ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ކުރީގެ ސިފައިންގެ އެންމެ މަތީވެރިޔާ މުހައްމަދު ނަޝީދު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ނެރުނު އަމުރު އިސްތިއުނާފުކޮށްފި އެވެ.

ރައީސް ނަޝީދުގެ ގާނޫނީ ޓީމުން ވަނީ އެކަން 'ސަން' އަށް ކަށަވަރުކޮށްދީފައެވެ.

އެ އަމުރުނު ނެރެފައި ވަނީ ދައުލަތުން ހުށަހެޅި ކަންތައްތަކުގެ މައްޗަށް ރިއާޔަތްކުރުމަށްފަހު އެވެ. އެންމެފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލާ ވިދާޅުވީ ރައީސް ނަޝީދު ޝަރީއަތަށް ހާޒިރުނުވެ ފިއްލަވާފާނެ ކަމުގެ ބިރުއެބައޮތް ކަމަށް ޕޮލިސް އިންޓެލިޖެންސްގެ ރިޕޯޓުން ވެސް އެނގެން އެބައޮތް ކަމަށެވެ.

މީގެކުރިން ހުޅުމާލޭ ކޯޓުގައި ޝަރީއަތް ބޭއްވިއިރުވެސް ޝަރީއަތަށް ހާޒިރުވާން އެންގުމުން ހާޒިރުވެވަޑައިގެންފައިނުވާކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމްގެ ދައުވާއެވެ. އެ ދައުވާ އުފުލާފައި ވަނީ ސިފައިންގެ އެންމެ މަތީވެރިޔާގެ ގޮތުގައި ހުންނަވައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމަށް އެމަނިކުފާނު އެންގެވުމުން ސިފައިން އަބްދުﷲ ގާޒީ ގަދަކަމުން ހައްޔަރުކޮށް ކ. ގިރިފުއްޓަށް ގެންގޮސްފައިވާތީ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.