26 Feb 2015, 15:02
ޔޫއެފާ ޗެންޕިއަންސް ލީގުގެ ގަދަ 16ގެ ފުރަތަމަ ލެގުގައި ރޭ ކުޅުނު ދެ މެޗުގައި އެތުލެޓިކޯ މެޑްރިޑް ބެޔާ ލެވާސްކީ އަތުން ބަލިވި އިރު، މޮނާކޯ އާސެނަލްގެ މައްޗަށް ކުރި ހޯދައިފި އެވެ.
ޖަރުމަނުގެ ބުންޑަސްލީގާ ތާވަލްގެ ހަ ވަނައިގައި އޮތް ބެޔާ ލެވާސްކީ އަތުން ސްޕެނިޝް ލަލީގާ ތާވަލްގެ ތިން ވަނަ ދަމަހައްޓަމުން އަންނަ އެތުލެޓިކޯ މެޑިރިޑް ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު ބެޔާ ލެވާސްކީއަށް ކާމިޔާބު ކޮށްދިނީ 57 ވަނަ މިނެޓުގައި އެ ބެޔާ ލެވާސްކީގެ ހާކަން ޗަލްހަނޫލޫ އެވެ.
ފުރަތަމަ ހާފްގައި ގިނަ ވަގުތު ބޯޅަ ހިފައްޓައިން ރަނގަޅު ކުޅުމެއް ދައްކަމުން ދިޔައީ ބެޔާ ލެވާސްކީ އެވެ. އަދި އެ ޓީމް މެޗުގެ ފުރަތަމަ ވަގުތުކޮޅު ރަނގަޅު ހަމަލާތަކެއް އުފެއްދި އިރު، އެތުލެޓިކޯގެ ކީޕަރު ހާސް ކުރުވާފަދަ ހަމަލާއެއް އެ ޓީމަށް ފޮނުވަލެވިފައެއް ނުވެ އެވެ.
އެތުލެޓިކޯއަށް މެޗުގައި ރަނގަޅު ކުޅުމެއް ދެއްކުނީ ފުރަތަމަ ހާފްގެ ފަހު ކޮޅު އެވެ. އެ ވަގުތުކޮޅު އެތުލެޓިކޯއިން ބެޔާ ލެވާސްކީގެ ގޯލަށް ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލިއިރު، އެ ހަމަލާތައް ބެޔާ ލެވާސްކީގެ ކީޕަރު ލީނޯ ވަނީ ދިފާއު ކޮށްފަ އެވެ.
ދެވަނަ ހާފް ރަނގަޅު ފޯމެއްގައި ފެށި އެތުލެޓިކޯ ފުރަތަމަ ވަގުތުކޮޅު ބެޔާ ލެވާސްކީގެ ޑިފެންސަށް ޕްރެޝަރު ކުރުވާފައިވާ އިރު، ބެޔާ ލެވާސްކީ ކާމިޔާބު ކުރި ލަނޑާއެކު އެ ޓީމް ވަނީ ކުރިއަށް ޖެހިލާފައެވެ. ނަމަވެސް ބެޔާ ލެވާސްކީ އުފެއްދި ކައުންޓާ ސްޕީޑް އަވަސް ކައުންޓާ ތަކުގެ ސަބަބުން އެ ޓީމަށް ވަނީ ނަތީޖާ އެއްވަރު ކުރެވޭ ގޮތް ނުވެފަ އެވެ.
މެޗުގެ 75 ވަނަ މިނެޓުގައި އެތުލެޓިކޯ ލަނޑެއް ކާމިޔާބު ކުރި ނަމަވެސް، ރެފްރީ ނިންމީ އެ ލަނޑު ކާމިޔާބު ކުރުމުގެ ކުރިން ބޯޅާ ބޭރުވެފައި އޮތް ކަމަށެވެ. ގިނަ ރީނދޫ ކާޑުތަކެއް ފެނިގެން ދިޔަ އެ މެޗުގައި އެތުލެޓިކޯއަށް އިތުރަށް ދަތިވީ 76 ވަނަ މިނެޓުގައި ދެ ރީދޫ ކާޑާއެކު ރަތް ކާޑެއް ދައްކާ އެ ޓީމްގެ މިޑްފީލްޑަރު ތިއާގޯ ދަނޑުން ފޮނުވާލުމުންނެވެ. އެންމެ ފަހު ވަގުތުކޮޅު 10 ކުޅުންތެރިންނާ އެކު ކުޅެމުން ދިޔަ އެތުލެޓިކޯ މެޗު ނިންމާލަން ޖެހުނީ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުން ބަލިވެގެނެވެ.
އެތުލެޓިކޯ މެޗާ ހިލާފަށް ރޭ މޮނާކޯ އާއި އާސެނަލް ބައްދަލުކުރި މެޗު މޮނާކޯ ކާމިޔާބު ކުރީ 3-1 ގެ ނަތީއަކުންނެވެ. މެޗުގެ 38 ވަނަ މިނެޓުގައި މޮނާކޯގެ ޖެފްރީ އެ ޓީމަށް ލީޑު ހޯދަދިން އިރު، މެޗުގެ 53 ވަނަ މިނެޓުގައި ބާބަޓޮވް ކާމިޔާބު ކުރި ލަނޑާއެކު މޮނާކޯ ވަނީ އިތުރަށް ލީޑު ފުޅާ ކޮށްފަ އެވެ.
މެޗުގައި ގިނަ ވަގުތު ބޯޅަ ހިފައްޓަން ރަނގަޅު ކުޅުމެއް ދައްކަމުން ދިޔަ އާސެނަލްއަށް ކާމިޔާބު ކުރެވުނު ހަމައެކަނި ލަނޑު ދެވަނަ ހާފްގެ އިތުރު ވަގުތުގެ ތެރޭ އެ ޓީމަށް ކާމިޔާބު ކޮށްދިނީ އޮކްސްލޭޑް-ޗެންބާލެއިން އެވެ. ނަމަވެސް އާސެނަލް އެ ލަނޑު ކާމިޔާބު ކުރިތާ ތިން މިނެޓުތެރޭ މޮނާކޯގެ ޔަނިކް ކަރަސޯ ކާމިޔާބު ކުރި ލަނޑާއެކު ފްރާންސްގެ ލީގު ވަން ތާވަލްގެ ހަތަރުވަނައިގައި އޮތް މޮނާކޯ ވަނީ ޕްރިމިއާ ލީގުގެ ތިންވަނައިގައި މިހާރު އޮތް އާސެނަލްގެ މައްޗަށް ކުރި ހޯދާފަ އެވެ.
ޗެންޕިއަންސް ލީގުގެ ގަދަ 16ގެ ދެވަނަ ލެގުގައި ދެން އެ ހަތަރު ޓީމު ބައްދަލުކުރާ މެޗު ކުޅެން ހަމަޖެހިފައި ވަނީ އަންނަ މާޗް މަހުގެ 17 ވަނަ ދުވަހު އެވެ.