26 Feb 2015, 14:10
(ނިއުޔޯކް.26 ފެބްރުއަރީ) އެމެރިކާގެ ރައީސް ބަރަކް އޮބާމާއަށް ބަޑިން ހަމަލާ ދިނުމާއި މެދު އިސްލާމިކް ސްޓޭޓް( އައިއެސް)ގެ ރައުޔު ހޯދުމަށް ވެބްސައިޓެއްގައި ސުވާލުކުރި މީހަކާ އެކު އައިއެސްއާ ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވޭ ދެ މީހަކު އެމެރިކާގައި ހައްޔަރުކޮށްފި އެވެ.
އުމުރުން 24 އަހަރުގެ ހަސަނޮވިޗް ޔުރަބޮއެވް ނަމަކަށް ކިޔާ އެމީހާ ހައްޔަރުކުރި އިރު ތުރުކީގެ އިސްތަންބޫލަށް އަންނަ މާޗް މަހު ދަތުރުކުރުމަށް ނަގާފައިވާ ޓިކެޓެއް އޭނާ އަތުގައި އޮތް ކަމަށް ނިއުޔޯކް ފުލުހުން ވަނީ ބުނެފަ އެވެ. ނިއުޔޯކް ފުލުހުންގެ ކަމިޝަނަރު ވިލިއަމް ބްރޭޓަން ބުނެފައި ވަނީ މިއީ އައިއެސްއާ ގުޅުމަށް ނިއުޔޯކްގެ ބަޔަކު މަސައްކަތް ކުރިކަން އެނގުނު ފުރަތަމަ ފަހަރު ކަމަށެވެ.
ނިއުޔޯކް ފުލުހުން ބުނެފައި ވަނީ އުޒްބެކް ނަސްލުގެ ޔުރަބޮއެވް އެމީހުންގެ ސަމާލުކަމަށް ފުރަތަމަ އައީ އުޒްބެކް ބަހުން ހިންގާ ވެބްސައިޓެއްގައި އޭނާ ލިއުނު ލިއުމެއްގައި އޮބާމާ އަށް ބަޑިން ހަމަލާ ދިނުމާއި މެދު ސުވާލުކޮށްފައިވާ ކަމަށެވެ.
"... އައްސަލާމް އަލައިކުމް. އެތަނުގައި ހާޒިރުވެ ނެތަސް އަހަރެމެން ވެސް ބައިއަތު ހިފައިގެން މަސައްކަތްކުރަން ބޭނުން. ކޮންމެ ތަނެއްގައި ތިބެގެން ވެސް އަހަރެމެންނަށް ޝަހީދު ވެވިދާނެތަ؟ އަހަރެންގެ މުރާދަކީ އޮބާމާ ގަޔަށް ބަޑި ޖަހާފައި އަހަރެމެން ބަޑީގެ ހަމަލާއެއް ލިބިގަތުން. އެއީ ރަނގަޅު ގޮތެއް ހޭ؟ އެއިރުން ކާފަރުންގެ ހިތަށް ބިރުވެރިކަން ވަންނާނެ،" ވެބްސައިޓްގައި ޔުރަބޮއެވް ލިޔެފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އިއްޔެ ހައްޔަރު ކުރި ދެވަނަ މީހަކީ އުމުރުން 19 އަހަރުގެ އަޚްރޯރް ސައިދުއަޚްމެދޯފް އެވެ. އޭނާ ހައްޔަރުކުރީ ކެނެޑީ އެއާޕޯޓުން އިސްތަންބޫލަށް ދިއުމަށް ފުރަން ތައްޔާރުވެފައި އޮތް މަތިންދާބޯޓަކަށް އަރަނިކޮށް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި ބުނެފައި ވަނީ ސާއިދުއަޚްމަދޯފް އަށް ފައިސާގެ ގޮތުން އެހީތެރިވި އަބްރޯރް ހަބީބޯފް ނަމަކަށް ކިޔާ އުމުރުން 30 އަހަރުގެ މީހަކު ފްލޮރިޑާއިން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ހައްޔަރުކުރި މީހުންގެ މައްޗަށް ކޮށްފައިވާ ތުހުމަތު އެމީހުންގެ މައްޗަށް ސާބިތު ވެއްޖެ ނަމަ ފަނަރަ އަހަރުގެ ޖަލު ހުކުމެއް އެމީހުންނަށް އަންނާނެ އެވެ.
އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން އެތައް ހާސް ބަޔަކު ވަނީ އައިއެސް ޖަމާއަތާ ގުޅިފަ އެވެ. އަދި އެޖަމާއަތާ ގުޅުމަށް ތުރުކީ މަގުން ސޫރިޔާއަށް ދާން އުޅުނު އެތައް ބަޔަކު ތުރުކީގައި ހައްޔަރުކޮށް ޑީޕޯޓްކޮށްލާފައިވާ ކަމަށް އެގައުމުން މިހަފުތާގައި ވަނީ ބުނެފަ އެވެ. އެގޮތުން ޖުމްލަ 1400 މީހުން ޑީޕޯޓްކޮށްފައިވާ ކަމަށް ތުރުކީން ވަނީ ބުނެފައެވެ. ( އޭޕީ)