ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ނުނިމި ލަސްވެގެން ދަނީ މަޖިލިސް ގަވާއިދު އެކުލަވާލުމަށް ހެދި، ވަގުތީ ކޮމިޓީން އެ މަސައްކަތް ނިންމައި ރިޔާސަތަށް ހަވާލުކޮށްފައި ނުވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ފުވައްމުލަކު ދެކުނު ދާއިރާގެ ޕީޕީއެމް މެމްބަރު އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ޕީޕީއެމް-އެމްޑީއޭ ޕާލަމެންޓްރީ ގްރޫޕުގެ ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން މަސީހު ވިދާޅުވީ، 18 ވަނަ ރައްޔިތުންގެ މަޖިލިސް ފަށައިގަތީ ވަގުތީ ގަވާއިދެއް ބަލައިގެންފައި ކަމަށެވެ. އަދި އާ މަޖިލީހުގެ ގަވާއިދު އެކުލަވާލުމަށް ކޮންމެ ޕާޓީއަކުން މެމްބަރެއް ހިމެނޭ ގޮރަށް ވަގުތީ ކޮމިޓީއެއް އެކުލަވާލެވިގެން ދިޔަ ކަމަށް މަސީހު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރުވެސް 18 ވަނަ މަޖިލިސް ފަށައިގަތީ ގަވާއިދެއް ވަގުތީ ގޮތުން ބަލައިގެންފައި. އެއީ 17 ވަނަ މަޖިލީހުގެ ގަވާއިދު. އަދި އެއާއެކު ގަވާއިދު އެކުލަވާލުމަށްޓަކައި އޭރު އެއްވެސް ކޮމިޓީއެއް ނެތުމާއި އެކު ވަގުތީ ކޮމިޓީއެއް އެކުލަވާލެވުނު. އެއީ ކޮންމެ ޕާޓީއަކުން މެމްބަރަކު ހިމެނޭ ގޮތަށް ވަކި މުއްދަތެއް ދީފައި އެކުލަވާލެވުނީ އެ ގަވާއިދު އިސްލާހުކޮށްފައި ރިޔާސަތަށް ފޮނުވަނީ. އެކޮމިޓީން އަދި ގަވާއިދު އިސްލާހުކޮށްފައި ރިޔާސަތަކަށް ނުގެނެސްދޭ،" މަސީހު ވިދާޅުވި އެވެ.

މަސީހު ވިދާޅުވީ، ވަގުތީ ކޮމިޓީން ގަވާއިދު އެކުލަވާލުމާއި އެކު ގަވާއިދު "އެޑޮޕްޓު" ކުރެވޭނެ ކަމަށެވެ.

"އެހެންނަމަވެސް ރައްޔިތުންނަށް ޔަގީންކޮށްދޭން ބޭނުންވާ ކަމަކީ އެ އިސްލާހު ކުރާ 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ވަކިން ހަދާ ގަވާއިދު ނެތުމާއި އެކު ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ އެއްވެސް ކަމެއް ފޯރުކޮށްދިނުމުގައި އެއްވެސް ދައްޗެއް ނާރައޭ، އެއަކުން އެއްވެސް ހުރަހެއް ނާރައޭ. އެކަމުން އެއްވެސް ކަންބޮޑުވުމެއް ނެތޭ،" މަސީހު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިސް މިދިޔަ އަހަރު ނިމިގެން ދިޔައިރުވެސް މަޖިލިސް ގަވާއިދު ވަނީ ފާސްނުކޮށެވެ.