26 Feb 2015, 12:49
ގައުމީ ޔުނިވާސިޓީން މިއަހަރުގެ ދެ ވަނަ ޓާމުގައި ފަށަން ހަމަޖެހިފައިވާ 178 ކޯހަކަށް 4000 އަށް ވުރެ ގިނަ ޖާގަ މިއަދު ހުޅުވާލައިފި އެވެ.
ގައުމީ ޔުނިވާސިޓީގެ ހުޅުވާލި 4945 ކޯހުގެ ތެރޭގައި ސެޓްފިކެޓް ލެވަލުން ފެށިގެން މާސްޓާޒް ޑިގްރީ ކޯސްތައް ހިމެނެ އެވެ. އެ ކޯސްތަކުގެ ތެރެއިން 2585 ޖާގަ އަކީ މާލޭގައި ހިންގާ ކޯސްތަކުގެ ޖާގަތަކެވެ.
އޭގެ ތެރޭގައި ހދ. ކުޅުދުއްފުށީގައި ހިންގާ 28 ކޯހަކަށް 630 ޖާގަ އާއި ގދ. ތިނަދޫގައި ހިންގާ 21 ކޯހަކަށް 520 ޖާގަ އާއި ލ. ގަމުގައި ހިންގާ 17 ކޯހަކަށް 400 ޖާގައަށް ވަނީ ހުޅުވާލާފަ އެވެ. އޭގެ އިތުރުން ސ. ހިތަދޫގައި ހިންގާ 28 ކޯހަކަށް 630 ޖާގަ ހުޅުވާލާފައިވާ އިރު 180 ޖާގައަކީ ރާއްޖޭގެ އެކި ރަށްރަށުގައި ދުރުންދޭ ތައުލީމުގެ ނިޒާމުގެ ދަށުން ހިންގާ ކޯސްތަކުގެ ޖާގައެވެ.
ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަރީފް ވިދާޅުވީ ގައުމީ ޔުނިވާސިޓީން މިއަދު ފުރުސަތު ހުލުވާލާފައިވާ ކޯސްތަކުގެ ތެރޭގައި މުދައްރިސްކަމުގެ ކޯސްތަކާއި ސިއްހީ ދާއިރާގެ ކޯސްތަކާއި ޝަރުއީ ދާއިރާގެ ކޯސްތަކާއި ޓޫރިޒަމް އަދި ހޮސްޕިޓަލިޓީ ދާއިރާގެ ކޯސްތަކާއި ދީނީ އަދި ބޯޓުދަތުރުކުން ފަދަ ކަންކަމާ ގުޅޭ ކޯސްތައް ހިމެނޭ ކަމަށެވެ.
ގްރޭޑް ހަތެއް ނިންމާފައި އަންނަ ދަރިވަރުންގެ ލެވެލް އިން ފެށިގެން ޑިގްރީ ހަދާފައިވާ ދަރިވަރުންނަށް ވެސް ކުރިމަތިލެވޭ އެ ކޯސްތަކަށް މާޗް މަހުގެ އަށްވަނަ ދުވަހުން ފެށިގެން ފޯމް ހުށަހެޅޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ. ބްލޮކް މޯޑާއި ހެނދުނު ދަންފަޅި އަދި މެންދުރު ދަންފަޅިފަދަ ތަފާތު ގަޑިތަކަށް ބަހާލައިގެން ފަރުމާކޮށް ހިންގާ އެ ކޯސްތަކަށް އެދި ފޯމް ހުށަހެޅުމުގެ މުއްދަތު ހަމަވާނީ ޖުލައި މަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށެވެ.
އެއް އިންޓޭކެއްގެ ގޮތުގައި ތިން ކޯހަކަށް އެދި ފޯމް ހުށަހެޅޭނެ ކަމަށާއި، ޝަރުތު ހަމަވާ ފަރާތްތައް ކޯހަށް ހޮވާނީ ފޯމް ހުށަހަޅާ ތަރުތީބުންކަމަށް ޔުނިވާސިޓީން މައުލޫމާތުދެ އެވެ.