ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ފުލުހުންގެ ބަންދުގައި ދޫނިދޫގައި ހުންނެވި ނަމަވެސް އެމަނިކުފާނަށް އެއްވެސް ނުރައްކަލެއް ނޯންނާނެ ކަމަށާއި އަދި އަމިއްލަފުޅަށް ހަށިގަނޑަށް އަނިޔާއެއް ދޭން އުޅުނު ނަމަވެސް އެކަން ހުއްޓުވާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ދިޓީވީގެ "ޚަބަރު ތެރެއިން" ޕްރޮގުރާމުގައި މިރޭ ވާހަކަފުޅުދައްކަވަމުން އުމަރު ވިދާޅުވީ ހުކުމެއް ތަންފީޒު ކުރަން ޖެހިއްޖެ ނަމަ އެކަން ކުރާނީ ހޯމް މިނިސްޓްރީ އިން ކަމަށެވެ. އަދި އެމަނިކުފާނަށް {ރައީސް ނަޝީދު} ހޯމް މިނިސްޓްރީގެ ފަރާތުން ދޭން ޖެހޭ ހުރިހާ އިއްޒަތަކާއި ގަދަރެއް ދޭނެ ކަމަށް އުމަރު ވިދާޅުވި އެވެ.

"ހޯމް މިނިސްޓްރީގެ ފަރާތުން އޭނާއަށް {ރައީސް ނަޝީދު} ދޭންވާ އިއްޒަތާއި ގަދަރު ދޭނަން. ދޫނިދޫގައި ރައީސް ނަޝީދު ހުންނައިރު އެމަނިކުފާނުގެ ހަށިކޮޅަށް އެއްވެސް ނުރައްކަލެއް ނުވާނެ، އެކަން އަޅުގަނޑުމެން ވާނީ ޔަގީންކޮށްފައި. އެމަނިކުފާނުގެ ހަށިކޮޅަށް އެއްވެސް ނުރައްކަލެއް ނެތް. އަމިއްލަފުޅަށް އަނިޔާއެއް ހޯދަން އުޅުނަށް އެެކަން ވެސް ހުއްޓުވާނެ،" އުމަރު ވިދާޅުވި އެވެ.

ރައީސް ނަޝީދު ދޫނިދޫގައި ބަހައްޓަވަނީ އެހެން ކުށްވެރިންހެން ނޫން ކަމަށާއި އެމަނިކުފާނު ބަންދުގައި ވެސް އަދި ހުކުމެއް ކޮށް ހުކުމް ތަންފީޒު ކުރަން ހުންނަވާއިރު ވެސް އެމަނިކުފާނަށް އިހްތިރާމް ކުރައްވާނެ ކަމަށް އުމަރު ވިދާޅުވި އެވެ. އެހެންނަމަވެސް އެމަނިކުފާނަށް ކުށުން ބަރީއަ ވަޑައެއް ނުގަނެވޭނެ ކަމަށް އުމަރު ވިދާޅުވި އެވެ.

"ރައީސް ނަޝީދު ދޫނިދޫގައި ބަހައްޓާފައ ހުންނަނީ އެހެން ކުށްވެރިންހެނެއް ނޫން. އެއަށް ވުރެއް މާ އިހުތިރާމްކޮށް. އަތުގައި ބިޑި އަޅުވާފައެއް ނޫން. މުއާމަލާތް ކުރައްވާނީ ވެސް ރީތި ބަހުން. އެމަނިކުފާނު ބޭނުން އެއްޗެއް ކެއުމަށް ލިބޭނެ. އެއީ ކީއްވެތޯ. އެއީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅެއް ކަމަށް ވާތީ. އެކަމަކު އެމަނިކުފާނެއް ކަމަކު ހުކުމަކުން ބަރީއަތް ނުވެވޭނެ." އުމަރު ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު އުމަރު ނަސީރު މިހެން ވިދާޅުވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގެ ޝަރީއަތަށް މިދިޔަ ހޯމަ ދުވަހު ނަޝީދު ކޯޓަށް ހާޒިރުކުރި ވަގުތު އެ ސަރަހައްދަށް އެއްވެފައިވާ މީޑިއާގެފަރާތްތަކާ ވާހަކަ ދައްކަވަން ނަޝީދު މަސައްކަތް ކުރެއްވުމުން އެ ފުރުސަތު ނުދީ ފުލުހުން ނަޝީދު ކޯޓަށް ވައްދަނިކޮށް އެމަނިކުފާނު ގަަދަހައްދަވައި އަމިއްލަފުޅަށް ބިމަށްޗަށް ވެއްޓިވަޑައިގަތުމުން ނެވެ.

ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނީ ރައީސް ނަޝީދުގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތަށް ހާޒިރުކުރުމުގެ ތެރޭގައި އެމަނިކުފާނަށް އެއްވެސް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ.

އެދުވަހު އޮތް ޝަރީއަތުގެ މަޖިލީހުގައި ރައީސް ނަޝީދު ވަނީ އަތްޕުޅު ބިނދިފައިވާ ކަމަށް ވިދާޅުވެ، އަޅުއްވައިގެން ހުންނެވި ޓައީ އަތާއި އެކު ކަރުގައި އައްސަވައިފައެވެ.