26 Feb 2015, 12:14
ރާއްޖޭގެ ހުރިހާ ކައުންސިލްތަކެއް އިލެކްޓްރޯނިކް ވިއުގައަކުން ގުޅާލުމުގެ މަސައްކަތް މިއަހަރުގެ ފުރަތަމަ ކުއާޓާ ތެރޭގައި ނިންމާލެވޭނެ ކަމަށް އެލްޖީއޭގެ ރައީސް އަދި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގަން ފެށިތާ ހަތަރު އަހަރު ފުރުމާ ގުޅިގެން މިއަދު ދެއްވި ހިތާބެއްގައި އުމަރު ވިދާޅުވީ ހުރިހާ ކައުންސިލްތަކެއް އެއް ވިއުގައަކުން ގުޅާލާއިރު، ކައުންސިލްތަކުގެ އިދާރީ މަސައްކަތްތައް އީކައުންސިލް މެދުވެރިކޮށް ދިނުމުގެ މަސައްކަތް ވެސް ފެށިގެންދާނެ ކަމަށެވެ.
""ކައުންސިލްތަކުގެ ލިޔެކިއުންތައް އެއްވިއުގައެއްގައި ރައްކާކުރެވޭނެ. އޭގެ އިތުރުން އީލައިބްރަރީގެ ހިދުމަތް ދިނުމުގެ މަސައްކަތް ކައިރި މުސްތަގްބަލެއްގައި ފެށޭނެ،" އުމަރުގެ ހިތާބުގައި ވިދާޅުވެފައިވެ އެވެ.
އުމަރު ވިދާޅުވީ މި އަހަރުގެ ތެރޭގައި އެންމެ އިސްކަމެއް ދީގެން ކުރައްވާނެ ކަމަކީ ކައުންސިލްތަކުގެ ހިސާބު ކިތާބު ބެލެހެއްޓުން ވަރަުގަދަ ކުރުމަށާއި ތަޖުރިބާތައް ހިއްސާ ކުރުމުގެ ތެރެއިން މަސައްކަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކަމަށެވެ.
"ސަރުކަރުގެ އަމާޒަކީ ވީ އެންމެ ފުރިހަމައަކަށް ކައުންސިލަތަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ ރައްޔިތުންް ބާރުވެރި ކުރުވުން. ކައުންސިލަތަކާއި ގައުމީ މުއައްސަސާތަކާއި ދެމެދު މުއާމަލާތް ކުރުމުގައި ހުރި ދަތިތައް ރަސްމީ ސިފައެއްގައި ދެނެގަނެ އެކަންކަމަށް އެކަށީގެންވާ ހައްލު ހޯދައި ދިނުމަށް އަޅުގަނޑު މަސައްކަތް ކުރާންނަން،" އުމަރުގެ ހިތާބުގައި ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ދިވެހިރާއްޖޭގެ ދައުލަތަކީ ޔުނިޓަރީ ދައުލަތެއް ކަމަށެވެ. އެހެންކަމުން ކައުންސިލްތަކުން އެކުލަވާލާ އުސޫލުތަކާއި ގަވާއިދުތައް ހުންނަންވާނީ މައި ސަރުކާރުގެ އުސޫލުތަކާއި ސިޔާސަތުތަކާއި ފުށުނާރާ ގޮތަށް ކަމަށެވެ.
"ރައްޔިތުން ހަވާލުކޮށްފައިވާ އަގުނުކުރެވޭނެހައި މަތިވެރި ވާޖިބުތަކާއި ހަވާލުވެ ސިޓީ/އަތޮޅު އަދި ރަށު ފެންވަރުގައި ތިއްބަވާނެ އެންމެ އިސްފަރާތްތައް. މިހެންވުމުން ރަށާއި އަތޮޅު އަދި ސިޓީތައް ހިންގުމަށް އިންތިހާބުވި ކައުންސިލަރުންނަކީ ރައްޔިތުންގެ ކަންކަން އެންމެގާތުން ބަލާ ރައްޔިތުންނަށް މި ހިނދަށް ބޭނުންވާ ކަންކަމާއި ކުރިއަށް އޮތްތަނުގައި ބޭނުންވާނޭ ކަންކަން ދެނެގަނެ އެކަންކަން ހާސިލްކުރުމަށް ބޭނުންވާ ލަނޑުދަނޑިތައް ކަނޑައަޅާ ރޭވުންތައް ރާވާ ބަޔަކަށް ވާންވާނެ،" އުމަރު ވިދާޅުވި އެވެ.