26 Feb 2015, 16:27
ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް ދިރިއުޅުއްވާ ގެ ބަލައި ފާސްކުރުމުގެ އަމުރާ މެދު ގޮތެއް ކަނޑައަޅާނީ ކްރިމިނަލް ކޯޓުން ކަމަށް ހައިކޯޓުން ނިންމައިފިއެވެ.
ނާޒިމްގެ ފަރާތުން އިސްތިއުނާފު ކުރި މައްސަލަ ބެލުމަށްފަހު ހައިކޯޓުން މިއަދު އިއްވި ހުކުމްގައި ވަނީ ނާޒިމް ދިރިއުޅުއްވާ ގެ ބަލައި ފާސްކުރުމަށް ނެރެފައިވާ އަމުރަކީ ބާތިލް އަމުރެއް ކަމަށް ކަނޑައެޅެން ނެތް ކަމަށެވެ. ހަމައެހެންމެ އެ އަމުރުގެ ދަށުން ހޯދާފައިވާ ހެކި ގަރީނާތަކަކީ ގާނޫނާ ޚިލާފަށް ހޯދާފައިވާ އެއްޗެއް ކަމަށް ވެސް ކަނޑައެޅެން ނެތް ކަމަށް އެ ހުކުމްގައި ވެއެވެ.
ސަބަބަކީ ނާޒިމްގެ މައްޗަށް ތުހުމަތުކުރެވިފައިވާ މައްސަލަ މިހާރު ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވުމުން އެ މައްސަލައިގެ ތެރޭގައި އެކަންކަމާ މެދު ގޮތެއް ކަނޑައެޅިދާނެ ކަމަށް އެ މައްސަލަ ބެއްލެވި ފަނޑިޔާރުން އިއްތިފާގުވެފައިވާތީ ކަމަށް އެ ހުކުމްގައި ވެއެވެ.
މިދިޔަ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުގެ ރޭ ދަންވަރު 3:50 އެހާކަންހާއިރު ކޯޓު އަމުރެއްގެ ދަށުން ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓް ބަލައިފާސްކުރި އިރު އޭނާ ނިދާ ކޮޓަރީގެ އެނދުކައިރީ ކަބަޑުން ފިސްތޯލައަކާ ތިން ވަޒަން ފެނިފައިވާ ކަމަށް ދައުލަތުން ކުރި ދައުވާގައިވެ އެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް އުފުލާފައި ވަނީ ހަނގުރާމެވެރި ހަތިޔާރު ގެންގުޅުމުގެ ދައުވާ އެވެ.
އެ ދައުވާ އުފުލާފައި ވަނީ ރާއްޖެއަށް ގެނައުން މަނާތަކެތީގެ ގާނޫނުގެ ދެ ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.