15 Feb 2011, 15:27
ވޮޝިންޓަން : އެމެރިކާގެ ޢަސްކަރީ ޚަރަދުތައް އިންތިހާއަށް ބޮޑުވެ އެކަމުގެ ނޭދެވޭ އަސަރު އެމެރިކާގެ އިޤްތިސާދަށް ކުރަންފަށާފައިވަނިކޮށް ޢަސްކަރީ ޚަރަދުތައް ކުޑަކުރުމަށް އެމެރިކާ ސަރުކާރުން ނިންމައިފިއެވެ.
އެމެރިކާގެ ދިފާޢީ ވަޒީރު ރޮބަޓް ގޭޓްސް ވިދާޅުވިގޮތުގައި ކުރިޔަށްއޮތް މާލީ އަހަރުގައި އެމެރިކާގެ ޢަސްކަރީ ބަޖެޓް 708 ބިލިޔަން ޑޮލަރުން 671 ބިލިޔަން ޑޮލަރަށް ކުޑަކުރުމަށް މިހާރުވަނީ ނިންމާފައެވެ. އެމެރިކާގެ މާލީ އަހަރު ނިމެނީ ކޮންމެ މީލާދީ އަހަރެއްގެ ސެޕްޓެމްބަރ މަހުގައެވެ. މިހިނގާ މާލީ އަހަރު އެމެރިކާގެ ޢަސްކަރީ ބަޖެޓްގެ މިންވަރަކީ 708 ބިލިޔަން އެމެރިކާ ޑޮލަރެވެ. އަންނަ އަހަރުގެ ޢަސްކަރީ ބަޖެޓް 671 ބިލިޔަން ޑޮލަރަށް ކުޑަކުރަނީ ޢިރާޤާއި އަފްޣާނިސްތާނުގައި އެމެރިކާ ހިންގާ ޢަސްކަރީ ހަރަކާތްތައް ކުޑަކޮށް މިދެޤައުމުން ގިނަޢަދަދެއްގެ ސިފައިން ބާލައިގެން ކަމަށް ގޭޓްސް ވިދާޅުވިއެވެ.
އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމުގެ މަސައްކަތް މިއަހަރު ފެށުމަށް ރާވާފައިވާއިރު ޢިރާޤުގައި ހަނގުރާމަކުރާ އެމެރިކާގެ ހުރިހާ ސިފައިން މިއަހަރުގެ ޑިސެމްބަރ ނިމުމުގެ ކުރިން އެޤައުމުން ބޭލުމަށް އެމެރިކާވަނީ ނިންމާފައެވެ.
2012 ވަނަ އަހަރުގެ އެމެރިކާގެ ބަޖެޓް 3.7 ޓްރިލިޔަން ޑޮލަރަށްވުރެ އިތުރުނުކުރުމަށް ރައީސް ބަރަކް އޮބާމާވަނީ ޢަޒުމް ކަނޑައަޅުއްވާފައެވެ. އެމެރިކާ ސަރުކާރަށް ލިބޭއެއްޗަކަށްވުރެ ބަޖެޓް ބޮޑުވަމުންދާތާ ގިނަ އަހަރުތަކެއް ވުމުގެ ސަބަބުން އެމެރިކާ ސަރުކާރުގެ ދަރަނި މިހާރުވަނީ 13 ޓްރިލިޔަން ޑޮލަރަށް މައްޗަށް ގޮސްފައެވެ. މިކަމުގެ ނޭދެވޭ އަސަރު އެމެރިކާގެ އިޤްތިސާދަށްކުރަން ފެށުމުގެ ސަބަބުންނާއި ޢަސްކަރީ ޚަރަދުތައް ބޮޑުވުންފަދަ އެތައް ކަމެއްގެ ނަތީޖާއެއްގެ ގޮތުން ޗައިނާއާއި އިންޑިޔާފަދަ ހަލުއިކަމާއެކު ކުރިއަރަމުން އަންނަ އިޤްތިސާދުތަކުގެ ކުރިމަތީގައި ވާދަކުރުމުގެ ޤާބިލްކަން އެމެރިކާއަށް ގެއްލެމުންދާ ކަމުގެ އިންޒާރު އޮބާމާވަނީ އޭނާގެ ސްޓޭޓް އޮފް ދި ޔުނިޔަންގެ ޚިތާބުުގައި ދެއްވާފައެވެ.
ދަރަނި ކުޑަކޮށް ބަޖެޓް ޑެފިސިޓް ކުޑަކުރުމުގައި އެމެރިކާ ނާކާމިޔާބުވެއްޖެނަމަ ޗައިނާއާއި އިންޑިޔާފަދަ ހަލުއިކަމާއެކު ކުރިއަރަމުން އަންނަ އިޤްތިސާދުތަކާ ވާދަކުރުމުގައި އެމެރިކާ ފޭލްވެދާނެ ކަމަށްވެސް އޮބާމާ ވިދާޅުވެފައިވެއެވެ.
އެމެރިކާ މިހާރު ރާވާފައިވަނީ ކުރިޔަށްއޮތް ދިހަ އަހަރުތެރޭގައި އެމެރިކާ ސަރުކާރުގެ 200 އަށްވުރެ ގިނަ ޕްރޮގަރާމްތައް ހުއްޓާލައިގެން 1.1 ޓްރިލިޔަން ޑޮލަރު ސަލާމަތްކޮށް މިމުއްދަތުގައި މިޢަދަދު ފެޑްރަލް ބަޖެޓުން އުނިކުރުމަށް ކަމަށް އެމެރިކާ ސަރުކާރުގެ ރިޕޯޓްތައް ބުނެއެވެ. -- ޖަރުމަނުގެ ނޫސްއެޖެންސީ