ސަރުކާރުން ރާއްޖޭގެ އެކި ރަށްރަށުގައި ފަށާފައިވާ މިސްކިތްތަކުގެ މަޝްރޫއުތަކުގެ ތެރެއިން 10 މަޝްރޫއެއް މިއަހަރުގެ ރަމަޟާންމަސް ނިމުމުގެ ކުރިން ނިމޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވެއްޖެ އެވެ.

އިސްލާމީ މަރުކަޒުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝަހީމް ވިދާޅުވީ، މިހާރު ކުރިއަށްދާ 15 މަޝްރޫއުގެ ތެރެއިން ދިހަ މަޝްރޫއު މިއަހަރުގެ ރޯދަމަސް ނިމުމުގެ ކުރިން ނިންމައިލެވޭނެކަމަށް ބެލެވޭއިރު، މިއަހަރު ތެރޭގައި ޖުމުލަ 22 މިސްކިތެއްގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

"މިހާރު 15 ވަރަކަށް މިސްކިތުގެ މަޝްރޫއު ކުރިއަށް އެބަދޭ. އަދި މިއަހަރުގެ ތެރޭގައި އިތުރަށް 22 މިސްކިތުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައި. އަދި މަސައްކަތްތައް ކުރިއަށްދާ މަޝްރޫއުތަކުގެ ތެރެއިން 10 މަޝްރޫއެއް އިރާދަ ކުރެއްވިއްޔާ މިއަހަރުގެ ރަމަޟާން މަސް ނިމުމުގެ ކުރިން ނިމޭނެ،" ޝަހީމް ވިދާޅުވިއެވެ.

ކުރިއަށް ހުރި ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި ގދ. ތިނަދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް ހިމެނޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން އެ މިސްކިތުގެ ރެންޑަރިންގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އާންމުން ދީނީ ގޮތުން އިތުރަށް ހޭލުންތެރި ކުރުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ މިނިސްޓްރީން ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދަމުން އަންނަ ކަމަށެވެ.