26 Feb 2015, 15:06
އަންނަ އަހަރު ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާއިރު އޭލެވެލްއަށް ކިޔަވާ ދަރިވަރުންގެ ކިޔެވުން ވެސް ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މެއި މަހާއި ޖޫން މަހުގެ ދުވަސްވަރުގައި ހަދަމުން އަންނަ އޭލެވެލް އިމްތިހާން، އޯލެވެލް އާ އެއް ދުވަހަކަށް ބަދަލު ކުރުމުގެ ސަބަބުން ފެބްރުއަރީ ނުވަތަ މާޗު މަހު ހިސާބުގައި ސްކޫލުތައް ހުޅުވޭނެ ކަމަށާއި އެކަމުގެ ސަބަބުން މިހާރު ކިޔަވަމުން ދާ ދަރިވަރުންނަށް އެއްވެސް އުނދަގުލެއް ނުވާނެ ކަމަށެވެ.
"އޭލެވެލް އިމްތިހާން ވެސް އޯލެވެލް އިމްތިހާނާ އެއް ދުވަސްވަރެއްގައި ހަދާ ގޮތައް މިހާރު ވަނީ ހަމަޖެހިފައި. އަންނަ އަހަރުގެ ކިޔެވުން ފެށޭއިރު އޭލެވެލް ހަދާ ކުދިންވެސް ކިޔެވުން ފަށާނީ އޯލެވެލް އާ އެއް ދުވަސް ވަރެއްގައި. ފެބްރުއަރީ މާޗު ހިސާބުގައި ކިޔަވައިދޭން ފެށުމުން އޯލެވެލް ނިންމުމަށްފަހު ގިނަ ދުވަސްތަކެއް ނުކޮށް އެ ކުދިންނަށް ކިޔަވަން ފެށޭނެ. މީގެ ސަބަބުން މިހާރު ކިޔަވަމުން އަންނަ ދަރިވަރުންތަކަކަށް އެއްވެސް އުނދަގޫތަކެއް ކުރި މައްޗެއް ނުވާނެ،" އޭނާ ވިދާޅުވިއެވެ.
އެގޮތައް ކަންތައް ކުރުމަށް ނިންމީ އޯލެވެލް ނިންމުމަށްފަހު އޭލެވެލް ހެދުމަށް ތައްޔާރުވާ ދަރިވަރުންނަށް ބޮޑު ޗުއްޓީއެއް ލިބޭތީ ކަމަށް މިނިސްޓަރު އާއިޝަތު ޝިހާމް ވިދާޅުވިއެވެ.
ހުޅުމާލޭގައި އަލަށް އިމާރާތްކުރި ރެހެންދި ސްކޫލުވަރުގެ އައު އިމާރާތް 2017 ވަނަ އަހަރަށް އިމާރާތްކޮށް ނިމި ކިޔަވައިދޭން ފެށުމަށް އުއްމީދު ކުރާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން މިއަދު ވަނީ ބުނެފަ އެވެ.