ކުދި ވިޔަފާރިތަކަށް އަމާޒްކުރެވިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ވިއުގައެއް ގާއިމް ކުރުމަށް ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓުރީން ބުނެފި އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު "ސަން"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުދި ވިޔަފާރިތަކަށް ހާއްސަކޮށްގެން އޭޕްރީލް މަހުގެ ނިޔަލަށް ވިޔުގައެއް ގާއިމް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ހަތް ސެންޓަރެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމް ކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެ ހަތް ސެންޓަރު ގާއިމް ކުރާ ރަށްތަކަކީ މާލެ އާއި ހދ. ކުޅުދުއްފުއްޓާއި ޅ. ނައިފަރާއި ދ. ކުޑަހުވަދޫ އާއި ލ. ފޮނަދޫގެ އިތުރުން ގދ. ތިނަދޫ އާއި އައްޑޫ ސިޓީގެ ހިތަދޫ އެވެ.

މިނިސްޓަރު ވިދާޅުވީ އެވިޔުގައި ގާއިމް ކުރެވުމުން ކުދި ވިޔަފާރިތަކަށް ލޯނާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދޭނީ އެ ސެންޓަރުތައް ގާއިމްކޮށްގެން ކަމަށެވެ.

"އެހިސާބުގަނޑެއްގެ ވިޔަފާރީގެ ދަފުތަރެއް އެސެންޓަރެއްގައި ހުންނާނެ، އެދަފްތަރު ބަލައިގެން، ދަފްތަރުން އެނގޭނެ ދެއްތޯ ކިހާ ކުދި ވިޔަފާރިއެއްތޯ ހުރީ އެސަރަހައްދެއްގައި، ވިޔަފާރިތައް ބޭނުންވާ ކަމަށް ވަންޏާ އެ ސެންޓަރެއްގައި ރަޖިސްޓުރީ ކުރެވިދާނެ، މިސާލަކަށް މިވެނި ކުރިއެއް ހޯދުމަށް މިވެނި ލޯނެއް ބޭނުމޭ، ނުވަތަ މިވެނި ތަމްރީނެއް ބޭނުމޭ،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އޭޝިއާ ޑިވެލޮޕްމަންޓު ބެންކް(އޭޑީބީ) އެހީގައި ހިންގާ އެމަޝްރޫއުގެ ދަށުން އިންޓަނޭޝަނަލް ކޮންސަލްޓަންޓެއް މިހާރު ވަނީ ހަމަޖައްސާފައި ކަމަށެވެ. އެ ކޮންސަލްޓަންޓުގެ ލަފާގެ މަތިން 10 އެކްސްޕާޓުން މަސައްކަތް ކުރާނެ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ހަ އެކްސްޕާޓުންނާއި ބޭރުގެ ހަތަރު ފަރާތެއް ކަމަށާއި އެ 10 ފަރާތުގެ މަސައްކަތަކީ އެސެންޓަރުތަކަށް މަސައްކަތް ކޮށްދިނުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.