަ އެވެ. ނަމަވެސް އދ. އާއި ދުނިޔޭގެ ގިނަ ގައުމުތަކުން މުޢާމަލާތް ކުރަމުން ގެންދަނީ ތުބްރުގް ގައިވާ ސަރުކާރާއެކުގައެވެ. މި ދެސަރުކާރަށް ނިސްބަތްވާ ހަތިޔާރުއެޅި ޖަމާއަތްތަކުގެ އަރާރުންތަކާއި ތަޅާފޮޅުންތަކުގެ ސަބަބުން ލީބިޔާވަނީ ދާޚިލީ ހަނގުރާމައެއްގެ ތެރެއަށް ވެއްޓިފަ އެވެ. ލީބިޔާގައި އުފެދިފައިވާ ދެ ސަރުކާރުގެ މައްސަލަ ޙައްލުކޮށް ދެސަރުކާރު ގުޅިގެން ވަތަނީ އެއްބައިވަންތަކަމުގެ އެއްސަރުކާރު އުފައްދައި ހަތިޔާރު އެޅި ޖަމާއަތްތަކުގެ ހަތިޔާރުތައް އެސަރުކާރާ ހަވާލުނުކޮށްފިނަމަ ސޫރިޔާއަށް ވެގެންދިޔަ ގޮތް ކައިރި މުސްތަގްބަލެއްގައި ލީބިޔާއަށް ވެގެންދާނެ ކަމަށް ލީބިޔާގެ މަސްއޫލުވެރިންނާ އަދި ބައިނަލްއަގްވާމީ މުޖްތަމައުން ވެސް ދެކެއެވެ. ތުބްރުގް ގައި އުފައްދާފައިވާ ސަރުކާރަށް އަސްކަރީގޮތުންނާއި މާލީގޮތުން އެހީވަނީ މިސްރާއި ޔުނައިޓެޑް އަރަބް އިމަރޭޓްސް އެވެ. ތަރާބްލްސްގެ ސަރުކާރާއި ތުބްރުގް ގެ ސަރުކާރުގެ މަސްއޫލުވެރިންގެ މެދުގައި ސުލްޙައިގެ ވާހަކަތައް ކުރިޔަށްދާތާ ހަފްތާތަކެއް ވެފައިވީ ނަމަވެސް މިވާހަކަތަކަށް ކުރިއެރުމެއް ލިބިފައެއްނުވެ އެވެ. ނަތީޖާއެއްގެ ގޮތުން ތުބްރުގްގެ ސަރުކާރުވަނީ ސުލްހައިގެ ވާހަކަތަކުގައި ބައިވެރިނުވުމަށް ނިންމާފަ އެވެ. ނަމަވެސް އދ. ން ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ސުލްހައިގެ ވާހަކަތަކުގައި އަލުން ބައިވެރިވުމަށް ތުބްރުގްގެ ސަރުކާރުން ވެސް މިހާރު އެއްބަސްވެފައިވާ ކަމަށް ޚަބަރުލިބެ އެވެ. ލީބިޔާގެ ދެ ސަރުކާރުގެ ދެމެދުގައި ބާއްވާ މިވާހަކަތަކުގެ ބޭނުމަކީ ލީބިޔާގައި ގައުމީ އެއްބައިވަންތަކަމުގެ އެއްސަރުކާރު އުފެއްދުމާއި ހަތިޔާރުއެޅި ޖަމާއަތްތަކުގެ އަތްދަށުގައިވާ ހަތިޔާރުތައް އެސަރުކާރާ ޙަވާލުކުރެވޭނެ ގޮތެއް ހަމަޖެއްސުމެވެ. (ނޫސްއެޖެންސީތައް)