ނިޔުޔޯކް (ފެބްރުއަރީ 26) : ޔަމަންގެ ކުރީގެ ރައީސް ޢަލީ އަބްދުﷲ ސާލިޙްގެ ދިގުލީ ވެރިކަމުގައި ކޮރަޕްޝަނާއި ނަހަމަ ގޮތުގައި އެއްކުރައްވައިވާފައިވާ ފައިސާގެ ޖުމްލަ އަދަދު 32 ބިލިޔަން އެމެރިކާ ޑޮލަރާއި 60 ބިލިޔަން އެމެރިކާ ޑޮލަރަށް އަރާކަމަށް އދ. ން ބުނެފި އެވެ.

ޔަމަންގެ ވެރިކަމުގައި ސާލިޙް ހޭދަކުރެއްވި 33 އަހަރުގައި އޭނާ ހިންގަވާފައިވާ ކޮރަޕްޝަންގެ އަމަލުތައް ތަހްގީގްކުރި އދ. ގެ ޓީމުން ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ ސާލިޙްގެ ނަމުގައާއި އޭނާގެ ދަރިންނާއި އާއިލާގެ އެކިބޭފުޅުންގެ ނަމުގައި ދުނިޔޭގެ 20 ގައުމެއްގެ ބޭންކްތަކުގައިވާ ފައިސާއާއި ހިއްސާގެ ގޮތުގައިވާ ފައިސާއާއި އިންވެސްޓް ކޮށްފައިވާ ފައިސާގެ އިތުރުން ދުނިޔޭގެ އެކިގައުމުތަކުން ގަނެފައިވާ ފްލެޓްތަކާއި ގަނޑުވަރުތައް ފަދަ ހަރުމުދަލުގެ އަގަށްވާ ފައިސާގެ އަދަދު 40 ބިލިޔަން އެމެރިކާ ޑޮލަރަށް އަރާކަމުގަ އެވެ. އަދި އިތުރު ފައިސާ ސީދާ ސާލިޙާއި އޭނާގެ އާއިލާގެ މެންބަރުންގެ އަތްޕުޅުގައި ނަގުދުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވޭ އިރު އިތުރު އެތަށްބިލިޔަން ޑޮލަރެއްގެ އަގުހުރި ތަކެތި ހަރުމުދަލުގެ ގޮތުގައި ވެސް ހުރިކަމަށް ބެލެވޭ ކަމަށް މިރިޕޯޓް ބުނެ އެވެ.

ތެއްތިރީސް އަހަރުގެ ދިގުލީ ވެރިކަމަށް ފަހު ޔަމަންގެ ރައްޔިތުން ސާލިޙްގެ ވެރިކަން ވައްޓާލީ 2012 ވަނަ އަހަރުގެ ކުރީކޮޅުގަ އެވެ. އެއަށް ފަހު ސާލިޙް ދިރިއުޅުއްވަމުން ގެންދަވަނީ އޭނާގެ ގައުމުކަމަށްވާ ޔަމަންގެ ވެރިރަށް ސަންޢާގައި އޭނާގެ އާއިލާއާއެކުގަ އެވެ. ސާލިޙްގެ މައްޗަށް ޔަމަންގެ ދައުލަތުން އަދި ދައުވާއެއް އުފުލާފައެއް ނުވެ އެވެ. ނަމަވެސް އދ. އިން ގެންދަނީ އޭނާ ނަހަމަގޮތުގައި ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ ފައިސާ އާއި ތަކެއްޗަށް އޭނާގެ ބާރު ނުފޯރުވޭގޮތް ހަދައި އެތަކެތި ޔަމަންގެ ދައުލަތަށް ލިބޭގޮތް ހެދުމަށް ޚާއްސަ ގަރާރެއް ފާސްކުރުމަށް މަސައްކަތް ކުރަމުންނެވެ.

ސާލިޙްގެ ނަމުގައި މިހާރު ހުރި އެތަށް ބިލިޔަން ޑޮލަރެއްގެ ފައިސާ އާއި ހަރުމުދާ އދ.ގެ ގަރާރަކުން ޔަމަންގެ ދައުލަތަށް ލިބޭ ގޮތް ހެދުމުގެ ކުރިން އެތަކެތީގެ މިލްކިއްޔާތު ބަދަލުކުރުމަށް ޓަކައި ސާލިޙްގެ އާއިލާއަށް ނިސްބަތްވާ ގާނޫނީ ތަޖްރިބާކާރުންގެ ޓީމަކުން މަސައްކަތް ކުރަމުންގެންދާކަމަށްވެ އެވެ. މިކަމަށް އެކަށޭނަ ވަގުތު ސާލިޙުގެ ގާނޫނީ ޓީމަށް ލިބޭނެ ކަމުގެ ބިރު އެބައޮތްކަމަށް ވެސް އދ. ން ބުނެ އެވެ.
ޔަމަނަކީ ފަގީރު ގައުމެއް ނަމަވެސް 1990ގެ ކުރީކޮޅުން ފެށިގެން އެގައުމުން ވަނީ ތެޔޮނަގަން ފަށާފައެވެ. ނަމަވެސް އެގައުމުގެ ބިމުގައި ތެލުގެ ރިޒާވް ހުރިމިންވަރާ ގާތަށް ވެސް ތެލުގެ އިންޑަސްޓްރީ ތަރައްގީ ކުރެވިފައެއް ނުވެ އެވެ. ސާލިޙް އެންމެ ގިނަ އަދަދަކަށް ކޮރަޕްޝަނުން ފައިސާ ހޯއްދެވިކަމަށްވަނީ ޔަމަންގެ ތެލުގެ އިންޑަސްޓްރީ ވުޖޫދަށް އައުމަށްފަހުގަ އެވެ. މިގޮތުން ތެލާ ބެހޭ އެކިއެކި މަލްޓި ބިލިޔަން ޑޮލަރުގެ ބޮޑެތި ކޮންޓްރަކްޓްތައް ދުނިޔޭގެ މަލްޓިނެޝަނަލް ކުންފުނިތަކާ ހަވާލުކުރާއިރު އެތަށް ބިލިޔަން ޑޮލަރަކުން އޭނާ ކަމިޝަން ނަންގަވާކަމަށް އދ.ގެ ރިޕޯޓްގައި ތުހުމަތުކޮށްފައިވެ އެވެ.

ޔަމަނަކީ ތެޔޮހުރި ނަމަވެސް ތެލުގެ އިންޑަސްޓްރީ އަދި ތަރައްގީ ނުކުރެވޭ ގައުމަކަށްވާތީ އެއީ މިހާރު ވަރަށް ފަގީރު ގައުމެކެވެ. ނަމަވެސް ޔަމަންގައިވާ ތެލާއި ގުދްރަތީ އެހެން ވަސީލަތްތައްތައް ތަރައްގީކޮށް އެގައުމަށް ހަމަޖެހުން ގެނަސް ކޮރަޕްޝަނުން ސަލާމަތްވެފައިވާ ގުޑްގަވަނަންސްގެ ވެރިކަމެއް ގާއިމް ކުރެވިއްޖެނަމަ މުއްސަނދި ގައުމުތަކުގެ ލިސްޓަށް ޔަމަން އެރުމުގެ ފުރްސަތު ބޮޑުކަމަށް ތަޖްރިބާކާރުން ބުނެ އެވެ.

ސާލިހްގެ ވެރިކަމުގައި ނަހަމަ ގޮތުގައި 32 ބިލިޔަނާއި 60 ބިލިޔަނާ ދެމެދުގެ އަދަދަކަށް ޑޮލަރު އަތްދަށުލާފައިވާ ކަމަށް ބުނެ އދ. ން ނެރެފައިވާ ރިޕޯޓަކީ ވެސް އޭގެ ސައްޙަ ކަމާމެދު ވަރަށް ގިނަ ފަރާތްތަކަކުން ސުވާލު އުފައްދާ ރިޕޯޓެކެވެ. ސާލިޙް ނަހަމަ ގޮތުގައި ހޯއްދަވާފައިވާ ފައިސާއާއި ހަރުމުދަލުގެ އަގު މިހާ މައްޗަށް ނާރާނެ ކަމަށް މިފަރާތްތަކުން ބުނެ އެވެ. (ނޫސްއެޖެންސީތައް)