26 Feb 2015, 12:29
ގްރީސްގެ ސަރުކާރުން އެ ގައުމުގެ ފުޓްބޯޅައިގެ އެންމެ ފުންނާބު އުސް ލީގު ކަމަށްވާ ގްރީސް ސުޕާ ލީގު ވަކި މުއްދަތެއް ކަނޑަ ނާޅާ ސަސްޕެންޑު ކޮށްފި އެވެ.
ގްރީސް ލީގު ސަސްޕެންޑުކޮށް، މެޗުތައް މެދުކަނޑާލާފައި ވަނީ މިދިޔަ އާދިއްތަ ދުވަހު ސުޕާ ލީގުގައި އޮލިމްޕިއާކޮސް އާއި ޕަނަތިނައިކޮސް ކުޅުނު މެޗުގައި ހިނގި ހަމަނުޖެހުން ތަކެއްގެ ސަބަބުން ނެވެ. އަދި އެ ސަސްޕެންޝަންގައި ގްރީސްގެ އެންމެ މަތީ ފަންތީގެ ތިން ލީގުވެސް ހިމަނާފައި ވާކަމަށް އެ ގައުމުގެ ހަބަރު ފަތުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.
އާދިއްތަ ދުވަހުގެ މެޗުގެ އިތުރުން އަންގާރަ ދުވަހު ބޭއްވި އެ ދެ ކްލަބުގެ ބޯޑު ބައްދަލުވުމެއްގައި ބައިވެރިވި އޮފިޝަލުންގެ މެދުގައިވެސް ވަނީ ހަމަނުޖެހުނެތަކެއް ހިނގާފައެވެ. މީގެ ކުރިން މިދިޔަ ސެޕްޓެމްބަރު އަދި ނޮވެމްބަރު މަހުގައިވެސް ހިނގި ހަމަނުޖެހުންތަކެއްގެ ސަބަބުން ގްރީސްގެ ލީގު ވަނީ ދެ ފަހަރެއްގެ މަތިން ސަސްޕެންޑު ކޮށްފައެވެ.
ގްރީސް ލީގު ސަސްޕެންޑުކުރުމާ ގުޅިގެން، އެ މައްސަލަ ހައްލު ކުރަން ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް ގްރީސްގެ އަލަށް އިންތިހާބުވީ ސަރުކާރުން ވަނީ ބުނެފައެވެ. އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ގްރީސް ސުޕާ ލީގުގެ ރައީސް ޖޯޖިއޯ ބޮރޮވިލޯސް ބުނީ މިހާރު އޮތް ސަރުކާރު ވީހާވެސް އަވަހަކަށް ލީގުގެ ކުޅުން އަލުން ކުރިއަށް ގެންދަން ވިސްނާ ކަމަށާއި، ނަމަވެސް އެންމެގެ އެއްބާރުލުންވެސް ބޭނުންވާ ކަމަށެވެ.
"ސަރުކާރުން ވީހާވެސް އަވަހަކަށް ލީގުގެ ކުޅުން ފަށާ މެޗުތައް ކުރިއަށް ގެންދަން ބޭނުންވޭ. ނަމަވެސް ލީގުގެ ކްލަބުތަކާއި އޮފިޝަލުންގެ ފަރާތުން އެކަމުގައި ސަރުކާރަށް އެއްބާރުލުން ދޭން ޖެހޭ. ސަރުކާރުން ލީގު މިހާރު އޮތް ހާލަތާމެދު މަޝްވަރާ ކުރަން ވަނީ ނިންމާފައި. އަދި އެކަމާ ގުޅޭ ގާނޫނުތައްވެސް ތަންފީޒުކުރަން ސަރުކާރު މިހާރު އޮތީ ތައްޔާރަށް،" ޖޯޖިއޯ ބުންޏެވެ.
މިދިޔަ އާދިއްތަ ދުވަހު ސުޕާ ލީގުގައި ޕަނަތިނައިކޮސް 2-1 ގެ ނަތީޖާއަކުން އޮލިމްޕިއާކޮސްގެ މައްޗަށް ކުރި ހޯދިއިރު، އެ މެޗުގެ ސަޕޯޓަރުން ވަނީ އޮފޮޝަލުންނާ ދިމާލަށް ފުޅި އާއި ގަލުގެ އިތުރުން ފަޓާސް އުކާފައެވެ. އަދި އަންގާރަ ދުވަހު ސުޕާ ލީގު އޮފިޝަލުންގެ މެދުގައި ބޭއްވި ބައްދަލުވުމެއް މެދުކަނޑާލަން ޖެހުނީ އޮލިމްޕިއާކޮސްގެ ސެކިއުރިޓީ ބަލަހައްޓާ އޮފިޝަލަކު ޕަނަތިނައިކޮސްގެ އޮފިޝަލަކަށް ހަމަލާ ދިންކަމަށް އޭނާ ތުހުމަތު ކުރުމުންނެވެ.
ގްރީސްގެ ވެރިރަށް އެތެންސްއަށް ނިސްބަތްވާ އޮލިމްޕިއާކޮސް އާއި ޕަނަތިނައިކޮސް އަކީ "ދާއިމީ ހަތުރުވެރިން"ގެ ގޮތުގައި ގްރީސްގައި މައްޝޫރުވެފައިވާ ދެ ކްލަބެވެ. އެންމެ ފުރަތަމަ މިދިޔަ ސެޕްޓެމްބަރު މަހު ގްރީސް ލީގު ސަސްޕެންޑު ކުރީ ތިންވަނަ ޑިވިޝަންގެ މެޗަކަށްފަހު ސަޕޯޓަރުންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި މީހަކު މަރުވުމުންނެވެ. އަދި އޮކްޓޯބަރު މަހު ލީގު ސަސްޕެންޑު ކުރީ ގްރީސްގެ ރެފްރީ ކޮމިޓީގެ އެސިސްޓަންޓް ޑައިރެކްޓަރަށް ދިން ހަމަލާއެއްގެ ސަބަބުންނެވެ.