މާލޭގައި ބާއްވާ މުޒާހަރާތަކަށް އަތޮޅު ތެރެއިން މާލެ އަންނަ މީހުން ހަމަނުޖެހުން ހިންގާނަމަ، ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށާއި މުޒާހަރާތައް ރޫޅާލާނީ ސުލްހަވެރިކަމުގެ ސިފަ ގެއްލިއްޖެ ކަމަށް ފުލުހުންނަށް ގަބޫލު ކުރެވުމުން ކަމަށް ސަލާމަތީ ބާރުތަކުން ބުނެފި އެވެ.

އިސްކަންދަރު ބިލްޑިންގައި ނޫސްވެރިންނާ ބައްދަލުކޮށް ފުލުހުންނާއި ސިފައިން އިއްވި ބަޔާނުގައި މިރޭ ބުނެފައި ވަނީ އިދިކޮޅު ފަރާތްތަކުން މާދަމާ ބޭއްވުމަށް ނިންމާފައިވާ އެއްވުމުގައި މާލޭގެ އަމާންކަމާއި ސުލްހަމަސަލަސްކަން ނަގާލަން ފުރުސަތު ނުދޭނެ ކަމަށެވެ. އަދި އަތޮޅު ތެރެއިން މާލެއަށް މީހުން އައިސް، މާލޭގެ އަމާންކަން ނަގާލައި ދައުލަތާއި ރައްޔިތުންގެ މުދަލަށް ގެއްލުން ލިބޭ އެއްވެސް ކަމެއް ކުރަން އުޅޭނަމަ އެ ފުރުސަތު ނުދޭނެ ކަމަށް ސަލާމަތީ ބާރުތަކުން އިއްވި ބަޔާނުގައިވެ އެވެ.

"މާދަމާ ބާއްވާ މުޒާހަރާގައި ސުލްހަވެރިކަމުގެ ސިފަ ގެއްލިގެން ހިނގައްޖެނަމަ، ގާނޫނީ ހަމަތަކުގެ މަތިން ރޫޅާލާނެ ކަމުގައި ވެސް ދަންނަވަން. މުޒާހަރާގައި ބައިވެރިވާ ފަރާތްތަކުން އެފަދަ ވަގުތުތަކުގައި ފަރުދީ ޒިންމާ ނަގަންޖެހޭނެ ކަމުގައި ވެސް ދަންނަވަން،" ސިފައިންނާއި ފުލުހުން މިރޭ އިއްވި ބަޔާނުގައިވެ އެވެ.

މާލޭގައި ބާއްވާ އެއްވުންތައް ސުލްހަވެރިކަމާއި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ނުވާނެ ގޮތުގެ މަތިން ކުރިއަށް ގެންދިއުމަށް ފުލުހުންނާއި ސިފައިން މިރޭ ވަނީ އިލްތިމާސްކޮށްފަ އެވެ.

މުޒާހަރާތަކުގައި ބިދޭސީން ބައިވެރިވުމަށް ފުރުސަތު ނުދޭނެ ކަމަށާއި ދިވެހިންގެ މަސްލަހަތު ހިމާޔަތް ކުރާނީ ދިވެހިން ކަމަށް ފުލުހުންނާއި ސިފައިން ބުންޏެވެ.

"ދިވެހިންގެ މަސްލަހަތު ދިވެހިންނަށް މުހިންމުވާ މިންވަރަށް އެއްވެސް ބަޔަކަށް މުހިންމު ނުވާނެކަން ހުރިހާ ފަރާތްތަކުން ހަނދުމަފުޅުކޮށް ބެހެއްޓުމަށް އެދެން،" ސަލާމަތީ ބާރުތަކުން މިރޭ އިއްވި ބަޔާނުގައިވެ އެވެ.

ގައުމުގެ މަސްލަހަތު ގެއްލޭ އެއްވެސް ކަމަކަށް ޖާގަ ނުދޭނެ ކަމަށް ބުނެ، ސަލާމަތީ ބާރުތަކުން ވަނީ މީޑިއާއަށް ވެސް އިލްތިމާސެއްކޮށްފަ އެވެ.

"ގައުމުގައި އުފެދޭ ހަމަނުޖެހުންތަކާއި ސިޔާސީ އެއްވުންތަކާއި މުޒާހަރާތަކުގެ ޚަބަރުތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގައި މީޑިއާތަކުން ވެސް ގައުމުގެ މަސްލަހަތު ދަމަހައްޓައި ހަމަޖެހުމަަށް އިސްކަންދީ ހަބަރާއި މައުލޫމާތު އަދި ފޮޓޯ ވީޑިއޯ އާންމުކުރެއްވުމަށް ވެސް ދަންނަވަން،" މީޑިއާތަކަށް ކުރި އިލްތިމާސްކޮށްފައިވެ އެވެ.

ސިފައިންނާ ފުލުހުންނަށް ރިޝްވަތު ދިނުމަށް ކުރަމުންދާ ކަމަށް ސަލާމަތީ ބާރުތަކުން މިރޭ އިއްވި ބަޔާނުގައި ވަނީ ތުހުމަތުކޮށްފަ އެވެ. އަދި އެފަދަ ކަންތައްތައް ހުއްޓާލުމަށް ސިފައިންނާއި ފުލުހުން ވަނީ ގޮވާލާފަ އެވެ.