26 Feb 2015, 15:17
ސަރުކާރު ހިންގާ ޕީޕީއެމް-އެމްޑީއޭ ކޯލިޝަންގައި ހިމެނޭ މަޖިލިސް މެމްބަރުންގެ އަދަދު ވަރަށް އަވަހަށް 55 އިތުރުވެގެންދާނެ ކަމަށް ޕީޕިއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ވެސް ކުރައްވާ ނިހާން އެހެން ވިދާޅުވީ ދަރުބާރުގޭގައި މިއަދު ބޭއްވި ޕީޕީއެމް-އެމްޑީއޭ ޕާލަމެންޓްރީ ގްރޫޕުގެ ޕްރެސް ކޮންފަރެންސްގަ އެވެ.
ނިހާން ވިދާޅުވީ ސަރުކާރަށް ލޮޅުން އަރާނެ ވަރަށް އިދިކޮޅު ފަރާތްތަކަށް މަޖިލިސް މެމްބަރުން ހަމަވާނެ "އެއްގޮތެއް ވެސް" ނޯންނާނެ ކަމަށެވެ.
"ތެދެންމެ އަޅުގަނޑުމެންނާއެކު ވަރަށް ގިނަ ދުވަސް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅެއް ވަރަށް ރަނގަޅު މެމްބަރެއް އަހުމަދު މަހުލޫފަކީ. ނަމަވެސް އެބޭފުޅާ އެވަނީ އަޅުގަނޑުމެން ދޫކޮށްލާފައި ވަޑައިގެންފައި. އެކަމުގައި އެއްވެސް މައްސަލައެއް ނެތް. އެކަމަކު އަޅުގަނޑުމެންގެ މަސައްކަތަށް އެޅޭނެ ހުރަހެއް ވެސް ނެތް. އަދި އެއާ ގުޅިގެން އަޅުގަނޑުމެންގެ އެހެން މެމްބަރެއް ވެސް ގޮސްދާނެ ކަމުގެ އެއްވެސް ސިގްނަލެއް ލިބަފައެއް ނެތް،" ނިހާންގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ މަޖިލިސް މެމްބަރުންގެ އަދަދަކީ 51 އެކެވެ. އެއީ ޕީޕީއެމްގެ 46 މެމްބަރުންނާއި އެމްޑީއޭގެ ފަސް މެމްބަރުންނެވެ. ނަމަވެސް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު އެ ޕާޓީން ވަކިކުރެއްވުމުން ކޯލިޝަންގެ މެމްބަރުންގެ އަދަދު 50 ވެއްޓޭނެ އެވެ.
ގާނޫނު އަސާސީ އިސްލާހު ކުރުމަށް ބޭނުން ވަނީ މަޖިލީހުގެ ޖުމްލަ އަގުލަބިއްޔަތުގެ ހަތަރު ބައި ކުޅަ ތިން ބައި އަގުލަބިއްޔަތެވެ. އެއީ މަޖިލީހުގެ 64 މެމްބަރުންގެ އަގުލަބިއްޔަތެވެ.
އެމްޑީޕީ-ޖޭޕީ ކޯލިޝަންގެ މަޖިލިސް މެމްބަރުންގެ އަދަދަކީ 32 ކެވެ. އެއީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ 22 މެމްބަރުންނާއި ޖޭޕީގެ ޕާލަމެންޓްރީ ގްރޫޕުގެ 10 މެމްބަރުންނެވެ.
މިނިވަން މެމްބަރުންގެ ގޮތުގައި މަޖިލީހުގައި އިންނެވި ހަމައެކަނި މެމްބަރަކީ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކެވެ. އަދާލަތު ޕާޓީ މަޖިލިސް މެމްބަރު އަނާރާ ނައީމް އަދި އިންނެވީ "މިނިވަން" ފިކުރެއްގަ އެވެ.
