ޤާހިރާ : މިސްރުގެ ކުރީގެ ނައިބު ރައީސް ޢުމަރު ސުލައިމާނަށް މިސްރުގެ ވެރިކަމުގެ ނިޒާމުގައި މިހާރު އެއްވެސް ބާރެއް އަދި ޙައިޘިއްޔަތެއް ލިބިފައިނެތް ނަމަވެސް ރިޔާސީ ގަނޑުވަރުގައި ހުންނަވައިގެން މިސްރުގެ ވެރިކަމުގެ ކަންތައްތަކުގެ ތެރެއަށް އޭނާ ވެދެވަޑައިގަންނަވަމުންދާ ކަމަށް ޚަބަރުލިބިއްޖެއެވެ.

މިސްރުގެ ނޫސްތައް ބުނިގޮތުގައި ޢުމަރު ސުލައިމާން ގެންދަވަނީ މިސްރުގެ ވަޒީރުންނާ ގުޅުއްވައި ނައިބު ރައީސެއްގެ ގޮތުން އަމުރުތައްވެސް ނެރުއްވަމުންނެވެ. މިގޮތުން މިސްރުގައި އެއްވެސް ކަމެއް ހިނގާފައިނުވާހެން ހީވާގޮތަށް އުމަރުސުލައިމާން، މުބާރަކްގެ ދުވަސްވަރުގައިވެސް ހަރަކާތްތެރިވެ ވަޑައިގަންނަވަމުން ގެންދާ ގޮތަށް މިސްރުގައި ހިނގަމުންދާ ކަންތައްތަކުގެ ޚަބަރުތައް މިހާރުވެސް ރައީސް މުބާރަކަށް ފޮނުއްވައި އޭނާއާ މަޝްވަރާ ކުރަމުންގެންދާ ކަމަށް މިސްރުގެ ނޫސްތައް ބުނެއެވެ.

މިސްރުގެ ވެރިކަން ސިފައިންނާ ޙަވާލުވެ ޕާލަމެންޓް އުވާލައި ދަސްތޫރަށް ޢަމަލުކުރުން ހުއްޓާލުމުން ދަސްތޫރުގައިބުނާ ނައިބު ރައީސް ކަމުގެ މަޤާމު މިހާރު ނޯންނާނެ ކަމަށް މިސްރުގެ ޤާނޫނީ މާހިރުންނާއި މުބާރަކްގެ ވެރިކަން ވައްޓާލުމަށް އިސްކޮށް މަސައްކަތްކުރި ރައްޔިތުންގެ އެކްޓިވިސްޓުން ބުނެއެވެ. ރައްޔިތުންގެ އިންޤިލާބުގައި ޙަރަކާތްތެރިވާ އިސްފަރާތްތަކުންވަނީ ޢުމަރުސުލައިމާނަށާއި މުބާރަކްގެ ދުވަސްވަރުގެ މިސްރުގެ އިސްމަޤާމްތަކުގައި ތިއްބެވި ބޭފުޅުންނަށް މިސްރުގެ ކަންކަމުގައި ޙަރަކާތްތެރިވުމުގެ ފުރްސަތު ޢަސްކަރީ މަޖިލީހުން ދެމުންގެންދާތީ އެމަޖިލީހަށް ފާޑުކިޔާފައެވެ.

މިސްރުގައި ވަގުތީ ގޮތުން ވެރިކަން ކުރަމުންގެންދާ ޢަސްކަރީ މަޖިލީހުންވަނީ މުބާރަކް ވެއްޓެން ގާތްވެފައިވަނިކޮށް އޭނާ އުފެއްދެވި ސަރުކާރަކީ މިސްރުގައި އަލުން އިންތިޚާބެއް ބޭއްވެންދެން އިދާރީ ކަންތައްތައް ހިންގާ ވަގުތީ ސަރުކާރެއް ކަމުގައި ހަމަޖައްސާފައެވެ. ރައްޔިތުންގެ އިންޤިލާބުގައި ޙަރަކާތްތެރިވާ އިސްފަރާތްތަކުންވަނީ މިކަމާމެދު ހިތްހަމަނުޖެހުން ފާޅުކޮށް އެމީހުން ބޭނުންވާ ކަންތައްތަކުގެ ލިސްޓެއް ޢަސްކަރީ މަޖިލީހަށް ހުށަހަޅާފައެވެ. -- މިސްރުގެ ނޫސްތައް