ފުލުހުންގެ އޮޕަރޭޝަންތަކަށް ބޭނުންވާ ހަތިޔާރު ހޯދަން އެދުމުން އެ ހަތިޔާރު މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ފޯރުކޮށްދީފި އެވެ.

ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދާއި ޗީފް އޮފް ޑިފެންސް ފޯސް، ޖެނެރަލް އަހުމަދު ޝިޔާމް މިއަދު ވަނީ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމުގައި ޝިޔާމް ވަނީ އެ ހަތިޔާރުތައް ފުލުހުންނަށް ފޯރުކޮށްދީފައިވާ ކަމަށް ވިދާޅުވެފައެވެ.

ފުލުހުން ބުނީ ސީޕީ ހުސައިން ވަހީދާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަޙްމަދު ޝިޔާމް ބައްދަލުކުރައްވައި ރަށުތެރޭގެ އަމާންކަމާ ރައްކާތެރިކަން ދެމެހެއްޓުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ވާ ކަމަށެވެ.

މިއަދު ހަވީރު ބަންޑާރަ ކޮށީގައި އޮތް ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސްފޯސް ވަނީ ފުލުހުންނާއި ސިފައިން ގުޅިގެން ކުރަމުންދާ މަސައްކަތްތައް މިހާރަށްވުރެވެސް ހަރުދަނާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދިއުމުގެ މުހިއްމުކަމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައި ކަމަށް ފުލުހުން ބުންޏެވެ.

"އެ ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސްފޯސް ވަނީ ފުލުހުންގެ އޮޕަރޭޝަންތަކަށް ބޭނުންވެގެން އެދިފައިވާ ހަތިޔާރު ހަމައަށް ފޯރުކޮށްދީފައިވާނެ ކަމަށް ވިދާޅުވެފައި." ފުލުހުންގެ މީޑިއާ އިން ބުންޏެވެ.

އޭގެ އިތުރުން މުޅި ގައުމުގެ މަސްލަހަތާއި ސުލްހަ މަސަލަސްކަން އެންމެ ފުރިހަމަ ގޮތުގައި ދަމަހައްޓައި، ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކުރެވެން ހުރި ކޮންމެ މަސައްކަތެއްވެސް ކުރުންމަތީ ދެމި ތިބުމަށްވެސް މަޝްވަރާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.