ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލާގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ކުރީގެ ސިފައިންގެ އެންމެ މަތީވެރިޔާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއަށް ޖަވާބުދާރީވުމަށް އަނެއްކާވެސް ތިން ދުވަހުގެ ފުރުސަތު ދީފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެ ފުރުސަތުދީފައި ވަނީ ރައީސް ނަޝީދުގެ ގާނޫނީ ޓީމުން އެގޮތަށް އެދުމުންނެވެ.

ރައީސް ނަޝީދުގެ ގާނޫނީ ވަކީލު އަބްދުﷲ ޝާއިރު ވިދާޅުވީ އެ މައްސަލައަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ ހުކުމެއް އަންނަވަރުގެ މައްސަލައަކަށްވެފައި އަދި ގިނަ އަދަދެއްގެ ލިޔެކިޔުންތައް ހިމެނޭތީ ދައުވާއަށް ޖަވާބުދާރީވުމަށް އިތުރު ފުރުސަތު ބޭނުންވާ ކަމަށެވެ. އެހެންކަމުން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ގާޒީ އަބްދުﷲ ދީދީ ވަނީ އިތުރު ތިން ދުވަހުގެ ފުރުސަތެއް ދެއްވިކަން އިއުލާންކުރައްވާފަ އެވެ.

މިރޭގެ ޝަރީއަތުގެ މަޖިލީހުގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ސިފައިންގެ އެންމެ މަތީވެރިޔާގެ ގޮތުގައި ހުންނެވި ދުވަސްވަރު އެވެސް ރައްޔިތަކަށް އަނިޔާކޮށް، އެއްވެސް ރައްޔިތަކު ހައްޔަރުކުރަން އަމުރުކޮށްފައިނުވާނެ ކަމަށެވެ.

"އަޅުގަނޑު ސިފައިންގެ އެންމެ މަތީވެރިޔާގެ ގޮތުގައި ހުރި އިރު އެއްވެސް ދިވެހިރައްޔިތަކަށް އަނިޔާއެއް ދިނުމަކަށް، އެއްވެސް ރައްޔިތަކު ހައްޔަރުކުރުމަށް އަމުރުކޮށްފައެއް ނުވާނެ. މިއީ ސިޔާސީ މަންފާ ހޯދުމަށް ސަރުކާރުން ރާވައިގެންކޮށްފައިވާ ސިޔާސީ ދައުވާއެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ ޓެރަރިސްޓެއް ކަމަށް ދިވެހި ރައްޔިތުން ގަބޫލުނުކުރާކަން ރިޔާސީ އިންތިޚާބުގެ ނަތީޖާއިން ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ. އަދި އެ ދައުވާގެ ސަބަބުން އެމަނިކުފާނަށް ލިބޭ ގެއްލުމަށްވުރެ ރާއްޖޭގެ މުސްތަގުބަލަށް އެކަމުން އޮތް ހުރަސް މާބޮޑުކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ޖަސްޓިސް ބިލްޑިންގްގެ ތިރީގައި ހުންނަ ޝަރީއަތްކުރާ ކޮޓަރީގައި، ވަކީލުންނާ ދުރުގައި ވަކިން ދައުވާ ލިބޭ މީހުން ބައިތިއްބާގޮތަށް ކްރިމިނަލް ކޯޓުން ވަނީ ހަމަޖައްސާފަ އެވެ. އެހެންވުމުގެ ސަބަބުން ރައީސް ނަޝިދުގެ ބައިންދާފައި ވަނީ ވަކީލުންނާ ދުރުގައި ވަކިނެވެ.

އެކަމާ ގުޅިގެން ރައީސް ނަޝީދާއި އެމަނިކުފާނުގެ ގާނޫނީ ޓީމުން ވަނީ އެކަމާ ކަންބޮޑުވުންފާޅުކޮށްފަ އެވެ. ރައީސް ނަޝީދު ވިދާޅުވީ އެކަހެރިކޮށް އިންނަންޖެހުމުން ވަކީލުންނާ ވާހަކަދައްކަން ޖެހިއްޖެ ހާލަތެއްގައި އެ ފުރުސަތު ގެއްލިގެންދާނެ ކަމަށާއި ވަކީލުން ގާތު ތިބެވޭ ގޮތް ހަމަޖައްސައިދިނުމަށް އެދޭ ކަމަށެވެ. އެހެންނަމަވެސް ކޯޓުގެ ގާޒީ އަބްދުﷲ ދީދީ ވިދާޅުވީ ހަމަޖެހިފައިވާ އުސޫލަކީ އެއީ ކަމުގައިވާތީ އެނޫން ގޮތެއް ހެދެން ނެތް ކަމަށެވެ.

ގާޒީ ވިދާޅުވީ ވަކިން އިންނަންޖެހުނަސް ވަކީލާ ވާހަކަދައްކަންޖެހިއްޖެ ނަމަ އެ ފުރުސަތު ޝަރީއަތުންދޭނެ ކަމަށެވެ.
ރައީސް ނަޝީދާ ވާހަކަދައްކަން ބޭނުންވާ ކޮންމެފަހަރަކު ވަކީލުން ތެދުވެގެން އެމަނިކުފާނު އަރިހަށް ދާންޖެހޭ ގޮތަށް ގާޒީ ހަމަޖެއްސެވުމުން ރައީސް ނަޝީދު ވިދާޅުވި، އެމަނިކުފާނަށް ފެންނަނީ އިންސާފުވެރި ޝަރީއަތެއް ނުހިންގަން އުޅޭ މަންޒަރު ކަމަށެވެ.

ރައީސް ނަޝީދުގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ސިފައިންގެ އެންމެ މަތީވެރިޔާގެ ގޮތުގައި ހުންނަވައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމަށް އެމަނިކުފާނު އެންގެވުމުން ސިފައިން އަބްދުﷲ ގާޒީ ގަދަކަމުން ހައްޔަރުކޮށް ކ. ގިރިފުއްޓަށް ގެންގޮސްފައިވާތީ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.