26 Feb 2015, 19:50
ހަތިޔާރު ގެންގުޅުއްވި ކަމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމުގެ އާއިލާއިން ބައިނަލްއަގުވާމީ މުޖުތަމައަށް ޝަކުވާ އުފުލައިފި އެވެ.
ބައިނަލްއަގުވާމީ މުޖުތަމައަށް އެއާއިލާއިން ފޮނުވި ސިޓީގައި ތުހުމަތުކޮށްފައި ވަނީ ނާޒިމު ބަންދުކޮށްފައި ހުރި ހުރުމަކީ އޭނާއާ މެދު އަނިޔާވެރިވުމުގެ ގޮތުން ސަރުކާރުން ކޮށްފައިވާ ކަމެއް ކަމަށެވެ. އެސިޓީގައި އަދި ބުނެފައި ވަނީ ނާޒިމާއި މެދު ސަރުކާރުން އެގޮތަށް އަމަލުކުރީ ވެރިކަން ކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ލީޑަޝިޕަށް ވަޑައިގަންނަވަން މަސައްކަތް ކުރައްވަފާނެތީ އެކަން ވިޔަ ނުދިނުމަށް ޓަކައި ކަމަށެވެ.
"މިއަދު އެހުންނެވި ޙާލުކޮޅުގައި ހުންނަވާނެކަމަށް އޭނާ ދުވަހަކުވެސް ދެކެވަޑައިގެންފައެއް ނުވެއެވެ. އެހެންނަމަވެސް މިއަދު އޭނާއަށް މިމުސީބާތް ކުރިމަތިވެފައިމިވަނީ ދިވެހިރާއްޖޭގެ ސަރުކާރުގެ ތެރޭގައިވާ ބާރުގަދަ ނުފޫޒުހުރި ފަރާތްތަކެއްގެ މަކަރުވެރި ރޭވުންތަކެއްގެ ތެރެއިން، ވެރިކަންކުރާ ޕާޓީގެ ލީޑަރޝިޕަށް ނާޒިމް ކުރިމަތިލައްވާފާނެކަމަށް ބެލެވޭތީ އެކަން ވިޔަނުދިނުމަށްޓަކައެވެ." ނާޒިމްގެ އާއިލާއިން ފޮނުވި ސިޓީގައި ވެއެވެ.
ރާއްޖޭގެ ޝަރުއީ ނިޒާމުގައި ސިޔާސީ ނުފޫޒު ހިނގާ ކަމަށް ވެސް ސިޓީގައި ތުހުމަތުކޮށްފައި ވެއެވެ. ބުނެފައި ވަނީ އެހެން އެކަން އޮތުމުން ނާޒިމަށް އިންސާފުވެރި ޝަރީއަތެއް ލިބޭނެ ކަމަށް އާއިލާއިން އުއްމީދު ނުކުރާ ކަމަށެވެ.
ދިވެހި ސަރުކާރުން ގާނޫނުއަސާސީއަށް ހުރުމަތްތެރިކޮށް ހިތުމަށް ބާރު އަޅައި ދިނުމަށް ސިޓީގައި ބައިނަލްއަގުވާމީ މުޖުތަމައަށް ވަނީ ގޮވާލައިފައެވެ.