ވެރިރަށް މާލޭގެ ރޯމަސް މާރުކޭޓުގައި ކުނިވެފައި ހުންނަ މަސް ވިއްކަމުންދާ ކަމަށާއި އެކަމުގެ ސަބަބުން ނުރައްކާތެރި ބައްޔެއް ފެތުރިދާނެ ކަމުގެ އިންޒާރު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދީފި އެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް ޝަރީފާ އާދަމް މަނިކު އިއްޔެ ވިދާޅުވީ ފަހަކަށް އައިސް މާލޭ ރޯމަސް މާރުކޭޓްގައި ގިނަ ދުވަސްވެ ކުނިވެ ތަޣައްޔަރު ވެފައި ހުންނަ މަސް ވިއްކާކަން އެ އޮތޯރިޓީ އަށް ފާހަގަ ކުރެވިފައިވާ ކަމަށާއި އަދި އާންމުންގެ ފަރާތުން ވެސް އެ އޮތޯރިޓީ އަށް ޝަކުވާ ހުށަހަޅަމުންދާ ކަމަށެވެ.

ބައެއް އާންމު ފަރާތްތަކުން ބުނާ ގޮތުގައި ފިނިކުރި މަހުގެ ގޮތުގައި ވަރަށް ބޮޑަށް ކުނިވެފައި ހުންނަ މަސް މާރުކޭޓްގައި ވިއްކުން އާންމު ކަމަކަށް ވެފައިވާ ކަމަށާއި މާރުކޭޓުން މަސް ގަންނަ ވަރަށް ގިނަ ފަރާތްތަކަށް ކުނިވެފައި މަހުގެ މައްސަލަތައް ދިމާވަމުން އަންނަ ކަމަށެވެ.

މަސް މާރުކޭޓްގައި ވިއްކާ ރޯ މަހާ ބެހޭ ގޮތުން ފުޑް އެންޑް ޑްރަގު އޮތޯރިޓީން ބުނެފައި ވަނީ ކުނިވެފައިވާ މަހާއި ގިނަ ދުވަސްވީ މަސް ވިއްކަމުން ދިއުމުގެ ސަބަބުން އާންމު ސިއްހަތަށް ގެއްލުން ހުރި އަދި ނުރައްކާތެރި ބައްޔެއް ފެތުރި އާންމުވުން ވެސް އެކަށީގެންވާ ކަމަށެވެ. އަދި އެފަދަ އަމަލުތައް ނުކުރުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ބުނީ މަސް ގަންނަ ފަރާތްތަކުން ވެސް މަސް ގަތުމުގައި މަހުގެ ތާޒާކަމަށް ބަލައި ޔަގީން ކުރުމަށް ޚާއްސަ ސަމާލު ކަމެއް ދިނުމަށް އެފަރާތުން އެދޭ ކަމަށެވެ.