26 Feb 2015, 09:47
ވޮޝިންޓަން (ފެބްރުއަރީ 26) : އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ އެމެރިކާއަށް ވަޑައިގެން ކޮންގްރެސްގައި ޚިތާބެއް ދެއްވުމާ ދެކޮޅަށް އެމެރިކާގެ ގައުމީ ސަލާމަތާބެހޭ މުސްތަޝާރު ސޫޒަން ރައީސް ވާހަކަ ދައްކަވައިފިއެވެ.
އެމެރިކާގެ ޓީވީ ޕްރޮގްރާމެއް ކަމަށްވާ ޗާލީ ރޯޒް އަށް ދެއްވި ސައުންޑް ބައިޓެއްގައި ސޫޒަން ވިދާޅުވީ އެމެރިކާ ސަރުކާރުގެ ދައުވަތަކާ ނުލައި ނަތަނިޔާހޫ ރަސްމީ ދަތުރުފުޅެއްގައި އެމެރިކާއަށް ވަޑައިގެން ކޮންގްރެސްގައި ޚިތާބެއް ދެއްވުމަކީ އެމެރިކާ އާއި އިސްރާއީލުގެ ގުޅުންތައް ހަލާކުވެގެން ހިނގައިދާނެ ކަމެއްކަމުގަ އެވެ. ސުޒާން ވިދާޅުވި ގޮތުގައި އެމެރިކާ އާއި އިސްރާއީލުގެ ގުޅުންތައް އޮންނަން ޖެހޭނީ އެމެރިކާގެ ވަކި ސިޔާސީ ޕާޓީއަކާއެކު ނޫން ކަމަށާއި މި ގުޅުންތަކުގެ އަސާސަކަށް ވާންޖެހެނީ އެމެރިކާގައި އެ ވަގުތަކު އޮންނަ ސަރުކާރު ކަމުގަ އެވެ. އިސްރާއީލުގެ ހައްދުފަހަނަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ އެމެރިކާއަށް ވަޑައިގެން ކޮންގްރެސްގައި ޚިތާބެއް ދެއްވުމަށް ހަމަޖެހިފައި ވަނީ ކޮންގްރެސްގައި ހިމެނޭ ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ރައީސް ޖޯން ބޯހެންރް ގެ ދައުވަތަކަށެވެ.
ބޯހެންރަކީ އެމެރިކާގެ އިދިކޮޅު ޕާޓީކަމަށްވާ ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ ބޭފުޅެކެވެ. ކޮންގްރެސްގެ ދެގެ ކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓެޓިވްއާއި ސެނެޓްގެ އަޣްލަބިއްޔަތުވެސް އޮންނަނީ އިދިކޮޅު ރިޕަބްލިކަން ޕާޓީއަށެވެ. ބޭރު ގައުމެއްގެ އިސްވެރިއަކު އެމެރިކާއަށް ވަޑައިގެން ކޮންގްރެސްގައި ޚިތާބެއް ދެއްވުމަކީ އާދައިގެ ކަމެއްނޫނެވެ. މިކަން އެމެރިކާގައި އިންތިޒާމް ކުރަނީ އެމެރިކާގެ ރައީސާއި ސެނެޓް ނޫނީ ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ރައީސާ ދެމެދު މަޝްވަރާކުރެވި އެއްބަސްވުމަކަށް އައިސްގެންނެވެ. ނަމަވެސް އެމެރިކާއަށް ރަސްމީ ޒިޔާރަތެއްގައި ވަޑައިގެން ކޮންގްރެސްގައި ތަގްރީރު ކުރެއްވުމުގެ ފުރްސަތު އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ އަށް މިފަހަރު ދެއްވާފައިވަނީ ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ރައީސް ބޯހެންރް އެމެރިކާގެ ރައީސް ބަރަކް އޮބާމާއާ މަޝްވަރާ ނުކުރައްވައި ކަމަށް ޚަބަރުތައް ބުނެއެވެ. ނަތީޖާއެއްގެ ގޮތުން ނަތަނިޔާހޫގެ މިދަތުރުފުޅާމެދު ވައިޓް ހައުސްއިން ދެކެނީ ޝައްކުގެ ނަޒަރަކުންނެވެ.
މިކަމާބެހޭގޮތުން ރައީސް ބަރަކް އޮބާމާގެ ގައުމީ ސަލާމަތާބެހޭ މުސްތަޝާރު ސޫޒަން ރައިސް ވިދާޅުވީ އެމެރިކާ ސަރުކާރަށް ރަސްމީގޮތުން އެނގުމަކާނުލައި ނަތަނިޔާހޫ އެމެރިކާއަށް ވަޑައިގެން ކޮންގްރެސްގައި ޚިތާބެއް ދެއްވުމަކީ ދެރަކަމެއް ކަމަށާ މިއީ މިކަން ހިނގަންޖެހޭ ގޮތްނޫންކަމުގައެވެ.
އެމެރިކާގެ ކޮންގްރެސްގެ އަޣްލަބިއްޔަތު އޮންނަ އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ގިނަ މެންބަރުންނަކީ އިސްރާއީލުގެ އަނިޔާވެރިކަމާއި ހަރުކަށި ކަމަށް ތާއީދުކުރައްވާ ޒަޔަނިސްޓް ފިކުރުގެ މެންބަރުންނެވެ. އެހެންކަމުން އީރާނުގެ ނިއުކްލިޔަރ މައްސަލަ ސުލްޙަވެރިކަމާއެކު ޙައްލުކުރުމަށް ރައީސް ބަރަކް އޮބާމާ ކުރައްވާ މަސައްކަތްތަކަށް މިފަރާތްތަކުން ގެންދަނީ ކަނޑައެޅިގެން ދެކޮޅު ހައްދަވަމުންނެވެ. ނަމަވެސް އޮބާމާ ގެންދަވަނީ އީރާނާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އެޅުމަށް މިފަރާތްތަކުން ގޮވާލައްވާ ގޮވާލެއްވުންތަކަށް ބީރުކަންފަތެއް ދެއްވަމުންނެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫއަކީ އީރާނުގެ ނިއުކްލިޔަރ މައްސަލަ ސުލްޙަވެރިކަމާއެކު ޙައްލުކުރުމަށް ރައީސް ބަރަކް އޮބާމާ ކުރައްވާ މަސައްކަތްތައް ހުއްޓާލުމަށާ އަދި އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް އެމެރިކާ އިސްވެ ޙަމަލާދިނުމަށް ގޮވާލައްވާ ހައްދުފަހަނަޅާފައިވާ ބޭފުޅެކެވެ. ނަތިޔާހޫ އެމެރިކާއަށް ވަޑައިގެން ކޮންގްރެސް ގައި ޚިތާބެއް ދެއްވުމުގެ ބޭނުމަކީ އީރާނާމެދު އޮބާމާ ގެންގުޅުއްވާ މެދުމިނުގެ ސިޔާސަތުތަކަށް ގޮންޖެއްސެވުން ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަތަނިޔާހޫ ކޮންގްރެސްގައި ދެއްވާ ޚިތާބުގައި އީރާނާއެކު ސުލްޙައިގެ ވާހަކަތައް ދެއްކުމަކީ އީރާނުގެ "ނުރައްކަލާ" ކުރިމަތިލުމުގެ ސްޓްރެޓެޖީ އޮބާމާގެ ސަރުކާރުން ދޫކޮށްލުން ކަމަށް ވިދާޅުވެ އޮބާމާގެ ސަރުކާރަށް ވަރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާނެ ކަމަށް އޭނާ ދެއްވާ ޚިތާބުގެ ދެލިކޮޕީ ބައްލަވާފައިވާ މުރާސިލުން ހާމަކޮށްފައިވެއެވެ.
މެދުއިރުމަތީގައި އިސްރާއީލު ނޫންގައުމެއް ނިއުކްލިޔަރ ޓެކްނޮލޮޖީ ތަރައްގީ ކުރުމަކީ ފަލަސްތީނުގެ ބިމުގައި ނުހައްގުން އިސްރާއީލު އޮންނަ އޮތުމަށް ހުރި ބިރެއްކަމަށް އިސްރާއީލާއި އެމެރިކާއިންވެސް ދެކެއެވެ. (ނޫސްއެޖެންސީތައް)