ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލައިގައި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއަށް ޖަވާބުދާރީވުމަށް އޭނާއަށް ވެސް ތިން ދުވަހުގެ ފުރުސަތެއް ދީފި އެވެ.

ކްރިމިނަލް ކޯޓުގައި މިރޭ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ތޮލްހަތުގެ ގާނޫނީ ވަކީލު މުހައްމަދު ޝާހު ވިދާޅުވީ، އެމައްސަލައިގައި ހިމެނޭ ލިޔުންތައް ގިނަކަމުން ދިރާސާކުރަން އިތުރު މުއްދަތެއް ބޭނުންވާ ކަމަށެވެ.

ޝާހު އެގޮތަށް އެދިވަޑައިގަތުމުން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި އަބްދުﷲ ދީދީ ވަނީ އެކަމަށްޓަކައި ތިން ދުވަހުގެ ފުރުސަތެއް ދެއްވިކަން އިއުލާންކުރައްވާފައެވެ.

ތޮލްހަތުގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ އޭނާ ޑިފެންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އިރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމަށް ސިފައިންގެ އެންމެ މަތީވެރިޔާ މުހައްމަދު ނަޝީދު ނިންމެވުމުން 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުން ފެށިގެން ފެބްރުއަރީ އަށްވަނަ ދުވަހުގެ ނިޔަލަށް އަބްދުﷲ ގާޒީ ހައްޔަރުކޮށް ގިރިފުށީގައި ބެހެއްޓުމުގެ ކަންތައް ރާވައި ހިންގާފައިވާތީ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

ތޮލްހަތާއި ރައީސް ނަޝީދުގެ އިތުރުން އެ މައްސަލައިގައި ދައުވާ އުފުލާފައި ވަނީ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަދި މިހާރުގެ ޑިފެންސް މިނިސްޓަރު މޭޖާ ޖެނެރަލް ރިޓަޔާޑު މޫސާ އަލީ ޖަލީލާއި އެމްއެންޑީއެފްގެ ކުރީގެ މާލޭ އޭރިއާ ކޮމާންޑަރު އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑު އިބްރާހީމް މުހައްމަދު ދީދީގެ އިތުރުން ކާނަލް ރިޓަޔާޑު މުހައްމަދު ޒިޔާދުގެ މައްޗަށެވެ.