26 Feb 2015, 19:08
އިދިކޮޅު ފަރާތްތަކަށް ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ މެޖޯރިޓީ ލިބިގެން ދިޔަނަމަވެސް ގާނޫނީ އިމުން ބޭރުން ވެރިކަމާ ކުޅުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
ދަރުބާރުގޭގައި މިއަދު ބޭއްވި ޕީޕީއެމް-އެމްޑީއޭ ޕާލަމެންޓްރީ ގްރޫޕުގެ ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން ސިޔާމް ވިދާޅުވީ، ރާއްޖޭގެ ގާނޫނުތަކާއި ގާނޫނު އަސާސީއާ ރާއްޖޭގެ ރައްޔިތުންނަށް ކުރިއެރުން ނާންނަ ގޮތަކަށް ކަންކަން ކުރުމުގެ ޖާގައެއް އިދިކޮޅު ފަރާތްތަކަށް ނުދެއްވާނެ ކަމަށެވެ.
"އިދިކޮޅު ފަރާތްތަކަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބުނުކަމުގައި ވިޔަސް އެބޭފުޅުން [އެމްޑީޕީ- ޖޭޕީ] އަކަށް ވެރިކަމާ ކުޅުމުގެ ފުރުސަތެއް ނުދޭނަން. ﷲގެ އިރާދަފުޅުން އަޅުގަނޑުމެން މިތިބީ އެއަށްވުރެއް ސާބިތުކަމާއި އެކު،" ސިޔާމް ވިދާޅުވި އެވެ.
ޕީޕީއެމް އަދި އެމްޑީއޭގެ ޖޮއިންޓް ޕާލިމަންޓްރީ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ އެއްވެސް ބޭފުޅަކު އެމްޑީޕީ-ޖޭޕީއަށް ގުޅިވަޑައިގަންނަވާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ސިޔާމް ވިދާޅުވި އެވެ.
ސިޔާމް ވިދާޅުވީ، ޕީޕީއެމް-އެމްޑީއޭ ޕީޖީ ގްރޫޕުގައި ތިއްބެވި ބޭފުޅުންނަކީ "ކަޅު ފައިސާ"އަށް ވިކޭނެ ބައެއް ނޫން ކަމަށެވެ.
އެ ދެ ޕާޓީގެ މަޖިލިސް މެމްބަރުންގެ ސިޔާސީ ކުރިމަގު އެ މެމްބަރުން ނިސްބަތްވާ ޕާޓީތަކުން އަންނަނީ ވަރަށް "އުޖާލާކޮށް" ދައްކައިދެމުން ކަމަށްވެސް އެމްޑީއޭގެ ލީޑަރު ވިދާޅުވި އެވެ.
"އެބޭފުޅުންނަކީ އެއްވެސް ހާލެއްގައި ކަޅު ފައިސާއަށް ވިކިގެންދާނެ ނުވަތަ ކަރަޕްޓް ވާނެ ބައެއް ނޫން. އެބޭފުޅުން ނިސްބަތްވާ ޕާޓީތަކުން އެބޭފުޅުންގެ ސިޔާސީ ކުރިމަގު ވަނީ ވަރަށް އުޖާލާކޮށް ދައްކަވާފައި. އެހެންވީމަ އެބޭފުޅުންގެ ތެރެއިން އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އެއްވެސް ބޭފުޅަކު އެފަރާތަށް [އެމްޑީޕީ-ޖޭޕީ] ދާނޭ،" ސިޔާމް ވިދާޅުވި އެވެ.
ޕީޕީއެމް އަދި އެމްޑީއޭގެ މެމްބަރުންނަކީ ދިވެހި ރައްޔިތުންނަށް ވަރަށް އިހުލާސްތެރިކަމާއި އެކު ރައްޔިތުން ބޭނުންވާ ގޮތަށް ކަންތައްތައް ކޮށްދެއްވާ މެމްބަރުންތަކެއް ކަމަށް ސިޔާމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އެ ދެ ޕާޓީގެ މެމްބަރުންނަކީ ރައްޔިތުންނަށް ނަތީޖާ ނެރެދެމުންދާ މެމްބަރުންތަކެއް ކަމަށެވެ.
"ޕީޕީއެމް އަދި އެމްޑީއޭގެ ކޮންމެ މެމްބަރަކީ ދިވެހި ރައްޔިތުންނަށް ވަރަށް އިހުލާސްތެރިކަމާއި އެކު ދިވެހި ރައްޔިތުން ބޭނުންވާ ގޮތަށް ހާއްސަކޮށް ރަށްރަށުގެ އަތޮޅުތަކުގެ އެބޭފުޅުންގެ ދާއިރާތަކުގެ ބޭފުޅުން ބޭނުންވާ ގޮތަށް ވަރަށް ބުރަކޮށް މަސައްކަތް ކުރައްވައި ނަތީޖާތައް ނެރެދެމުންދާ މެމްބަރުންތަކެއް،" ސިޔާމް ވިދާޅުވި އެވެ.