15 Feb 2011, 15:04
ފައިސާގެ އިނާމުގެ ގޮތުގައި އެއް ލައްކަ ރުފިޔާ އާއި އިތުރު ދާއިރާތައް ހިމަނައި ސަން އެފްއެމް އެވޯޑްސް 2010 އަށް ނަން ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ސަން އެފް އެމް އެވޯޑްސް 2010 ގައި އަލަށް ހޮވަން ކަނޑައަޅާފައިވާ ދާއިރާ ތަކަކީ އަހަރުގެ އެންމެ މަގުބޫލު އިޖުތިމާއީ ޝަޚުސިއްޔަތާއި އަހަރުގެ އެންމެ މަގުބޫލު އެކްޓަރާއި އަހަރުގެ އެންމެ މަގުބޫލު އެކްޓްރެސް އާއި އަހަރުގެ އެންމެ މަގުބޫލު އަންހެން ލަވަކިޔުންތެރިޔާ އަދި އަހަރުގެ އެންމެ މަގުބޫލު ފިރިހެން ލަވަކިޔުންތެރިޔާ އެވެ.
ސަން އެފްއެމް އެވޯޑްސް 2010 ގައި ހޮވާ އެހެން މަގާމު ތަކަކީ އަހަރުގެ އެންމެ މަގުބޫލު ޝަޚުސިއްޔަތާއި އަހަރުގެ އެންމެ މަގުބޫލު ވިޔަފާރި ޝަޚުސިއްޔަތާއި އަހަރުގެ އެންމެ މަގުބޫލު ފިރިހެން އަދި އަންހެން ކުޅިވަރު ޝަޚުސިއްޔަތެވެ. އެހެން ކަމުން މި ފަހަރުގެ އެ ވޯޑްގައި ތަފާތު ހަ ދާއިރާ އަކުން ނުވަ ޝަޚުސިއްޔަތުން ހޮވާނެ އެވެ.
ސަން އެފްއެމް އެވޯޑްސް 2010 އަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލި އިރު މި ފަހަރު އެވޯޑް ގެ ގަވައިދަށް ވެސް ވަނީ ބައެއް ބަދަލުތައް ގެނެސްފަ އެވެ. އެ ގޮތުން މުހިންމު ބަދަލެއްގެ ގޮތުގައި އެވޯޑްތައް ދިނުމުގައި ހަމަ އެކަނި އެސްއެމްއެސް އަށް މާކްސް ދޭ އުސޫލު ބަދަލު ކުރުން ހިމެނެ އެވެ.
ސަން އެފްއެމްގެ އޮފިޝަލަކު ވިދާޅުވީ މި ފަހަރުގެ އެވޯޑް ތައް ދިނުމުގައި މާކްސް ދިނުމަށް ހަމަޖައްސާފައި ވަނީ އެހުންތެރިންގެ ވޯޓަށް 50 ޕަސެންޓް އަދި ފަނޑިޔާރުންގެ މާކްސްއަށް 50 ޕަސެންޓް ކަމަށެވެ.
ސަން އެފްއެމް އެވޯޑް ކޮމެޓީގެ މުގައްރިރު ފަރެސް މުހައްމަދު އާމިރު ވިދާޅުވީ މި ފަހަރުގެ އެވޯޑު ނައިޓު ހުރިހާ ގޮތަކުން ވެސް ކުރީ ފަހަރަށް ވުރެ ފުރިހަމަ ކުރުމަށް ޓަކައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ ގޮތުން މިހާތަނަށް ގެނެސްފައިވާ ބަދަލު ތަކަކީ އޭގެ ފެށުން ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
"މިދިޔަ އަހަރުގެ އެވޯޑުގައި އަޅުގަނޑުމެން ފައިސާގެ އިނާމެއް ނުދެން. އެކަމަކު މި ފަހަރު މި އޮތީ އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމު ވެސް ހުށަހަޅާފަ. އަނެއްކާ ހަމައެކަނި އެސްއެމްއެސް އިން މި މަގާމުތައް ހޮވުމުގެ ބަދަލުގައި ފަނޑިޔާރުންގެ ބަހެއް ވެސް މި ކަމުގައި އޮންނަ ގޮތަށް ގަވައިދު އިސްލާހުކޮށް ފަނޑިޔާރުން އިތުރު ކުރުމަކީ، މި އެވޯޑާ މެދު ރައްޔިތުންގެ އިތުބާރު ބޮޑުވާނެ ކަމެއް،" ފަރެސް އާމިރު ވިދާޅުވި އެވެ.
ސަން އެފްއެމް އެވޯޑްސް 2010 ގެ އަހަރުގެ އެންމެ މަގުބޫލު ޝަޚުސިއްޔަތަށް ސަން އެފްއެމް އެވޯޑާ އެކު ދިނުމަށް ހަމަޖައްސާފައި ވަނީ ވިހިހާސް ރުފިޔާގެ ގެ ފައިސާގެ އިނާމެވެ. އަހަރުގެ އެހެންޝަޚުސިއްޔަތުންނަށް ހޮވޭ ފަރާތްތަކަށް އެވޯޑާ އެކު ދިނުމަށް ހަމަޖައްސާފައި ވަނީ ދިހަ ހާސް ރުފިޔާގެ ފައިސާގެ އިނާމެވެ. ފައިސާގެ ގޮތުގައި ދެވޭ ޖުމުލަ އަދަދަކީ އެއްލައްކަ ރުފިޔާ އެވެ.
ސަން އެފްއެމް އެވޯޑްސްގެ ފަނޑިޔާރުންގެ ޕެނަލުގައި މި ފަހަރު ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންގެ ރައީސް އަހުމަދު ޒާހިރު (ހިރިގާ) އާއި ސަން އެފްއެމްގެ ޕްރޮގްރާމްސް ކޮންސަލްޓެންޓް ފަރެސް މުހައްމަދު އާމިރާއި ވީޓިވީގެ ހެޑް އޮފް ނިޔުސް އެންޑް ކަރަންޓް އެފެއަޒް އިމާދު ލަތީފާއި ވޮލީ ބޯޅަ އެސޯސިއޭޝަންގެ ނައިބު ރައީސް އިލްޔާސް އަހުމަދާއި ދިޓީވީގެ ޑިރެކްޓަރު މަސްއޫދު އަލީ އާއި ފުޓުބޯޅައިގެ ތަޖުރިބާކާރު އިސްމާޢީލް ޒަރިޔަންދު އަދި މިނިސްޓްރީ އޮފް ހޯމް އެފެއަޒްގެ ޑެޕިޔުޓީ ޑިރެކްޓަރު ޖެނެރަލް އަހުމަދު ޝިޔާމެވެ.
ސަން އެފްއެމް އެވޯޑްސް އަކީ ރާއްޖޭގެ ޚިދުމަތުގެ ދާއިރާގެ އަގު ވަޒަން ކުރުމާއި، ޚިދުމަތްތެރިންނަށް ހިތްވަރު ދިނުމާއި ފުރިހަމަ ޚިދުމަތުގެ ވެއްޓެއް ގާއިމު ކުރުމުގައި މީޑިއާ ސްޓޭޝަނެއްގެ ގޮތުން ސަން އެފްއެމްގެ މައްޗަށް ލާޒިމު ކުރާ އިޖުތިމާއީ މަސްއޫލިއްޔަތުގެ ދަށުން 2009 ވަނަ އަހަރު ސަން މީޑިއާ ގްރޫޕުގެ ޗެއާމަން އަހުމަދ ސިޔާމް މުހައްމަދު ފައްޓަވައި ދެއްވާފައިވާ ވަރަށް ޚާއްސަ ޕްރޮގްރާމެކެވެ.
ސަން އެފްއެމް އެވޯޑްސް 2009 ގެ އަހަރުގެ އެންމެ މަގުބޫލު ޝަޚުސިއްޔަތަކަށް ހޮވާފައި ވަނީ ކުރީސް ރައީސް އަލް އުސްތާޒް މައުމޫނު އަބްދުލް ގައްޔޫމެވެ. އެންމެ މަގުބޫލު ވިޔަފާރު ޝަޚުސިއްޔަތަކަށް ހޮވާފައި ވަނީ ޗަމްޕާ ހުސެއިން އަފީފެވެ. އަހަރުގެ އެންމެ މަގުބޫލު ކުޅިވަރު ޝަޚުސިއްޔަތުންގެ ގޮތުގައި ހޮވާފައި ވަނީ މަޝްހޫރު ވޮލީ ކުޅުންތެރިން ކަމަށްވާ އިބްރާހީމް ނިޒާރާއި ފާތުމަތު ނާޒިމާ އެވެ. އަހަރުގެ އެންމެ މަގުބޫލު މުނިފޫހި ފިލުވައިދިނުމުގެ ޝަޚުސިއްޔަތުންގެ ގޮތުގައި ހޮވާފައި ވަނީ ލަވަކިޔުންތެރިޔާ މުޚުތާރު އާދަމާއި އެކްޓްރެސް މަރިޔަމް އަފީފާ އެވެ.
ސަން އެފްއެމް އެވޯޑްސް 2010 އަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 20 ވަނަ ދުވަހުގެ ރޭ 12 ޖެހުމާ ހަމައަށެވެ. ނަން ހުށަހެޅުމަށް ޓަކައި އެސްއެމްއެސް ކުރާނީ އޭޑަބްލިޔޫ ޖަހާފައި ހުސް ތަންކޮޅެއް ދޫކޮށްފައި ހުށަހަޅަން ބޭނުންވާ ފަރާތުގެ ނަން ޖަހާފައި ދާއިރާ ޖަހާފައި ދޭ ހަތެއް ހަތަރެއް ހަތަކަށެވެ.