ވިޔަފާރިތައް ކުރިއަރުވަން، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް(އޭޑީބީ)ގެ އެހީގައި ޝަރީއާ ކޮމްޕްލައިންސް ސުކީމެއްގެ ދަށުން 60 މިލިއަން ރުފިޔާގެ ލޯން ސުކީމެއް މާޗް މަހު ތެރޭގައި ތައާރަފުކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ބުނެފި އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ސަން އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އަލަށް ވިޔަފާރިއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ލޯނެއް އަންނަ މަހު ތައާރަފު ކުރައްވާނެ ކަމަށެވެ.

އެ ލޯނަކީ 60 މިލިއަން ރުފިޔާގެ ލޯނެއް ކަމަށާއި އެލޯނުގައި އިންޓަރެސްޓެއް ނުހިމެނޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ކޮންމެ ލޯނަކަށް އެއް މިލިއަން ރުފިޔާގެ ރޭޓުން ދޫކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ތަފާތު ޕްރޮޑަކްޓެއްގެ ގޮތަށް ލޯން ސުކީމް މިގެންދަނީ، މީގައި ކޮލެޓުރަލްއެއް ބޭނުމެއް ނުވާނެ. ރަހުނެއް ބަހައްޓާކަށް ނުޖެހޭނެ މީގައެއް،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެލޯން ދޫކުރާނީ ހަތަރު ދާއިރާއަކުން ކަމަށެވެ. އެއީ ވިޔަފާރި އާއި ދަނޑުވެރިކަމާއި ދަތުރުފަތުގެ ދާއިރާގެ އިތުރުން ގެސްޓު ހައުސްތައް ތަރައްގީ ކުރުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ހުރިހާ ފަރާތްކަށް ވެސް ލޯނު ނެގުމުގެ ފުރުސަތު ލިބޭ އިރު މައިގަނޑު ގޮތެއްގައި އިސްކަންދޭނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި ވިޔަފާރިއަށް އަލަށް ވަންނަ ފަރާތްތަކަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެލޯނުގެ ދަށުން އަތަށް ފައިސާ ދިނުމުގެ ބަދަލުގައި އަމަލުކުރާނެ އުސޫލަކީ ވިޔަފާރިތަކަށް ބޭނުންވާ ތަކެތި ވިޔަފާރިތަކުން ހޯދައިގެން ދިއުމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ވިޔަފާރިތަކަށް ހާއްސަކޮށް އިތުރު ލޯނެއް އަނެއްކާ ވެސް ތައާރަފްކުރަމަށް ނިންމާފައިވާ އިރު މިހާރު ވެސް ސަރުކާރުން ދަނީ "ގެޓްސެޓް" ނަމުގައި ޒުވާނުން ވިޔަފާރިތަކަށް ވަނުމަށް ފުރުސަތު ދިނުމަށް ލޯނެއް ދޫކުރަމުންނެވެ. ހަމައެހެންމެ ފިޝަރީޒް މިނިސްޓްރީ އިން ވެސް ވިޔަފާރިތަކަށް ހާއްސަކޮށްގެން އެތައް ލޯނެއް ދަނީ ދޫކުރަމުންނެވެ.