26 Feb 2015, 10:50
ސްޕިނަޗް ފަތަކީ ވިޓަމިން އޭ، އަދި ބީ، ގެ ބާވަތްތަކާއި ވިޓަމިން ޑީ، އާއި އީ އާއި ފޯލިކް އެސިޑް އާއި ވިޓަމިން ކޭ ވެސް އެކުލެވޭ އަދި ހަށިގަނޑަށް ލޫޅާފަތިކަން ގެނެސްދޭ، ސިއްޙީ ގޮތުން އާދަޔާ ޚިލާފަށް ރަނގަޅު ފަތެއްކަން އެމެރިކާގެ ހެލްތްކެއާ މަޖައްލާގައި ޝާއިޢުކޮށްފައިވާ ދިރާސާ ރިޕޯޓެއް ބުނެފި އެވެ.
އެ ރިޕޯޓްގައިވާ ގޮތުން ސްޕިނަޗް ފަތުގައި އެތެރެހަށީގެ އެކިގުނަވަންތަކަށް ކުރިމަތިވާ އިންފްލެމޭޝަންތަކުންނާއި ކެންސަރުގެ ބައެއް ބާވަތްތަކުން ރައްކާތެރިކަން ލިބިދޭ މާއްދާތައް ހިމެނެ އެވެ. ޚާއްސަކޮށް ޕްރޮސްޓޭޓް ކެންސަރުން ދުރުކުރުމަށް އެހީވާ މާއްދާތަކެއް އޭގައި ހިމެނޭކަމަށްވެ އެވެ. މީގެ އިތުރުން ފެޓީ އެސިޑާއި އޮމެގާ 3 އާއި އެންޓިއޮކްސިޑެންޓްސް އާއި ދަނގަނޑުގެ ބައި ވެސް ގިނަ އަދަދަކަށް މި ފަތުގައި ހިމެނޭކަމަށް ވެސްވެ އެވެ. ސްޕިނަޗް ފަތްކެއުން އެންމެ ރަނގަނޅުގޮތަކީ ކޮންމެވެސް މޭވައަކާއެކު ފަނިގިރައިގެން ހަކުރު ނާޅައި ބުއިން ކަމަށް އެ ރިޕޯޓް ބުނެ އެވެ. ނަމަވެސް އެނޫންގޮތްގޮތަށް މިފަތް ކެއުމުން ވެސް ފައިދާލިބޭނެ އެވެ.
ސްޕިނަޗް ފަތްކެއުމުން ލިބޭ ފައިދާތަކުގެ ތެރޭގައި ލޮލުގެ ސިއްހަތު ރަނގަނޅުކޮށްދިނުމާއި ލޭ މަދުވުމުގެ ބަލި (އެނީމިޔާ) އިން ސަލާމަތްކޮށްދިނުމުގެ އިތުރުން ހަށިގަނޑުން ފެޓް މަދުކޮށްދީ ހަށިގަނޑުގެ ބަރުދަން ލުއިކޮށްދިނުންވެސް ހިމެނެއެވެ. އެ ފަތް ދިގުމުއްދަތަކަށްކާއިރު ފެޓް މަދުކާނާ ކާނަމަ ފަލަވުމުގެ މައްސަލަ މުޅިން ނިމުމަކަށް އައިސް ހަށިގަނޑު ލޫޅާފަތިވެގެންދާނެ ކަމަށް ވެސް އެމެރިކާގެ ހެލްތްކެއާ މަޖައްލާގައި ޝާއިޢުކޮށްފައިވާ ދިރާސާ ރިޕޯޓް ބުނެ އެވެ.
މީގެ އިތުރުން ހަށިގަނޑުގައި އުފެދޭ އެސިޑްތައް (އެސިޑކް ބޮޑީ) މަދުކޮށް ހަށިގަނޑަށް ލުއިކަމާއި ތާޒާކަން ގެނަސްދީ މީހާގެ ނަފްސާނީ ހާލަތުވެސް ރަނގަނޅުކޮށްދޭނެ ކަމަށް މި ރިޕޯޓް ބުނެއެވެ. ސްޕިނަޗް ފަތަކީ ހޫނުފެނުގައި ކުޑައިރުކޮޅަކު ބެހެއްޓުމަށްފަހު ނޫނީ ކުޑަކޮށް ހޫނުކޮށްލުމަށްފަހު ކޮށައިގެން ސަޓަނި ހަދައިގެންވެސް ބޭނުންކުރާ ފަތެކެވެ. (ހެލްތްކެއަރ)