އިޓަލީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން ފެބިއޯ ކަންނަވާރޯ 10 މަސް ދުވަހަށް ޖަލަށް ލާން އިޓަލީގެ ކޯޓަކުން ހުކުމް ކޮށްފި އެވެ.

މީގެ ކުރިން 2006 ވަނަ އަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދި ކަންނަވާރޯ ޖަލަށް ލާން ހުކުމް ކުރީ ޓެކްސް މައްސަލައެއްގައި އޭނާގެ އަތުން ދައުލަތަށް ނެގި ގެއެއްގެ ބޭނުން އޭނާ ގަވައިދާ ހިލާފަށް ކުރުމުންނެވެ.

ޓެކްސް ނުދެއްކި ކަމަށް ތުހުމަތުކޮށް އިޓަލީ ވިލާތުގެ ސަރުކާރުން ވަނީ އެއް މިލިއަން ޔޫރޯގެ އަގުހުރި ގެއަކާއި ގޭގެ މުދާ ކަންނަވާރޯ އަތުން ދައުލަތަށް ނަގާފަ އެވެ. އަދި އެ ގެއާއި މުދަލުގެ ބޭނުން ކުރުން އޭނާއަށް މަނާކޮށްފައި ވަނިކޮށް، އޭނާ ހައްޔަރު ކުރީ އެ ގޭގެ ސްވިމިންގް ޕޫލްގައި އޭނާ އާއި އޭނާގެ އަންހެނުންގެ އިތުރުން އޭނާގެ ބޭބެ ތިއްބަ އެވެ.

އެ މައްސަލައާ ގުޅިގެން ކަންނަވާރޯގެ އަންހެނުން ޑެނިއެލާ އާއި ބޭބެ ޕައުލޯ އަށް ވެސް ވަނީ 10 މަސް ދުވަހުގެ ޖަލު ހުކުމެއް ކޮށްފަ އެވެ. ނަމަވެސް އެ މައްސަލަ އިސްތިއުނާފް ކުރުމުން އެ ތިން ފަރާތުގެ ވެސް ހުކުން ތަންފީޒުކުރުން ވަނީ ފަސްކޮށްފަ އެވެ.

އިޓަލީގެ ރެވެނިއު އޭޖެންސީން ވަނީ 2005 ވަނަ އަހަރުން 2010 ވަނަ އަހަރަށް އެއް މިލިއަން ޕައުންޑުގެ ޓެކްސް ކަންނަވާރޯ ނުދައްކާ އޮތް ކަމަށް ދައުވާ ކޮށްފަ އެވެ. އޭގެ ތެރޭގައި ކަންނަވާރޯގެ ކުންފުނިން ވީއޭޓީ އާއި ކޯޕަރޭޓް ޓެކްސް އަދި ރީޖަނަލް ޓެކްސްވެސް އެ ފަސް އަހަރުގެ މުއްދަތުގެ ތެރޭގައި ނުދައްކާ އޮތްކަމަށް އިޓަލިއަން ރެވެނިއު އޭޖެންސީން ވަނީ ބުނެފަ އެވެ.

އެ މުއްދަތުގެ ތެރޭގައި ކަންނަވާރޯ ވަނީ ސްޕެއިންގެ މައްޝޫރު ކްލަބް ރެއާލް މެޑްރިޑަށާއި އިޓަލީގެ ކްލަބް ޔުވެންޓަސްއަށް ކުޅެފައެވެ. އޭގެ އިތުރުން އިޓަލީގެ ގައުމީ ޓީމަށް 1997 ކުން 2010 ކަށް ކަންނަވާރޯ ކުޅެފައި ވާއިރު، އޭނާގެ ކެޕްޓަން ކަމުގެ ދަށުން 2006 ވަނަ އަހަރު އިޓަލީ ވަނީ ވޯލްޑް ކަޕްވެސް ކާމިޔާބު ކޮށްފަ އެވެ.

ގައުމީ ޓީމަށް 2010 ވަނަ އަހަރު ކުޅުން ހުއްޓާލުމަށް ފަހު ކަންނަވާރޯ އެންމެ ފަހުން ކުޅުނު ކްލަބަކީ ޑުބާއީގެ އަލް އަހްލީ އެވެ. އަދި 2011 ވަނަ އަހަރު ކުޅުމުން ދުރުވުމަށް ފަހު، މިދިޔަ އަހަރު އޭނާ ވަނީ ޗައިނާގެ އެއްވަނަ ޑިވިޝަންގް ކްލަބެއް ކަމަށްވާ ގެންޒޯ އެވަގްރޭންޑް އަށް ކޯޗުކަން ކޮށްދޭން ފަށާފައެވެ.