27 Feb 2015, 10:24
އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ ގުޅިގެން މުޒާހަރާތައް ރާވަމުން އަންނަނީ ސަރުކާރުން ދައްކަމުން އަންނަ ހެޔޮ ނަތީޖާއާމެދު ކަންބޮޑުވެގެން ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެއެވެ.
މުންދު "ސަން"އަށް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ސިޔާސީ ހަލަބޮލިކަން ގެންނަން މަސައްކަތް ކުރަމުން ދަނީ މި ސަރުކާރުން ގާނޫނާއި ހިލާފް ކަމެއް ކޮށްގެންނެއް ނޫން ކަމަށާއި ހަގީގީ މަގުސަދަކީ ވޭދުވެދިޔަ 15 މަސް ދުވަހު ސަރުކާރުން ދެއްކި ނަތީޖާއަށް ކަންބޮޑުވުން ކަމަށެވެ.
"މިސަރުކާރުގެ ކާމިޔާބީ ނުވަތަ އެއް އަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް ރައްޔިތުން ދެއްވި ފުރުސަތާއި އެއްބާރުލުމާއެކު ބުރަ މަސައްކަތާއެކު މި ހާސިލް ކުރެވުނު ކަންތައްތަކާއި އެކަންތައްތައް ހާސިލް ކުރެވުނު ދުވެއްޔާއި މެދު ހަސަދަ ލައިގެން އުޅޭ ބަޔެކޭ މިއީ،" މުންދު ވިދާޅުވި އެވެ.
ވޭތުވެދިޔަ 15 ވަރަކަށް މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ރައްޔިތުންގެ ފުދުންތެރިކަން އެކި ގޮތްގޮތުން ވަނީ އިތުރުވެފައި ކަމަށާއި އަދި ރާއްޖެއަށް ބޮޑެތި މަޝްރޫތަކެއް އައިސް ހަމަޖެހުމެއް ރާއްޖެ އައިސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެފަދަ މަޝްރޫތައް މި ސަރުކާރުން ކާމިޔާބު ކުރުމުން 2018 ވަނަ އަހަރު ރައީސްޖުމްހޫރިއްޔާ އަބްދުއްﷲ ޔާމީން އަށް ދެ ވަނަ ދައުރެއް ލިބޭނެކަން ޔަގީން ވުމުން އިދިކޮޅު ފަރާތްތަކުން ކަންބޮޑުވަނީ ކަމަށް މުންދު ވިދާޅުވި އެވެ.
"މިއީ އެއްބޭފުޅަކު ނުވަތަ ދެބޭފުޅަކު ވެރިކަމަށް ވަޑައިގަތުމަށްޓަކައި ރައްޔިތުން ނިކަމެތިވިޔަސް، ގައުމު ހަލަބޮލިވިޔަސް ގަުއމުގެ އަބުރު ގެއްލުވާލަން ޖެހުނަސް، އަދި އަޅުގަނޑުމެން ރާއްޖޭގެ މުސްތަގުބަލް ބަނަކޮށްލަން ޖެހުނަސް ހެވޭ ތިމަންމެން ވެރިކަން ކޮށްފައި ނޫނިއްޔާ ހުއްޓައެއް ނުލާނަމޭ ބުނެ ކުރާކަމެއްކަމަށް އަޅުގަނޑަށް ސިފަކުރެވެނީ." މިނިސްޓަރު މުންދު ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން ބޭނުންވަނީ ރާއްޖެއަށް ހަލަބޮލިކަމެއް ގެނެސް އެއާއެކު އިންވެސްޓަރުންނަށް ނުބައި ސިގުނަލެއް ދިނުމާއި ޓޫރިޒަމަށް ނޭދެވޭ އަސަރު ކުރުވުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.