މޯލްޑިވްސް ފިޝަމަންސް އެސޯސިއޭޝަނާއި އިންޓަނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަން ގުޅިގެން ފިޝަރީޒް މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީގެ އެހީތެރިކަމާ އެކު އެކުލަވާލާފައިވާ "ފިޝިން ސްކިޕާ" ކަރިކިއުލަމް ރަސްމީކޮށް ލޯންޗްކޮށްފި އެވެ.

ނަސަންދުރަ ޕެލަސް ހޮޓެލްގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އެ ކަރިކިއުލަމް ރަސްމީކޮށް ލޯންޗްކޮށްދެއްވީ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އެވެ. އެ ކަރިކިއުލަމް އަކީ މަސްވެރިން ތަމްރީނުކުރުމަށްޓަކައި ފިޝަމަންސް އެސޯސިއޭޝަންގެ ފަރާތުން ހިންގި ތަފާތު ޕްރޮގްރާމްތަކުގެ އަލީގައި ލިބުނު ތަޖުރިބާގެ އެހީގައި އެކުލަވާލި ކަރިކިއުލަމް އެކެވެ.

ކަރިކިއުލަމްގެ މަގްސަދަކީ ދިވެހިރާއްޖޭގެ މަސްދޯނި ފަހަރުގައި ހަރަކާތްތެރިވާ ފަރާތްތަކަކީ އެ މަސައްކަތަށް ގާބިލް އެކަށޭނަ ބައެއްކަމުގައި ކަނޑައަޅައި އެމީހުން ސެޓިފައިކޮށް މަސްވެރިކަމަށް ނުކުންނަ މީހުންނަކީ އެމީހުންނަށް މަސްވެރިކަމުގައި "ހޭލަމޭލަ" އެނގޭ އަދި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ އެންމެ ފުރިހަމަ މައުލޫމާތު ލިބިފައިވާ ބަޔަކަށް ހެދުން ކަމަށް ފިޝަމަންސް އެސޯސިއޭޝަންސް އިން ބުންޏެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފިޝަރީޒް މިނިސްޓަރު ޝައިނީ ވިދާޅުވީ، މަސްވެރިން ތަމްރީނުކުރުމަށް ހިންގާ ސެޓްފިކެޓް ލެވެލް ހަތަރެއްގެ އެ ކޯހުގެ ކަރިކިއުލަމްގެ ތެރޭގައި ދޯންޏެއްގައި ދިމާވާ ހުރިހާކަމެއް ހައްލުކުރުމަށް ތަމްރީނުދެވޭނެ ކަމަށެވެ.

"ކަރަންޓު ވައިރުކުރުމާ، އިންޖީނު ހެދުމާ، މަސް ތާޒާކޮށް ބެހެއްޓުމާ، ތިމާވެއްޓާ ރައްޓެހިކޮށް މަސް ބެހެއްޓުންފަދަ ހުރިހާ ދާއިރާއެއް ހިމެނޭގޮތަށް މި ކަރިކިއުލަމްގެ ދަށުން ތަމްރީނުދެވޭނެ. ހަމަ ގައިމުވެސް މި ކޯސް ހަދާފައި ނުކުންނަ ބޭފުޅުން ގިނަވެގެން ދިއުމަކީ އޮޑިވެރިންނަށް ލިބޭ ވަރަށްބޮޑު ފައިދާއެއް،" ޝައިނީ ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވަނީ މޯލްޑިވްސް ފިޝަމަންސް ޓްރެއިނިން ސެންޓަރު ހިންގުން މޯލްޑިވްސް ފިޝަމަންސް އެސޯސިއޭޝަނާ ހަވާލުކޮށްފަ އެވެ.